އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސޯސެއް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީން ބުނުމުން، ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން މަޑުޖައްސާލަން އެދިފައިވާ ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން ފަސްކޮށްފި އެވެ.
އެމްޑީޕީ ޕްރައިމަރީގެ ނަތީޖާއަށް އަމަލު ކުރުން މަޑު ޖައްސާލުމަށް ވަގުތީ އަމުރަކަށް އެދިފައިވާތީ ސިވިލް ކޯޓުން ވަނީ މިއަދުގެ 10:15 އަށް އަޑު އެހުމެއް ތައާވަލް ކޮށްފަ އެވެ.
އެމްޑީޕީން ވަނީ ސިވިލް ކޯޓުން މި މައްސަލަ ބެލުމުގެ އިހްތިސޯސެއް ނެތް ކަމަށް ބުނެ ހުށަހަޅާފަ އެވެ. ސިވިލް ކޯޓުން ނިންމީ އެމްޑީޕީން ހުށަހެޅި މައްސަލަ ބަލާ ނިންމުމަށްފަހު ވަގުތީ އަމުރުގެ އަޑުއެހުންތައް ބޭއްވުމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ތިން ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ތިން ފަރާތުން ވެސް އެއް މައްސަލައެއް ހުށަހަޅާފައިވުމާ ގުޅިގެން އެ ކޯޓުން ބަލައިގަތީ އޭގެ ތެރެއިން އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި މައްސަލަ އެވެ.
އިހްތިސޯސް އާއި މެދު ދެކޭ ގޮތް ހުށަހަޅަން އަލީ އަމްޖަދުގެ ވަކީލުންނަށް 10 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަލީ އަމްޖަދުގެ ވަކީލުންނަށް ތިއްބެވީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ނާޒިމް އަބްދުލް ސައްތާރެވެ.
އަލީ އަމްޖަދު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީން 39،000 މެމްބަރުން ވަކިކުރިއިރު، ވަކި ކުރުމުގައި މެމްބަރުންނާ މެދު ފިޔަވަޅު އެޅީ އެކަމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.
މީގެ އިތުރުން މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބެއް ސައްހަ ނުވާނެ ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އެ ޕާޓީގެ މައްޗަށް އަމަރުކުރުމަށް މައްސަލައިގައި ވަނީ އެދިފަ އެވެ.
ޕޮލިސް ބޯޑުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ވެސް މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް މި މަހުގެ 17 ވަނަ ދުވަހު ވަނީ ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފަ އެވެ. އަދި އެ ޕާޓީން ވަނީ ކޯލިޝަން ހެދުމުގެ ބާރު ވެސް ރައީސް ސޯލިހަށް ދީފަ އެވެ.
ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފަ އެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ އެމްޑީޕީގައި ތިއްބަވައިގެން ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.