އެމްޑީޕީން ފެށި ދަތުރުގެ މަންޒިލަށް ވާސިލްވުމަށް އަޅަން އޮތީ އެންމެ ފިޔަވަޅެއް ކަމަަށްވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރުމުގެ މަސައްކަތުގައި ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދައުވަތު ދެއްވައިފި އެވެ.
އެމްޑީޕީން މިދިޔަ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމްޑީޕީން މިރޭ ވަނީ ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބާއްވާ، ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ހަވާލުކުރައްވާފަ އެވެ.
ކާނިވާ ސަރަހައްދު ފުރެންދެން މީހުން އެއްވެފައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕްރައިމަރީގައި ވޯޓުލީ ދުވަހު އެމްޑީޕީ މެންބަރުން ވަނީ އެ ޕާޓީއަކީ ހިޔާލުތަފާތުވުމަށް ޖާގަ އޮތް ޕާޓީއެއް ކަން އަންގައިދީފައި ކަމަށެވެ. އެމްޑީޕީ މެންބަރުން އެ ދުވަހު ދެބަސްވީ މިއަދު މިވާ އެއްބަސްވުމަށް ވާސިލްވުމަށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި ރައީސް ނަޝީދުގެ ފެކްޝަނުންނާއި ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅުން އެއް ބަޔަކު އަނެއް ބަޔަކަށް ކިޔާފައިވާ ފާޑުކިޔުމަށެވެ.
ރައީސް ވިދާޅުވީ ޕްރައިމަރީގައި ހިޔާލުތަފާތުވުންތަކެއް ހުއްޓަސް އެ ދުވަހު ވޯޓި ދެއްވި ކޮންމެ މެންބަރަކީ އެމަނިކުފާނަށް ޕްރައިމަރީގައި ލިބިވަޑައިގެންނެވި ކާމިޔާބީގެ ހިއްސާދާރެއް ކަމަށެވެ. އަދި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މިއީ އެންމެން އެއްވާންވީ ވަގުތު ކަމުގައިވެސް ވިދާޅުވި އެވެ.
"އެމްޑީޕީ ކުރިއަށް ދެން އަޅަން އޮތީ އެންމެ ފިޔަވަޅެއް. މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން. މުޅި އެމްޑީޕީއާއި މި ޕާޓީގެ ހުރިހާ މެންބަރުންނަށް މި ދައުވަތު އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރަމުން ނުދާ ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވިދާޅުވާތީ ރައީސް ވަނީ މިރޭވެސް އެކަމަށް ރައްދުދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނެވި ސަރުކާރުން ތަންފީޒު ކުރަނީ އެމްޑީޕީގެ ސިޔާސަތު ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ "އެމްޑީޕީ މީހެއް" ކަމަށާއި މިފަސް އަހަރު ތަންފީޒު ކުރަނީ އެމްޑީޕީގެ ވިސްނުމުގައި އެކުލަވާލާފައިވާ ސިޔާސަތުތައް ކަމަށެވެ. އެހެންކަމުން އެމްޑީޕީން ބޭނުންވާ މަސައްކަތްތައް ކުރުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީ ވެރިކަމުގައި އޮންނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަށް އެމްޑީޕީގެ މެންބަރުންގެ ބޭނުންތައް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ރާއްޖޭގެ ރަށްތައް އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީކުރަމުންދަނީ އެމްޑީޕީން ބޭނުންވާ ޖާޒީރާ ގައުމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ. އަދި ކޮންމެ ރަށެއްގައިވެސް އެބަޔަކު ބޭނުންވާ ގޮތަކަށް ހަމަޖެހިގެން އުޅެވެންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުންގެ މަގުސަދާ ބޭނުން ވަރަށް ސާފު. ބޭނުންވަނީ ރާއްޖެއަކީ ސުލްހައާއި ހަމަޖެހުން ގާއިމުވެފައި އޮތް ތަަނަކަށްވުން. އިސްލާމު ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ބަޔަކަށްވުން. ބޭނުންވަނީ ރާއްޖެއަށް މިގެނެވޭ ތަރައްގީއާ އެކު ކުރިއަށްދާން. އެ ގެނެވޭ ތަރައްގީގައި ވަކި މީހަކު ބާކީ ނުކޮށް އެންމެންނަށް އޭގެ ނަފާ ލިބުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މީގެކުރިންވެސް ވިދާޅުވި ގޮތަށް މިރޭވެސް އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށެވެ.
އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ހުރިހާ މެންބަރުންވެސް އެ މަސައްކަތުގައި ބައިވެރިވުމަށް ރައީސް ސޯލިހް ދައުވަތު ދެއްވިއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕާޓީގެ އެތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި ނަޝީދުގެ ގެންދަވަނީ ވަކި ސިޔާސީ ހަރަކާތެއް ވެސް ހިންގަވަމުންނެވެ.