އައްޑޫ ސިޓީ ހިތަދޫއިން 500 ބަންޑާރަ ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީ ހިތަދޫއިން 1،500 އަކަފޫޓުގެ 500 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހިތަދޫއިން ދޫކުރާ 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 23ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ގޯއްޗަށް އެދޭ ފޯމު ބަލައިގަންނަން ހަމަޖެހިފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުން ފެށިގެންނެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ހިތަދޫއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހިތަދޫގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި އައްޑޫގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗެވެ. ހިތަދޫ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިފައިވަނީ 450 ގޯއްޗެވެ. ބާކީ 50 ގޯތި ދޫކުރާނީ އައްޑޫގެ އެހެން ރަށްރަށުގެ މީހުންނަށެވެ.
ހިތަދޫއިން ގޯތި ދޫކުރަން ސިޓީ ކައުންސިލުން ނިންމާފައިވާ އިރު އައްޑޫގެ އެހެން ތިން ރަށަކުންވެސް ގޯތި ދޫކުރުމަށް ވަނީ އިއުލާނު ކޮށްފަ އެވެ. އެއީ ހުޅުދޫ އާއި މީދޫ އަދި ފޭދޫއިންނެވެ.
ހުޅުދޫ، މީދޫ އަދި ފޭދޫއިން ގޯތި ދޫކުރުމަށް ރޭގަނޑު ދަންވަރު އިއުލާން ކުރުމުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫގެ ތިން ރަށަކުން ގޯތި ދޫކުރުމުގެ ފުރުސަތު ރޭގަނޑުގެ ދަންވަރުގެ ވަގުތު ހުޅުވާލުމާ ގުޅިގެން އެ މައްސަލައިގައި ބައެއް ބޭފުޅުން ވާހަކަ ދައްކަވަނީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
މޭޔަރު ނިޒާރު ވިދާޅުވީ ގޯތި ދޫކުރަން އިއުލާނުކުރުމުގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި އިދާރީ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ ކަމެވެ.
އައްޑޫގެ ހަތަރު ރަށަކުން ޖުމުލަ 1،000 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ އިރު މިދުވަސްވަރަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ކުރިއަށްދާ ދުވަސްވަރެވެ. މި އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރައީސް ސޯލިހުގެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30ގައި އައްޑޫގަ އެވެ.