އަހުމަދު ޝިޔާމް

މަސްވެރިންގެ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދިނުމަކީ ވައުދެއް، ނުފިލާނަން: ޝިޔާމް

މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެއީ "ފިލާނެ ވައުދެއް" ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ދެވަނަ ބުރުގައި ކާމިޔާބު ނުވާނެކަން އެނގުމުން މަހުގެ އަގު ބޮޑުކުރި ކަމަށެވެ.

މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރު ހަވާލުވިިއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދެވި ބެކްލޮގްގައި އޮތްކަން ފާހަގަކުރައްވާ މިނިސްޓަރު ޝިޔާމް ވިދާޅުވީ އެ ފައިސާ ދައްކާ ހަލާސްކޮށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މި ސަރުކާރުން ބަރާބަރަށް ދެމުންދާ ކަމަށެވެ.

މަހުގެ އަގު ކަނޑައަޅަންވާނީ ދުނިޔޭގެ ބާޒާރުގެ އަގާއި ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަހުގެ އަގަށް އޭރު އަޅުގަނޑުމެން ބަދަލު ނުގެނައިނަމަ ދިވެހިރާއްޖޭގައި މި ސިނާއަތެއް ނޯންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަހުގެ އަގަށް ބަދަލު ނުގެނައިނަމަ ދިވެހިން ދައްކާ ހުރިހާ ޓެކްސް ފައިސާއެއް ހަރަދުކުރަންޖެހޭނީ މިފްކޯ ހިންގުމަށެވެ.

މަހުގެ އަގަށް ބަދަލު ނުގެނައިނަމަ 1.2 ބިލިއަނެއްހާ ރުފިޔާ މި އަހަރުވެސް ހޭދަކުރަންޖެހޭނެ ކަމަށާއި އެއީ 100 ޓަނުގެ ދެ ފެކްޓްރީ އަޅާނެ ފައިސާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.