އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭތީ އިދިކޮޅު ކޯލިޝަންގެ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އޮޅުވާލުންތަކެއް ހިމެނޭ ގޮތަށް ކަމަށް މަޖިލީހުގައި އެ ސިޓީ ތަމްސީލު ކުރައްވާ މެންބަރުން ޝިޔާމަށް ބަހުގެ ހޫނު ރައްދުތަކެއް ދެއްވައިފި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން އައްޑޫ ސިޓީއާ ގުޅުން ހުރި ކުއްލި މައްސަލައެއް މަޖިލީހަށް ވެއްދިއިރު، މަޖިލީހުގައި އައްޑޫ ސިޓީގެ ހަތް ދާއިރާ ތަމްސީލު ކުރައްވަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންނެވެ.
އެ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޝިޔާމް މައްސަލަ ހުށަހެޅުއްވިއިރު ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށެވެ. އައްޑޫގައި ޕީޕީއީއާއި، މާސްކްއާއި، ސެނިޓައިޒާ ފަދަ ސިއްހީ ވަސީލަތްތައް ވެސް ބޭނުންވާ މިންވަރަށް ލިބެން އެބަ ހުރި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ޓަކައި ބޭނުންވާ ސިއްހީ ވަސީލަތްތައް އުފެއްދުމާއި ލިބުމުގައި ތާށިތަކެއް އެބަ ހުރި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ކޮންމެ ހިސާބަކުން ސާމްޕަލް ނެގޭ ކަމަށާއި އެ ނަގާ ސާމްޕަލްތައް މާލެއަށް ގެނެސް 24 ގަޑިއިރު ތެރޭ ޓެސްޓް ކުރެވޭނެ ގޮތް ވެސް ހަމަޖެހިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"އައްޑޫން ޕޮޒިޓިވްވި ކޭސް ވެސް ފަހުން ނެގެޓިވްކަން ޔަގީންވީމަ އައްޑޫގަ ކޮމިއުނިޓީ ސްޕްރެޑެއް އަދި ނެތް، އައްޑޫން ވެސް ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ މި ތަނުން މެޝިނެއް ގެންގޮސްގެން ވެސް އައްޑޫގައި ސަރުކާރުން ކަންކަން ހަމަޖައްސާނެ،" ރޮޒައިނާ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަނީ ސަރުކާރުގެ ސަމާލު ކަމަށް އެ މައްސަލައެއް ގެނައުމަށް ކަމަށާއި ނަމަވެސް ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ސަރުކާރުގެ ސަމާލު ކަމަށް މާ ކުރިން އައިސް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަންކަން ކަމަށެވެ.
އިޔްލާސް ވިދާޅުވީ އައްޑޫގައި ވެސް ޓެސްޓް ކުރެވެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް މުޅި ދުނިޔޭގައި ވެސް މި ވަސީލަތްތަކަށް ތާށިތަކެއް އައިސްގެން އުޅޭ ކަން އިދިކޮޅު ފަރާތްތަކަށް ވެސް ސާފުވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އައްޑޫ ހިތަދޫގެ ކުރީގެ ހޮސްޕިޓަލް ކޮވިޑަށް ފަރުވާ ދޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ކަން ފާހަގަ ކުރައްވައި އިލްޔާސް ވިދާޅުވީ އައްޑޫގައި ވެސް ކޮމިއުނިޓީ ސްޕްރެޑް އައިސްފިނަމަ ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ވަގުތުން ގެންދެވޭ ގޮތަށް ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވެސް ވިދާޅުވީ ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކުއްލި މައްސަލައެއް ވެސް ނޫން ކަމަށެވެ. އެއީ މި ބަލިމަޑުކަމުގެ ހާލަތަކީ ސިޔާާސީ މޮޅެއް ލިބުނު ހާލަތެއް ކަމުގައި ދެކި، އައްޑޫ ރައްޔިތުން އޮޅުވާލުމުގެ ބޭނުމުގައި ޝިޔާމް ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.
"އައްޑޫ ރައްޔިތުންނަކީ ހޭލުންތެރި ބައެއް. އައްޑޫ ރައްޔިތުންނަށް ވަރަށް ސާފު، ދުނިޔޭގައި މިހާރު މި އޮތް ހާލު، އެ ރައްޔިތުންނަށް ޓަކައި އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރާނެ ކަން ވެސް ވަރަށް ރަނގަޅަށް އެނގޭނެ." ނިހާދު ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވީ ދުނިޔޭގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތާއި ރާއްޖޭގެ ހާލަތު ވެސް ޝިޔާމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ހުރިހާ ގައުމަކަށް ވެސް ސިއްހީ ތަކެތީގެ ޑިމާންޑް ބޮޑުވެ ސަޕްލައިގައި ތާށްޓެއް އުޅޭކަން އެއް ގޮތަކަށް ވެސް ޝިޔާމަށް ސާފުނުވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޝިޔާމް ހުށަހެޅުއްވި މައްސަލާގައި މި އޮތް ގޮތުން ހީވަނީ ރާއްޖެއަކީ ކަންމަތީ ސްޓޯރުން ޓެސްޓް ކިޓް ވިއްކާ، ޓެސްޓް ކިޓް އުފައްދާ ގައުމެއް ހެން، މާލޭގައި ވެސް އަދި ރާއްޖޭގައި ވެސް އެކަށީގެންވާ ވަރަށް ޓެސްޓް ނުކުރެވޭ ކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް." ޝަރީފު ވިދާޅުވި އެވެ.
ޝިޔާމް މި ކުއްލި މައްސަލަ މަޖިލީހަށް ވައްދާނެ ކަން ރޭ ހާމަ ކުރެއްވުމާއެކު ސަރުކާރުގެ އިސް ބޭފުޅުންނާއެކު މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ބައްދަލު ވެސް ކުރެއްވި އެވެ. ވަރަށް އަވަހަށް އައްޑޫގައި އެ ކަން ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.