ރާއްޖޭގެ ޓޫރިޒަމަކީ ދިވެހިންނަށްޓަކައި ހިންގޭ ކަމަކަށް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައި މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 52 އަހަރުވެގެންދިޔައިރު ދާއިރާގެ ބޮޑު ފައިދާވީ ރިސޯޓު އޮޕަރޭޓަރުންނަށް ކަމަށެވެ.
"މި ޓޫރިޒަމްއަކީ ދިވެހިންނަށްޓަކައި ހިންގޭ ޓޫރިޒަމަކަށް ބަދަލުކުރަން އެބަޖެހޭ. 50 އަހަރު އިންޑަސްޓްރީއަށްޓަކައި ހިންގުނު ޓޫރިޒަމެއް ކުރިއަށް އޮތް 50 އަހަރު އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްޓަކައި ހިންގޭ ޓޫރިޒަމަކަށް ބަދަލުކޮށްލީމާ، ޓޫރިޒަމްގެ ހަގީގީ މަންފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ،" މައުރޫފު ވިދާޅުވި އެވެ.
ޓޫރިޒަމްގައި އެންމެ ފުރަތަމަ އިންވެސްޓްކުރި ފަރާތްތަކުން އެތައް ރިސޯޓެއް ހުޅުވިއިރު އެންމެ ފުރަތަމަ ޓޫރިޒަމްގައި ވަޒީފާ އަދާކުރަން ފެށި މީހުންގެ ހާލަތު ބަލާލަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"15 އަހަރު ޓޫރިސްޓް ރިސޯޓެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކަށް ތިން ކޮޓަރީގެ ގެއެއް ނޭޅޭ. ނަމަވެސް 15-20 އަހަރުގެ ތެރޭގައި ތިން ހަތަރު ރިސޯޓު ދިވެހިރާއްޖޭގައި ޓޫރިޒަމްގައި އިންވެސްޓްކުރާ ފަރާތްތަކަށް އެޅޭކަމީ އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެއް،" މައުރޫފު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިސްޓް ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހިންގެ އަދަދު މަދުވަމުންދާ ކަމަށާއި މިކަމަށް ސަމާލުވެ ޓޫރިޒަމް ދާއިރާގެ ރަނގަޅު ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ވަޒީފާތަކަކަށް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސާވިސް ޗާޖުތަކުން ވައްކަންކުރާ ރިސޯޓްތަކާއި މުސާރަ ނުދީ މުވައްޒަފުން ލައްވާ މަސައްކަތްކުރުވާ ރިސޯޓްތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް މައުރޫފު ވިދާޅުވި އެވެ.