ރައްޔިތުންގެ މަޖިލިސް

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށައިފި

މަސްވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފުނައްޑޫއިން މަސް ގަންނަން ފަށާނެ ތާރީހާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ހެދި އެސެސްމަންޓުން ފުނައްޑޫ ބަނދަރަށް އެކަނިވެސް 157.3 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ދައްކާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ވުޒާރާއާ ހަވާލުވިފަހުން ފިޒިކަލީ އެތަނަށް މީހުން ފޮނުވައިގެން ބެލިބެލުމުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ފުނައްޑޫ މިއަށްވުރެ ފަސޭހަކޮށް ހޭދަކުޑަކޮށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ގަބޫލުކުރެވޭތީ މިހާރު ވުޒާރާގައި އިންޓާނަލީ މިކަމުގެ މަސައްކަތްތައްކުރާ ވާހަކަ އިއްޒަތްތެރި މެންބަރުގެ މައުލޫމާތަށްޓަކައި ދަންނަވަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އިތުރު ފީސިބިލިޓީ ހަދަމުންދާ ކަމަށާއި އުންމީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓޯރޭޖް ކެޕޭސިޓީއަށް ކުރާ މަސައްކަތް ވީހާވެސް ނިމިގެންދިއުން ކަމަށެވެ.

"ފުނައްޑޫއަކީ މި ހައްލު އަޅުގަނޑުމެންނަށް ޔަގީނުންވެސް ގެނެސްދޭނެ އެއް ފެސިލިޓީ،" ޝިޔާމް ވިދާޅުވި އެވެ.

ފުނައްޑޫގައި މަސް ފެކްޓަރީއެއް ތަރައްގީކޮށް 2004 ވަނަ އަހަރު މަސް ގަންނަން ފެށި ރަށަކީ ކުރީގެ ހޯމް މިނިސްޓަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ރަށެކެވެ. ފުނައްޑޫއަށް މަސްގަތުމުގެ އޮޕަރޭޝަން އެ ކުންފުނިން ހުއްޓާލީ 2008 ވަނަ އަހަރު އެވެ. ތަސްމީންގެ ކުންފުނިން ފުނައްޑޫ ފެކްޓަރީ ހެދުމަށް ބީއެމްއެލް އިން ނަގާފައި އޮތް ލޯން ނުދައްކާ އޮތުމުން ބޭންކުން އެ ރަށް ވިއްކާލުމަށް އެތައް ފަހަރަކު އިއުލާންކޮށްފައި ވަނިކޮށް ސަރުކާރުން ފުނައްޑޫ ގަނެ އެރަށުގެ ފެކްޓަރީ ހިންގުމަށް މިފްކޯއާ ހަވާލުކުރީ މާޗް ހައެއް، 2022 ގަ އެވެ.