ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ދެއްވައިފި އެވެ.
އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ހޯދުމުގެ މަސައްކަތް ރައީސް ސޯލިހަށް ތާއީދުކުރައްވާ މެންބަރުން ފައްޓަވައިފިނަމަ ރައީސް ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މިދިޔަ އަހަރު އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް ސޮއި ހަމަކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އަމިއްލައަށް އިސް ނަގައިގެން އެފަދަ ކަމެއް [ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް] ކުރާކަށް ނުވިސްނަން. އެކަމަކު މިހާރުވެސް ރައީސް ނަޝީދު ވަކި ކުރެވޭ ވަރަށް ސޮއި ކުރެވިފަ އޮތް އިތުބާރު ނެތް ކަމުގެ މޯޝަން އެއް އެބަ އޮތް،" އަސްލަމް އޭރު ވިދާޅުވި އެވެ.
ސަރުކާރަށް ތާއިދު ކުރާ އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދާ ހިޔާލު ތަފާތުވެފައިވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވަކި ކޮޅަކަށް ބުރަވެ ރައީސް ނަޝީދު ވާހަކަ ދައްކަވާތީ އެވެ.
އަސްލަމް ވިދާޅުވީ އެއީ ރައީސް ނަޝީދު ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެންނަމުންދާ އެފަދަ އަމަލުތަކުގެ ސަބަބުން ޕާޓީގެ ޕީޖީ ގުރޫޕްގެ ތެރޭގައި އިތުރު މައްސަލަތައް އުފެދި އެ މައްސަލަތައް ހައްލުކުރަން އުނދަގޫވާ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.
ގާނޫއަސާސީގައިވާ ގޮތުން މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ސިމްޕަލް މެޖޯރިޓީން ފާސްވާނެ އެވެ. އެހެންކަމުން މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓުންނެވެ. އަދި މަޖިލީސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 22 މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ.