ރައީސް މުހައްމަދު ނަޝީދު

އައްޑޫގައި ޓޫރިޒަމް ތަރައްގީ ނުވެ އޮތީ ސަރުކާރު އިހްލާސްތެރި ނުވާތީ: ނަޝީދު

އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ނުވެ އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އިހްލާސްތެރި ކަމެއް ނެތުމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ހަމަލާއެއް ސަރުކާރަށް އަމާޒުވެފައި މިވަނީ ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެން އެ ސިޓީގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފައްޓަވައިދެއްވާފައި ވަނިކޮށެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ރައީސް ސޯލިހް މިރޭ ފައްޓަވައިދެއްވާނެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމާއި، މަރަދޫ / މަރަދޫފޭދޫ ފަޅުތެރޭގައި ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ދެ ރަށް އަދި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ހަމަޖެހިފައިވެސް ވެއެވެ.

ރައީސް އައްޑޫގައި އުޅުއްވަނިކޮށް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ވިލިނގިއްޔާއި، ހެރެތެރެ އަދި އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރަށްތައް އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ ކަމަށެވެ.

އައްޑޫގައި ފަތުރުވެރިކަމަށް ހާއްސަކޮށްގެން ރަށްތަކެއް ހިއްކައިގެން ހަދަން މިސަރުކާރުން ނިންމާފައިވާތީ އެކަމަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ނުވެގެން އުޅެނީ ރަށް ނެތިގެން ނޫން ކަމަށެވެ.

"[އެކަން ނުވެ އޮތީ] މިސަރުކާރުގެ އިހްލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން. ގަން އެއާޕޯޓް ހިންގަން ފެށުމުގެ އާ ވިސްނުމަށް މިވަނީ މާލަސްވެފައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ އެމަނިކުފާނު އަޑީގައި ހުންނަވައިގެން ރަޖިސްޓްރީ ކުރަން ތައްޔާރުވަމުންދާ "ދަ ޑިމޮކްރެޓްސް" އަށް އައްޑޫއިން ލިބުނީ އެންމެ 300 ފޯމު ކަމަށް ވިދާޅުވެ ސަރުކާރުގެ ބައެއް ވެރިން މިއަދު ފާޑުވިދާޅުވެފައި ވަނިކޮށެވެ.