ރައްޔިތުންގެ މަޖިލިސް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަންނަ އަހަރު ތަރައްގީ ކުރަނީ

އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ސިޓީ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުމުގެ މަސައްކަތް ފެށޭނެ ތާރީހާ ގުޅޭ ގޮތުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

އެ ގޮތުން މިފްކޯ މެދުވެރިކޮށް މި މަސައްކަތް ކުރުމަށް ފަންޑިން އެޖެންސީތައް މެދުވެރިކޮށް ކުރި މަސައްކަތުން އައިއެސްޑީބީގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް ހިމެނޭ ގޮތަށް މި މަސައްކަތް ކުރެވޭނެ ފައިސާ މިދިޔަ ހަފުތާގައި ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މި މަސައްކަތް (ފިޝަރީޒް ކޮމްޕްލެކްސް) އަޅުގަނޑުމެން 2025 ވަނަ އަހަރުގެ ކުރީކޮޅު ފަށައި އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރުގެ ފަހުކޮޅު ނޫނީ 2026 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ރައްކާކުރެވެނީ 1،500 ޓަނުގެ މަހެވެ. އަދި އެތަނުގައި މިހާރު ހުރީ 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީއެކެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީ ކުރެވުމުން އެތަނަށް 1،000 ޓަނުގެ ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށެވެ. އެ ތަން ތަރައްގީކުރުމުން ދުވާލަކު 100 ޓަނުގެ ބްރައިން ގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.