ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ހުކުރު ދުވަހުގެ ރޭ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އަންނަ ހުކުރު ދުވަހުގެ ރޭ ހަވާލުކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުލް ސައްތާރު އަވަސްއަށް ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކްޓު ރައީސަށް އެރުވުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ނަމަވެސް ކާނިވާ އަދި މުޅިން ހަމައެއް ނުޖެހޭ. އެކަމަކު އެ ދުވަހު ރައީސް އަށް ޓިކެޓް ހަވާލުކުރުން އޮންނާނެ،" އަނަސް ވިދާޅުވި އެވެ.

އެމްޑިޕީން ވަނީ މި ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ހުއްދައަކަށް ވެސް އެދިފަ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި ރައީސް ސޯލިހްގެ ކެމްޕޭން ޓީމުގައި އިސްކޮށް އުޅުއްވި ހުސައިން ޝަމީމް (އަނދުން ހުސައިން) އިއްޔެ ވަނީ މި ޖަލްސާއަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ޓްވީޓެއްވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އަށް ވުރެ ފަސޭހައިން އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.