މުހައްމަދު ސައީދު

"ގުރުލައިގެން ވިޔަސް ޓޫރިޒަމަށް ވަޒީރަކުން ލާންޖެހޭ"

Aug 5, 2020
6

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓްނަރުންގެ ތެރޭގައި ރަނގަޅު ގުރުއަތެއް ލައިގެން ނަމަވެސް ކެބިނެޓްގައި ހުހަށް އޮތް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އިކްނޮމިކް މިނިސްޓަރުކަން ކުރެއްވެވި އަދި ވަރަށް ދިގު ޒަމާންތަކެއް ވަންދެން ރިސޯޓް މެނޭމަންޓްގެ ދާއިރާގައި މަސައްކަތް ކުރެއްވި ސައީދު "އަވަސް" އޮންލައިންގެ ހަބަރަކާއެކު ޓްވީޓެއް ކުރައްވާ ވިދާޅުވީ ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު އަސާސީ ގިނަ އިންތިޒާމުތައް ހުރީ ހަމަނުޖެހި ކަމަށެވެ. އަދި ކޯލިޝަންތެރޭގައި ގުރުއަތެއް ލައިގެން ވިޔަސް ޓޫރިޒަމަށް ވަޒީރަކު ލާން ޖެހޭ ކަމަށެވެ. ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ބަދަލުވަމުން ދާ ކަމަށް ވެސް އޭނާ އިންޒާރު ކުރައްވާފައި ވެއެވެ.

"ކޯލިޝަންތެރޭގައި ގުރުއަތު ލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރައްވާ! ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް،" އޭނާގެ އެ ޓްވީޓްގައި ވެއެވެ.

ކޮވިޑްގެ ދިގު ލޮކްޑައުންއަށް ފަހު މިދިއަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ދުނިޔެއަށް ހުޅުވާލި ފަހުން މިހާތަނަށް އައިސްފައި ވަނީ ވަރަށް މަދު 17،00 އެއްހާ ޓޫރިސްޓުންނެވެ. އަދި ހުޅުވާލައިގެން މިހާތަނަށް އާއިރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ޓޫރިސްޓު ޕީސީއާރް ޓެސްޓް ނުހެދޭތީ، ނުފުރިގެން އޮތް ޝަކުވާތައް ވެސް ބޮޑުވެފައި ވެއެވެ.

މި ހާލަތުގައި އޮތް އިރު ރާއްޖޭގެ ބޯޑަރު ހުޅުވީ ވެސް ޓޫރިޒަމް މިނިސްޓަރަކު ނެތި އެވެ. އެކަމާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީގެ ޝަކުވާތައް ވެސް އިތުރުވެފައި ވެއެވެ.

އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޑައިގެންނެވީ އަލީ ވަހީދެވެ. ތުހުމަތުތަކާއެކު ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކި ކުރި ފަހުން ވަގުތީ ގޮތުން އެ މިނިސްޓްރީ ބައްލަވަނީ އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އެވެ. އަލީ މަގާމުން ވަކިކޮށް ފައްޔަ ވަގުތީ ގޮތުން ޓޫރިޒަމާ ހަވާލުވީ މިދިއަ މަހުގެ ނުވަނަ ވަނަ ދުވަހު އެވެ. އެފަހުން މަހެއްވާން ދަނީ އެވެ.