އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ސިވިލް ކޯޓަށް މިއަދުގެ ވަގުތެއްގައި މައްސަލަ ހުށަހެޅުއްވީ ޕޮލިސް ބޯޑުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރެވެ.
މިމައްސަލައިގައި ހާމިދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބުކަން ހުންނެވި ދިޔާނާ ސައީދު އެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަވާލުކުރުން ހުއްޓުވައިދިނުމަސް ވަގުތީ އަމުރެއް ނެރެދިނުމަށާއި ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރެއް ނެރެ ދިނުމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައިގެން ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރެއް ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި މިވަނީ އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން ފާހަގަކުރެވުނު 60 އަށް ވުރެ ގިނަ ޝަކުވާ ނަޝީދުގެ ޓީމުން ހުށަހެޅި ނަމަވެސް ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް ކަމަށް ޕްރައިމަރީގެ ކަންކަން ބެލެހެއްޓި ފަސް މެންބަރުންގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ގަބޫލުކުރާ ގޮތުގައި އެމަނިކުފާނަށް ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ އެމްޑީޕީގެ ދަފްތަރުގައި ކުރިން ތިބި 39،000 މެންބަރުން ޕާޓީން ވަކިކުރުމުންނެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ބުނާ ގޮތުގައި އެ 39،000 މެންބަރުންގެ ތެރޭގައި ގިނައީ ރައީސް ނަޝީދަށް ވޯޓު ދެއްވާނެ ބޭފުޅުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.
ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފަ އެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ އެމްޑީޕީގައި ތިއްބަވައިގެން ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.