ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އައްޑޫ ތަރައްގީކުރާނީ ރައްޔިތުން އެދޭ ގޮތަށް"

ރިޔާސީ ދެވަނަ ދައުރެއްގައި އެމަނިކުފާނުގެ ސަރުކާރެއްގައި އައްޑޫ ސިޓީގެ ހިއްސާ ބޮޑުވާނެ ކަމަށާއި މި ސަރުކާރުން އައްޑޫގެ ތަރައްގީއަށްޓަކައި ފަށާފައިވާ ކަންކަން ނިންމުމަށްޓަކައި އައްޑޫ ރައްޔިތުންގެ ތާއީދާއި ވޯޓު ބޭނުންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި އައްޑޫ ސިޓީ ހިތަދޫގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވަނީ ދާއިމީ މަސައްކަތްތަކެއް ނޫން ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އައްޑޫގައި ފަށާފައިވާ މަސައްކަތްތައް ނިންމުމަށްޓަކައި އައްޑޫގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން މުޅި ރާއްޖޭގައި ކުރިއަށްދާ މަޝްރޫތަކަށްވެސް އައްޑޫ ރައްޔިތުންގެ ތާއީދު ބޭނުންވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ ތާއީދު ބޭނުންވަނީ ހަމައެެކަނި އައްޑޫ ތަރައްގީކުރުމަކަށް ނޫން. މުޅި ރާއްޖެ ތަރައްގީކުރުމަށް އައްޑޫގެ ތާއީދު އެބަ ބޭނުންވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި މަޝްރޫއުތައް ހިންގިގޮތަށް ފާޑު ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ އޭރު ސަރުކާރުން ގެނެސްދީފައިވަނީ ދާއިމީ ތަރައްގީއެއް ނޫން ކަމަށެވެ. މަގު ހެދުން ކަމުގައި ވިޔަސް އެހެން މަޝްރޫއަކަށް ބެލިނަމަވެސް މިއަދު ރަނގަޅު ދެމެހެއްޓެނިވި ތަރައްގީއެއް ފެންނަން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"ސާކްސަމިޓް ނިމިގެން ދިޔައިރުގައި ވެގެން ދިޔަ ގޮތް ތިބަ ބޭފުޅުންނަށް އެނގވަޑައިގަންނަވާނެ. އެތާހުރީ ގޮޑިކޮޅާއި އެއްޗިހި ހިފައިގެން އެބޭފުޅާ ސަރުކާރުން ފައިބައިގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުން ގެންނަ ތަރައްގީއަކީ "އުފުރާލައިގެން" ގެންދެވޭނެ ތަރައްގީއެއް ނޫން ކަމަށެވެ. އައްޑޫގައި މިހާރު ކުރިއަށްދާ މަޝްރޫއުތައްވެސް ރައީސް ވަނީ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމާއި މަގުތައް ހެދުމާއި ބަނދަރުތައް ހެދުމާއި އެއާޕޯޓް ތަރައްގީކުރުމުގެ އިތުރުން އައްޑޫގައި ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ހިނގަމުންދާ ކަން ފާހަގަކުރެއްވި އެވެ.

ރާއްޖެ ތަރައްގީކުރުމަށްޓަކައި އައްޑޫ ރައްޔިތުންގެ ތާއީދު ބޭނުންވާކަން ރައީސް ސޯލިހު ހާމަ ކުރައްވާފައިވާ އިރު މީގެ ކުރިން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލާނީ އައްޑޫ ރަނިންމޭޓަކާއި އެކު ކަމަށް ވިދާޅުވެފަ އެވެ.