ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމަށް ސަރުކާރުން ހުއްދަ ދޭން އުޅޭތީ އެކަން ބަދަލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މައުރޫފު ޒާކިރު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުގައި އެކި ފަހަރުމަތިން ލޭނު މަސްވެރިކަން ކުރުމަށް ހުއްދަދޭން ނިންމި ނަމަވެސް އެ ނިންމުން ތަންފީޒުކޮށްފައިނުވާ ކަމަށެވެ.
"މައިގަނޑު ސަބަބަކަށްވެފައިވަނީ ކަނޑުގެ ދިރުންތައް ހަލާކުވެދިއުމަށް މަގުފަހިވާތީ އާއި މަސްވެރިކަމުގެ އަމާޒަކަށްނުވާ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ އެތައް ދިރުންތަކެއްވެސް މިފަދަ މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށްވެ މަސްވެރިކަމުގެ ސިނާއަތަކަށް ތަފާތު ގޮތްގޮތުން އޭގެ ގެއްލުމާއި ކުރިމަތިލާން ޖެހުން،" މައުރޫފު ޒާކިރު ވިދާޅުވި އެވެ.
މައުރޫފު ވިދާޅުވި ގޮތުގައި ބޮޑު ކަންނެލީގެ މަސްވެރިކަމަށް އަލުން ހުއްދަ ދިނުމަކީ މަސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކާއި ތިމާވެށީގެ ދިރުންތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމެކެވެ.
ލޭނު މަސްވެރިކަމަށް ހުއްދަ ދީފިނަމަ މަސްވެރި އާއިލާތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑު ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުޅުވާލުމާއެކު އެކަންކުރުމުގެ ހުއްދަ އާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެންދަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް،" މައުރޫފު ވިދާޅުވި އެވެ.
ލޭނު އެޅުމަކީ ތިމާވެއްޓާއި ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަން މައުރޫފު ފާހަގަކުރެއްވި އެވެ.
އެގޮތުން މިޔަރާއި ވެލާކަހަނބާއި އެންމަޑި ފަދަ ހިމާޔަތްކުރެވިފައިވާ ދިރުންތައް ބައިކެޗް ގެ ގޮތުގައި ހިފުމަށް މަގުފަހިވާ ކަމަށް މައުރޫފު ވިދާޅުވި އެވެ. މިފަދަ ދިރުންތަކުގެ އާބާދީ މަދުވުމަކީ އޭގެ ސީދާ އަދި ނުސީދާ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ލޭނު މަސްވެރިކަމާ ދެކޮޅަށް އަޑުއުފުލާ މަދަނީ ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ލޭނު މަސްވެރިކަމުގެ ސަބަބުން ކަނޑުމަތީގައި ހިންގާ ގާނޫނާ ހިލާފު ކަންކަން އިތުރުވުން ހިމެނޭ ކަމަށް މައުރޫފު ވިދާޅުވި އެވެ.
މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ބަހުސްކުރަން ނުފެންނަ ކަމަށް 47 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރު އިންނެވި އެވެ.