އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ދެ ރައީސުން ކެމްޕޭނަށް އަތޮޅު ތެރެއަށް

Jan 13, 2023
2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ދެ ރައީސުން އަތޮޅު ތެރެއަށް ވަޑައިގެންފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.

ރައީސް ނަޝީދު މިއަދު ހެނދުނު ކެމްޕޭނަށް ވަޑައިގެންނެވީ ލ. އަތޮޅުގެ ރަށްތަކަށެވެ. ރައީސް ސޯލިހް މިއަދު ކެމްޕޭން ކުރެއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގަ އެވެ. ރައީސް ސޯލިހަށް އައްޑޫ އިން ރަސްމީކޮށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވަނީ ފޭދޫގަ އެވެ.

ރައީސް ނަޝީދުގެ އަތޮޅު ތެރޭގެ ކެމްޕޭން ދަތުރުތައް ފެއްޓެވީ ރާއްޖެ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅުންނެވެ. އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ލ. އަތޮޅުގެ އިތުރުން ތ. ވ. އަދި މ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ. އޭރުން މި ކެމްޕޭންގައި ރައީސް ނަޝީދު ވަޑައިނުގަންނަވާ އަދި ބާކީ އޮންނާނީ ގއ. ގދ. ޅ. އަދި އައްޑޫ ސިޓީ އެވެ.

ރައީސް ސޯލިހް ކެމްޕޭން ފެއްޓެވީ ރ. އަތޮޅުންނެވެ. މި ކެމްޕޭންގައި މިހާތަނަށް އެމަނިކުފާނު ވަޑައިގެންނެވީ ނ. ރ. ބ އަދި ޅ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހް މިހާރު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގައި ދެ ބޭފުޅުން ވެސް މިރޭ ސަޕޯޓަރުންނާ އެކު ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި ރަށްތަކުގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބައްލަވާނެ އެވެ.