ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ އިންތިހާބުގެ ފޯރިގަދަ ކެމްޕޭން ނިންމާލައިފި

ރި ޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފޯރިގަދަ ކެމްޕޭން ނިންމާލައިފި އެވެ.

މިއީ ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިހާބެވެ.

މިއަހަރުގެ ކެމްޕޭންގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

ކެމްޕޭން ނިންމާލުމުގެ ހަރަކާތްތައް ރައީސް ސޯލިހާއި ޑރ. މުއިއްޒު ފެއްޓެވީ ހިނގާލުމަކުންނެވެ. ރައީސް ސޯލިހްގެ ކެމްޕޭން ނިންމާލީ އުސްފަސްގަނޑުންނެވެ. މުއިއްޒުގެ ކެމްޕޭން ނިންމާލީ އާޓިފިޝަލް ބީޗުންނެވެ.

ދެ ކެންޑިޑޭޓުންވެސް ކެމްޕޭން ނިންމާލުމުގެ ގޮތުން ހާއްސަ ދުއާއެއް ކޮށްފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަޑައިގަތީ 86،000 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.