ފޯރިގަދަ ކެމްޕޭނަކަށް ފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ހަރަކާތްތައް ނިންމާލައިފި އެވެ.
މި ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ނިންމާލީ ހުޅުމާލޭގެ ރުށްގަނޑު ސަރަހައްދުގައި ބޭއްވި އެއްވުމަކުންނެވެ. ރައީސް ސޯލިހްގެ ވާދަވެެރި ކެންޑިޑޭޓް -- ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ނިންމާލީ މާލޭގައި ބޭއްވި ހިނގާލުމަކުންނެވެ.
ދެ ކެންޑިޑޭޓުންގެ ކެމްޕޭން ނިންމި ހަރަކާތުގައިވެސް ގިނަ ބަޔަކު ބައިވެރިވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 57،255 މީހުންނަށެވެ. އެންމެ ގިނަ ބަޔަކު ވޯޓުލަނީ އައްޑޫ ސިޓީންނެވެ. ދެވަނަ މާލެ އަދި ތިންވަނަ އަށް ގއ. އަތޮޅުންނެވެ.
މި ޕްރައިމަރީގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުވެސް ވޯޓު ފޮށްޓެއް ހުންނާނެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވެސް އަދި ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.