ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިހާބު ކާމިޔާބު ކުރެވޭނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނިކުމެގެން: ރައީސް

ވޯޓުލާން ވީހާވެސް ގިނަ ބަޔަކު ދިއުމަކީ މި އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މި އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ލިބުނު 20 ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ޓީމުން ކެމްޕޭންގެ ކަންކަން އަލުން އިންތިޒާމު ކުރެއްވި ކަމަށާއި އެ އިންތިޒާމުތަކާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ގޮސްގެން ކަމަށާއި ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއަކީވެސް ގިނަ ބަޔަކު ވޯޓުލާން ނުދިޔުމުން ދިމާވި ގޮތެއް ކަމަށް ފާހަގަކުރެއްވޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް މި އިންތިހާބުން ސީދާ ލިބިވަޑައިގަންނަވާނެ އިންސައްތައެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ގޮސްފިނަމަ އެމަނިކުފާނަށް ބޮޑު އިންސައްތައެއް ލިބި މި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގައި ވިދާޅުވި އެވެ.

ވޯޓުލާން 86 އިންސައްތަ މީހުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންނަމަވެސް 88 އިންސައްތަ މީހުން ވޯޓުލާން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ. އެ އަދަދަށް ވޯޓުލައިފިނަމަ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެމްޑީޕީއޭ ކިޔައިގެން ދޮގު ވާހަކަތަކެއް ބަޔަކު ސޯޝަލް މީޑިއާގައި ފަތުރަމުންދާ ކަމަށެވެ. ނަމަވެސް ގާނޫނާއި ހިލާފަށް އެމްޑީޕީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގައި ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.