ރާއްޖެއަށް މިއަހަރުގެ ނިޔަލަށް ޒިޔާރާތް ކުރާނެ ފަތުރުވެރިންގެ އަދަދުގެ މިހާރުގެ އަމާޒަކީ 1.9 މިލިއަން ފަތުރުވެރިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕޭންގައި މިރޭ މ. މުލަކަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން މިއަހަރަށް ކަނޑައެޅި އަަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ކަމަށެވެ. ނަމަވެސް މިހާރުގެ ނަންބަރުތަކަށް ބަލާއިރު މިހާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމުގައި އިއުލާންކުރެއްވި އެވެ.
"މާދަމާ އަޅުގަނޑުމެން މި މަރުހަބާ ކިޔަނީ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މިރޭ އެންމެ ބޮޑަށް ހަނދާންކޮށްދެއްވީ ކޮވިޑް 19ގެ ދުވަސްވަރު ދިމާވި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކެވެ. އެގޮތުން ރައީސް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރާއި ދުނިޔޭގެ ގައުމުތައްވެސް ބަންދުކުރުމާ ގުޅިގެން އެ ވަގުތު ދައުލަތަކުން ރައްޔިތުންނަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ޒިންމާދާރުކަމާއެކު އަދި ވިސްނުންތެރިކަމާ އެކު އެޅުއްވި ކަމަށެވެ. ކޮވިޑް 19 ކުރިމަތިވި އަހަރު -- 2020 ވަނަ އަހަރު ދައުލަތަށް ލިބެން އޮތް 14 ބިލިއަން ރުފިޔާގެ އާމްދަނީ ނުލިބި ދިޔަ ކަންވެސް ރައީސްގެ ވާހަަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ކޮވިޑް 19 އާއި ގުޅިގެން އިގްތިސާދު ކޮޅަށް ޖެހުމަށް އެޅުއްވި ފިޔަވަޅުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އިންކަމް ސަޕޯޓްގެ ގޮތުގައި 321 މިލިއަން ރުފިޔާ 22،900 އަށް ވުރެ ގިނަ މީހުންނަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އަދި 1،400 ވިޔަފާރިއަކަށް ސޮފްޓް ލޯނުގެ ގޮތުގައި 380 މިލިއަން ރުފިޔާ ދޫކުރި ކަމަށެވެ.
"ޖުމްލަ 1.1 ބިލިއަން ރުފިޔާގެ ލުއި ލޯނު ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ވިޔަފާރިތަކަށް ހަމަޖައްސައިދިނިން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވިތާ މިއަދަށް ތިން އަހަރުވީއިރު ކޮވިޑާ ގުޅިގެން އެޅުއްްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ސްރީލަންކާއަށް އިޝާރާތް ކުރައްވާ އެކަމަކު އެ ގައުމުގެ ނަން ހިއްސާ ކުރެއްވުމެއް ނެތި ރައީސް ވިދާޅުވީ ރާއްޖެއިން ފިޔަވަޅު އެޅި ގޮތަށް ފިޔަވަޅުތައް އަޅާފައި ނުވާ ގައުމުތައް މިއަދު އުޅޭ ހާލަތުވެސް އަޅުގަނޑުމެންނަށް ކައިރިން ފެންނަމުންދާ ކަމަށެވެ. ކޮވިޑް 19 އިން އަރައިގަނެވުނުތަނާހެން ރަޝިއާ ޔުކްރޭން ހަނގުރާމަ ކުރިމަތިވެ އިތުރު އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑު ހަރަދެއް ކުރަންޖެހުނީ ތެޔޮ އަގު ހެޔޮކުރުމަށް ކަމަށާއި ތެޔޮ ގަންނަން ބަޖެޓްކޮށްފައިވާ އަދަދަށް ވުރެ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު މިހާރު ކޮންމެ މަހަކުހެން ހަރަދުވާ ކަމުގައި ވިދާޅުވި އެވެ.
"ތެޔޮ އަގުހެޔޮކުރަން މިދިޔަ ދެ އަހަރު ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފިން. އެ ދުވަހު ލޯނު ނަގައިގެން ކުރި ކަމަކީ އިގްތިސާދު ކޮޅަށް ޖެހުން. ޕްލޭން އޮވެގެން ކަންކުރީމާ އިގްތިސާދު ބަނގުރޫޓް ނުވެ ކޮޅަށް ޖެހިފައި މިވަނީ،" ރައީސް ވިދާޅުވި އެވެ.
އައިއެމްއެފްއާއި ވޯލްޑް ބޭންކްގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުން ކުރިން އަންދާޒާ ކުރީ މިއަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ ހައެއް ނުވަތަ ހަތެއް ޕަސަންޓްގައި ކަމަށެވެ. ނަމަވެސް މިހާރުގެ އަންދާޒާ އަކީ 9.4 ޕަސަންޓް ކުރިއެރުން ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގެ ތެލުގެ އަގު ބޮޑުވެ، ތަކެތީގެ އަގު އުފުލި އިންފްލޭޝަން މައްޗަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކާއި ބޭރުގެ ބައެއް މާލީ އިދާރާތަކުން ބުނަމުން ދިޔަ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސަންޓް މިއަހަރު މައްޗަށް ދާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް މިހާރުގެ އަންދާޒާ އަކީ އެ އަދަދު 3.4 ޕަސަންޓްގައި ހިފެހެއްޓިފައި ހުރުން ކަމުގައި ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. މިއީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ތަފާސްހިސާބުތައް ބަލައި ދިރާސާކުރުމަށްފަހު މިހާރު ބުނާ އަދަދު. ޔޫރަޕްގައި އިންފްލޭޝަން އުޅެނީ ނުވަ ޕަސަންޓްގައި. އެހެންވީމާ އަޅުގަނޑުމެން އަގުތައް ހިފަހައްޓަން ކުރި މަސައްކަތުގެ ނަތީޖާ މިއަދު މިފެންނަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރު ދިވެހި ދައުލަތަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭއިރު، އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އިގްތިސާދު ދެގުނަކޮށް 2028 ވަނަ އަހަރު ނިމޭއިރު ދައުލަތަށް 50 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިދޭނެ ކަމަށެވެ. ވޯލްޑް ބޭންކްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަދު ރާއްޖެއަކީ މުޅި ދުނިޔެ އިންވެސް އެންމެ ބާރަށް އިގްތިސާދު ކުރިއަރާ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކަށް ބުނެވިދާނެ ތަކެތީގެ އަގު ބޮޑު ވަނީއޭ. އިންފްލޭޝަން މައްޗަށް ދަނީއޭ. އެކަމަކު މިހުރީ ތަފާސްހިސާބުން ފެންނަން ކުރިއަރާދާ ގޮތް،" ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.