މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ އަވަހަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް ފަށައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަރާރު ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މަސްވެރިކަން ކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގެއް ކަމަށާއި ގައުމުގެ އިގުތިސާދާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މިފަދަ މުހިންމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި ގާނޫނުން މަސްވެރިންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ.
"މަސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ފައިސާ ދިނުމުގައި ދެ މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އެ ފަރާތްތަކަށް ފައިސާ ލިބިފައިނުވާކަމާއި މިކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމަށް ދަތިވަމުންދާ ކަމަށް،" ގަރާރު ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ މިފްކޯއަށް މަސްކިރުމަށްފަހު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި މިހާ ގިނަދުވަސްވެ ދިގުލައިގެން ގޮސްފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑިސެމްބަރު 18 އިން ފެށިގެން މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށެވެ.
މަސްވެރި އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުދި ދަތިތަކާ ކުރިމަތިލާންޖެހޭކަމުގެ ކަންބޮޑުވުން އެތައް މަސްވެރިންނެއް ފާޅުކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާތީ މިކަމާ ގުޅިގެން ސަރުކާރުން އަވަސް ފިޔަވަޅެއް އަޅައި މަސްވެރިން ބާނާ މަހަށްވާ ފައިސާ ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
މި ގަރާރުގެ ބަހުސް ފަށާފައިވާއިރު މަސް ކިރުމަށްފަހު އަނބުރާ ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ މަސްވެރިންގެ ބަޔަކު މިފްކޯގެ މަސް ފެކްޓަރީ ހިންގަމުންދާ ކޫއްޑޫގައި އިއްޔެ ވަނީ މުޒާހަރާކޮށްފަ އެވެ.
މަސްވެރިންގެ މުޒާހަރާއާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ މާޗް ފަސް ވަނަ ދުވަހުގެ ނިޔަލަށް ދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
އޭގެ ފަހުން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން ހަފުތާއެއްގެ ތެރޭގައި ފައިސާ ދެވޭ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ