ޓޫރިޒަމްގެ ގާނޫނަށް އިރުއިރުކޮޅާ އިސްލާހު ގެނައުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި ސިނާއަތަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދުދީދީ ވަނީ މިއީ ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި މި ގާނޫނަށް ހުށަހަޅާ ތިން ވަނަ އިސްލާހުކަން ފާހަގަކުރައްވާފަ އެވެ.
ގާނޫނަށް އިރުއިރުކޮޅާ އިސްލާހު ހުށަހެޅުމުން ސަރުކާރުގެ ޕޮލިސީއެއް ނެތްކަން ހާމަވާ ކަމަށް މެންބަރު އަހުމަދުދީދީ ވިދާޅުވި އެވެ.
"މިކަމުން މި އެނގެނީ މި ސަރުކާރުގެ ޕޮލިސީއެއް، ދުރުރާސްތާ ޕޮލިސީއެއް، ސިޔާސަތެއް އެޖެންޑާއެއް ނެތްކަން،" އަހުމަދުދީދީ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ހުށަހެޅުއްވި އިސްލާހުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ހިމަނާފައިވާތީ މެންބަރު އަހުމަދުދީދީ ވަނީ ފާޑު ވިދާޅުވެފަ އެވެ.
"ރަށްރަށުގެ ކައުންސިލްތަކުގެ ސިޓީ ކައުންސިލްތަކުގެ އިހުތިސާސް ތެރޭގައި ހުންނަ ފަޅުތަކާއި ރަށްތައް މިހާރު ރައީސުލްޖުމްހޫރިއްޔާ ބޭނުންއިރެއްގައި ބޭނުން ގޮތަކަށް ޓޫރިޒަމް ތަރައްގީކުރުމުގެ ނަމުގައި ނެގޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެއް،" އަހުމަދުދީދީ ވިދާޅުވި އެވެ.
އަހުމަދުދީދީ ވިދާޅުވީ ދުރުރާސްތާ ޕްލޭނެއް ނެތި ގާނޫނަށް އިރުއިރުކޮޅާ އިސްލާހު ގެނައުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި ސިނާއަތަށް އަސަރުކޮށްފާނެ ކަމަށެވެ.
ބިލްގެ ބަހުސްގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މި އިސްލާހަކީ "ޑިސްކައުންޓް އަޅުވަން" ހުށަހެޅި އިސްލާހެއް ކަމަށް ވިދާޅުވެފަ އެވެ.
ޝަމްހީދު އިޝާރާތް ކުރެއްވީ ރިސޯޓު މުއްދަތު އިތުރުކުރާއިރު ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާނަމަ ލުއި ދެވޭ ގޮތަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ގެނައި އިސްލާހަަށެވެ.
ޓޫރިސްޓް ރިސޯޓެއް 99 އަހަރަށް ލީޒް އެކްސްޓެންޑް ކުރާއިރު 10 މިލިއަން ޑޮލަރު ނަގާކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.
"ކޮންމެ ހަ މަހަކުން މިތަނަށް މި ގެންނަނީ 50 ޕަސެންޓް ޑިސްކައުންޓް ބިލެއް. މާނައަކީ ހަ މަސް ތެރޭގައި ތިބޭފުޅުން (ރިސޯޓު އޯނަރުން) މި ކަމަށް (ރިސޯޓުގެ މުއްދަތު އިތުރުކުރަން) އެދެފިއްޔާ ފަސް މިލިއަން ޑޮލަރުން މިކަން ހަމަޖެހިދާނެއޭ،" ޝަމްހީދު ވިދާޅުވި އެވެ.
ބިލްގެ ބަހުސްގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވަނީ އެއް އަހަރު ތެރޭގައި ޓޫރިޒަމް ގާނޫނަށް ތިން ވަނަ ފަހަރަށް ބަހުސްކުރަން ޖެހުމުން ސުވާލު އުފައްދަވާފަ އެވެ.
"މިހާ އަވަސް އަވަހަށް ގާނޫނެއް ބަދަލުކޮށް މިއަށް ކަންކަން އަންނަނަމަ އިންވެސްޓްކުރަން ތިބި ފަރާތްތައްވެސް ކޮށްފަ ތިބި ފަރާތްތަކަށްވެސް އަބަދުވެސް އޮންނާނެ ކަންބޮޑުވުމެއް ދެން ބަދަލެއް އަންނާނީ ކޮން އިރެއްގައިތޯ،" އަމީން ފައިސަލް ވިދާޅުވި އެވެ.
އެ ގޮތުން އޮގަސްޓް 2024 ގައި "ޑިސްކައުންޓް" އިސްލާހެއް ގެނައުމަށްފަހު އޭގެ ދެތިން މަސް ފަހުން އަނެއްކާވެސް ގާނޫނަށް އިސްލާހު ހުށަހަޅައި ގްރީން ޓެކްސް ރޭޓަށް ބަދަލު ގެނައި ކަމަށް އަމީން ވިދާޅުވި އެވެ.
އަމީންވެސް ވަނީ އަވަސް އަވަހަށް އިސްލާހު ގެނައުމުން ޓޫރިޒަމަށް އަސަރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.