ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާ ޓޫރިޒަމް އެމްޕްލޮޔާސް އެސޯސިއޭޝަން (ޓީމް)ގެ ތާއީދު އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަމަށް ޓީމުން ބުނެފި އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތައް ހޯދާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުގެ އެހީތެރިކަމަކީ މުހިއްމު ކަމެއް ކަމުގައި ޓީމުން ދެކޭ ކަމަށާއި ކޮންމެ ފަސް އަހަރަކުން އިންތިހާބުކުރާ ރައީސް، އިންތިހާބު ކުރުމުގައި މަސައްކަތްތެރިންގެ ދައުރު އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށް ޓިމުން ބުނެފައިވެ އެވެ.
ޓީމުން ބުނި ގޮތުގައި ސަރުކާރުތަކުން އެކުލަވާލާ ސިޔާސަތުތަކަށް ބަސްކިޔާ، މަޝްވަރާކޮށް އެ ސިޔާސަތުތަކަކީ އެ ދާއިރާއެއްގެ މަސައްކަތްތެރިންނަށް އެންމެ ފައިދާހުރި ސިޔާސަތުތައްތޯ ދެނެގަނެ އެކަންކަމުގެ މައްޗަށް ބިނާކޮށް ވޯޓް ދިނުމުގައި ގޮތެއް ނިންމުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ރައީސް ސޯލިހުގެ ފަސް އަހަރު ވެގެން ގޮސްފައިވަނީ މީގެ ކުރިން އެއްވެސް ދައުރެއްގައި ކޮށްދީފައި ނުވާ މިންވަރަށް ރިސޯޓުތަކުގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދެއްވުމަށް މަސައްކަތްކޮށް އެއްބާރުލުން ދީފައިވާ ފަސް އަހަރުކަމުގައި ޓީމުން ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.
ޓީމުން ރައީސްއަށް ތާއީދުކުރާ ސަބަބުތަކުގެ ތެރޭގައި އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރުމާއި، ރިސޯޓު މުވައްޒަފުންގެ މަޝްވަރާގެ މަތިން މިނިމަމް ވޭޖު ތައާރަފްކުރުމުގެ އިތުރަށް މުވައްޒަފުންގެ މުސާރައިގެ ބޮޑު ކުރިއެރުމެއް ލިބގެން ގޮސްފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން 10 ޕަސެންޓް ސާވިސް ޗާޖު ނެގުން ލާޒިމު ކޮށްފައިވާވކަމަށާއި އުސޫލެއް ނެތި ވަޒީފާއިން ވަކިކުރުން ހުއްޓުވަން ގާނޫނު އިސްލާހު ކުރުމަކީވެސް ޓީމުން ރައީސަށް ތާއީދުކުރާ ސަބަބުތައްވކަމުގައި ބުނެފައިވެ އެވެ. އަދި ރިސޯޓުގައި މަސައްކަތް ކުރާ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ރިސޯޓުން ފޭބޭނެ ގޮތަށް ގާނޫނު ބަދަލު ކުުރުމާއި ރިސޯޓް މުވައްޒަފުން އެދުނު ގޮތަށް ރިސޯޓް ޗުއްޓީ ބަދަލު ކުރުންވެސް ފާހަަގަކޮށްފައިވެ އެވެ.
މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް މަޖިލީހަށް ފޮނުވުމުގެ އިތުރަށް އިންޑަސްޓްރީ ރިލޭޝަން ބިލް މަޝްވަރާއާ އެކު އިސްލާހު ގެނެވި މަޖިލީހަށް ފޮނުވުމަކީވެސް ޓީމުން ރައީސަށް ތާއީދު ކުރާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.
"މިޖަމިއްޔާގެ ގިނަ މެމްބަރުން މިދެންނެވި ކަންކަން ބަލައިގަންނަކަމާއި އަދި ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމު ދާއިރާގެ މަސައްކަތްތެރިންނަށް ހާއްސަކޮށް މުހިއްމު ސިޔާސަތުތަކެއް އެކުލަވާލެވިފައިވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް ނިންމާފައިވާ ކަމަށް ދަންނަވަން." ޓިމުން ބުންޏެވެ.