ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ މެސެޖު: ފެށި މަސައްކަތް ނިންމަން ފުރުސަތު ދެއްވާ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން މިއަދު އިރުއޮއްސި 6:00 ޖެހުމާ އެކު ނިމިގެންދާނެ އެވެ. ކެމްޕޭންގެ އެންމެ ފަހު ވަގުތުކޮޅު ގުނަމުންދާއިރު ދެ ކެންޑިޑޭޓުންގެ ކެމްޕޭން ނިންމުމުގެ ހަރަކާތްތައްވެސް މިހާރު ވަނީ ފަށާފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މީގެއިރުކޮޅެއް ވަނީ އާންމުންނަށް ވަރަށް ހާއްސަ މެސެޖެއް ދެއްވާފަ އެވެ. މި މެސެޖުގައި އެމަނިކުފާނު މައިގަނޑު ގޮތެއްގައި އެދިވަޑައިގަތީ ދައްޗާއި އުދަގޫތަކާ އެކު ވެސް މިފަސް އަހަރު ސަރުކާރުން ކުރި މަސައްކަތް ނިންމާލުމަށް ރިޔާސީ ދެވަނަ ދައުރެއް އެމަނިކުފާނަށް ރައްޔިތުން ދިނުމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ފަސް އަހަރު ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އެމަނިކުފާނުގެ ސަރުކާރުން ވާނީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ ތަރައްގީގެ މަޝްރޫއުތައް ފަށާފައި ކަމަށެވެ.

"ކުރިން އޮތް ނާމާންކަމާއި ބިރުވެރިކަން ނައްތާލެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މުޅި ދުނިޔެއަށް ދުވަހަކުވެސް ދިމާ ނުވާފަދަ އާލަމީ ބޮޑު ވަބާއަކާ ކުރިމަތިލާންޖެހުނު ވަގުތުވެސް އެކަމުން ގައުމު ސަލާމަތްކޮށް ވަކި ރަށެއް ވަކި ދާއިރާއެއް ބެލުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް ދާއިރާތަކަށް ގެނެވުނު މުސާރައިގެ ކުރިއެރުން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މާދަމާ ރައްޔިތުން ވޯޓުލާން ނިކުންނައިރު ކުރިމަތީގައި އޮތީ އެނބުރި އަނިޔާވެރިކަމާއި ހަމަނުޖެހުމުގެ ތެރެއަށް ދިއުން ނުވަތަ ނުދިއުމާ ގުޅޭ ސުވާލު ކަމަށެވެ. އޭގެފަހުން ރައީސް އެދިވަޑައިގަތީ ރައްޔިތުން ވިސްނާ ފިކުރުމަށްފަހު އެމަނިކުފާނަށް ފުރުސަތު ދިނުމަށެވެ.