ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެ: ފިލްޒާ

ގާނޫނު އަސާސީ އިސްލާހު ނުކޮށް ގާނޫނަކުން ލޯކަލް ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މި އަހަރު ބާއްވަން ޖެހޭ ކައުންސިލް އިންތިހާބު ވަނީ ފަސް ކޮށްފަ އެވެ. އެހެންވެ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ވަގުތީ ގާނޫނެއް ނުވަތަ ސަންސެޓް ގާނޫނެއްގެ ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.

ހަސަން ލަތީފުގެ އެ ބިލު ވަނީ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފަ އެވެ. އެ ބިލަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ބިލެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވެސް ވިދާޅުވަމުން ދާތީ އެ ކޮމިޓީން ވަނީ ކައުންސިލަ ޖެނެރަލް ފިލްޒާގެ ލަފައަކަށް އެދިފަ އެވެ.

ފިލްޒާ ކޮޓީއަށް ދީފައިވާ ލަފާގައި ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީގައި ދައުރު ކަނޑައެޅިފައިވާ މުއްދަތެއް އާންމު ނުވަތަ ވަގުތީ ގާނޫނަކުން ބަދަލު ކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި ދައުރު ދިގު ކުރެވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ.

މީގެ އިތުރުން މި ހާލަތުގައި ގާނޫނު އަސާސީ ބާރު އަޅަނީ ވެސް ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފިލްޒާ ވިދާޅުވި އެވެ. ފިލްޒާގެ ނުކުތާއަށް ބާރު ދިނުމުގެ ގޮތުން ފާހަގަ ކުރައްވާފައި ވަނީ ގާނޫނު އަސާސީގެ 80 ވަނަ މާއްދާއަށެވެ.

ގާނޫނު އަސާސީގެ 80 ވަނަ މާއްދާގައި ވަނީ ކުއްލި ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ޖެހޭ މުއްދަތެއް ނުބޭއްވިއްޖެނަމަ އަމަލު ކުރަން ޖެހޭ ގޮތެވެ. އެއީ މަޖިލީހުން ފާސްކުރާ ގަރާރަކުން އެއް އަހަރަށް ވުރެ ކުރު ނޫން މުއްދަތަށް އާ މަޖިލީސް އިންތިހާބު ކުރެވެން ދެން އޭރު އޮންނަ މަޖިލީހެއްގެ ދައުރު ދިގު ކުރުމެވެ.

މި މައްސަލާގައި ލާމަރުކަަޒީ ކޮމިޓީން ވަނީ ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ވެސް ގާނޫނީ ލަފައެއް ހޯއްދަވާފަ އެވެ. އަދި ބަންޑާރަ ނައިބު ވެސް ލަފާ ދެެއްވާފައި ވަނީ ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ހެދުމަށް ބަންޑާރަ ނައިބު އެކުލަވާލައްވައި ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް މި ހާލަތުގައި ގަނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ.

މަޖިލީހުގެ ތަޅުމުގައި ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ކުރެވިދާނެ އެހެން ގޮތްތަކަކާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި ބަހުސް ކުރައްވައިފަ އެވެ. ހަސަން ލަތީފުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެސް މެންބަރުންގެ މެދުގައި ކުރެވުނު އެ ބަހުސްތަކަށް ފަހުގަ އެވެ.

ގާނޫނީ ވަކީލު ކަން ވެސް ކުރައްވައި ހަސަން ލަތީފު ވިދާޅުވާ ގޮތުގައި އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ނޫނެވެ. ގާނޫނު އަސާސީގައި ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލު ކުރާނެ ގޮތްތައް ވަގުތީ ގާނޫނެއްގައި ހިމެނުމަކީ މަޖިލީސްތަކުން ކުރާ ކަމެއް ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް އެ ޖާގަ ދީފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.