މުހައްމަދު އަސްލަމް

ރައީސް ނަޝީދު ނެތުމުގެ ހިތްދަތިކަން އެބަ އޮތް: އަސްލަމް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއެކު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނެތުމުގެ "ހިތްދަތިކަން" އެބަ އޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވަނީ ރައީސް ސޯލިހްއާއެކު މަސައްކަތް ކުރެއްވުމަށް ވަޑައިގަތުމަށް ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ގެންގުޅުއްވި "ފިކުރެއްގެ ދިރުން" ޝިއާރަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ އެމްޑީޕީގެ ފިކުރުތަކާއި އަސާސްތަކާއި އުސޫލުތައް ކަޅާއި ހުދުން ލިޔެވިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ އުސޫލާއި އަމާޒާއި މަގުސަދު ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ވިދާޅުވި އެވެ.

"އެނޫން އާ ފިކުރެއް، ފެންނަން ނެތް، ހާމަވެފައި ނެތް ވަންހަނާވެގެންވާ ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓާލައްވާފަ، ވާދަވެރި ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޒަމާންތަކަކަށް އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވަޑައިގަންނަވާށޭ، މިއަދުވެސް މިތަނުންވެސް މަނިކުފާނު ނެތްތަން އެ ހިތްދަތިކަން އަޅުގަނޑުމެންގެ އެބަވެޔޭ." އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެމްޑީޕީ އާއި ރާއްޖެއަށްވެސް ކޮށްދެވޭނެ އެންމެ ބޮޑު ހިދުމަތަކީ އެމްޑީޕީގައި ވެރިކަން ބޭއްވުން ކަމަށާއި ރައީސް ސޯލިހް ހޮއްވަވާ ދެއްވުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ރަސްމީކޮށް ހަވާލުކުރި މިޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ޕާޓީގެ އިސް ބޭފުޅުން ބައިވެރިއެއް ނުވެ އެވެ.

މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.