އިބްރާހިމް ޝަރީފު

ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލައިފި

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި ރައީސް ނަޝީދާއި އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވާ ގޮތަށް އަމަލުކުރައްވަމުން ގެންދަވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އުފެދޭ ސުވާލަކީ އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނަށް ޕާޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާ ޕާޓީގެ އަސާސީ ގަވައިދާ ކަނޑައެޅިގެން ދެކޮޅު ހަދަމުން މަގާމުގައި ދެމި ތިއްބެވިދާނެތޯ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް މިފަދަ ވާހަކަފުޅުތަކެއް ވިދާޅުވެފައި މިވަނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅަކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށްދިނުމަށާއި އަލުން ޕްރައިމަރީ ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރެވެ.

ޝަރީފް ވަނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ އަމަލުތަކަކީ ޑިމޮކްރެޓިކް ހަމަތަކާއި ހިލާފު އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ރައީސް ނަޝީދު، އެމްޑީޕީގެ އާންމު މެންބަރުންގެ ވޯޓުން ނިންމި ގޮތް ގަބޫލު ނުކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލަން މަސައްކަތް ކުރައްވާ ކަމަށްވެސް ޝަރީފް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން،" ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންނަށް ހެޔޮ އެދޭ ކަމަށް ބުނާ ބަޔަކު، ކޮވިޑް 19ގެ ހާލަތުން އަރައިގަނެ ގައުމު ކުރިއަށް ގެންދަން އެހެން ބަޔަކު މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ގައުމު ހަލަބޮލިކޮށް ސަރުކާރު އިނދަޖައްސާލުމަށް މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ހާމިދު ހުށަހެޅި މައްސަލަައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ ހަވާލުކުރުން ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށާއި ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރެއް ނެރެ ދިނުމަށެވެ.

މިމައްސަލައިގައި ހާމިދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބުކަން ހުންނެވި ދިޔާނާ ސައީދު އެވެ.