ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާފައި ވަނީ ރައީސް ސޯލިހާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކުގައި ކުރިއަށް ދިއުމަށް އިދިކޮޅު ޕީޕީއެމްގެ އެހީތެރި ކަމަށް ވެސް އެދިވަޑައިގެންފަ އެވެ. ރައީސް ނަޝީދު ފާޅުކުރެއްވި ހިޔާލާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވެސް އުފެދިފަ އެވެ.
ރައީސް ނަޝީދުގެ ކެމްޕޭން މެނޭޖަރު ކަން ވެސް ކުރައްވާފައިވާ އަދި ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާ އަސްލަމް ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯދައިގެން ސިޔާސީ މަސައްކަތް ކުރުމަކީ އެމްޑީޕީގެ ނިންމުމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނުއަސާސީއާ ގާނޫނުތަކާއި އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވަނިކޮށް ރައީސްގެ ޕާޓީން ބަޔަކު އެމަނިކުފާނާ ދެކޮޅަށް ތެދުވުމަކީ އޭނާ ތާއީދު ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.
"ޕީޕީއެމާ ގުޅިގެން މަސައްކަތް ކުރެއްވުން އެއީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ނަމަ ރައީސް ނަޝީދުގެ ހިޔާލެއް. އެއަށް ސީދާ އެއްޗެއް އަޅުގަނޑު ދަންނަވާކަށް ނެތިން. ސަބަބަކީ ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ ގޮތް އެނގޭނީ އެމަނިކުފާނަށް. އެމްޑީޕީގެ ކަންކަން ނިންމާނީ އެމްޑީޕީގެ ކަމާ ގުޅުންހުރި ދިމާތަކަށް ހުށަހަޅައިގެން. އެމްޑީޕީން މި ދެންނެވި ގޮތަށް ނިންމުއް އަދި ނެތް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށްވީ ނަމަވެސް ރައީސް ސޯލިހަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށްޓަކައި އެމްޑީޕީއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ތެދުވެ ވާހަކަ ދައްކަންޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.
ރައީސް ސޯލިހް ސަރުކާރު ހިންގަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ކޮވިޑާ ގުޅިގެން މުޅި ދުނިޔެ އާއި ރާއްޖެ ވެސް އިގްތިސޯދީ ކާރިސާއެއްގެ ތެރޭގައި އޮތް އިރު ރައީސް ސޯލިހްގެ ފަރާތްޕުޅުން ފެނިގެން ދަނީ ދަތި އުދަނގޫ މިވަގުތުގައި ވަރަށް ރަނގަޅަށް މެނޭޖު ކުރައްވާ މަންޒަރު ކަމަށެވެ. މިހާ އުދަނގޫ ވަގުތެއްގައި ސަރުކާރުގެ ކުރިމަތީގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެކަމަކު އެކަމުން އަރައިގަތުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ޕްލޭނައި ވިސްނުން ރަނގަޅު ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ގައުމަށް ވަރަށް މުހިއްމު ހިދުމަތްތަކެއް ކުރެއްވި ދެ ބޭފުޅުން ކަމަށެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ޒަމާންވީ ވަރަށް ގާތް ދެ ރަހްމަތްތެރިންނަަށް ވެފައި އާއިލީ ގޮތުން ވެސް ގުޅިފައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާތީ އެ ދެ ބޭފުޅުންގެ ދެމެދުގައި މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ. އެއީ ގައުމާއި އެމްޑީޕީ އަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ސޯލިހް ވަނީ މަޖިލީހުގައި 25 އަހަރު އިންނަވައިގެން އިސްލާހީ މަސައްކަތްތަކުގައި އެމްޑީޕީއާއިއެކު ވަރަށް އިސް ދައުރެއް އަދާ ކުރައްވާފައި. އެމްޑީޕީއާއި ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާފައި. ހަމައެގޮތަށް ރައީސް ނަޝީދަކީ އެމަނިކުފާނުގެ އަމިއްލަފުޅު އެތައް ކަމެއް ގުރުބާން ކުރެއްވުމަށް ފަހު މަގުތަކަށް ނުކުންނަވައިގެންނާއި ޖަލުގައި ވެސް އިންނަވައިގެން ދިވެހި ރައްޔިތުންނަށް އެތައް ހައްގުތަކެއް ކަށަވަރުކޮށްދެއްވި ބޭފުޅެއް. އެހެންކަމުން މި ދެ ބޭފުޅުން ގުޅިގެން ކުރިއަށް ދިއުން ނޫން ވަކި ހެޔޮ ގޮތެއް އަޅުގަނޑަކަށް ނުފެނޭ،" އަސްލަމް ވިދާޅުވި އެވެ.