ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ގޭގައި ހުންނަން ފަސޭހަ ވިޔަސް މި ނިކުތީ ޕާޓީއަށްޓަކައި"

ރިޔާސީ ދައުރު ނިންމާފައި ގޭގައި ހުންނަން ފަސޭހަ ކަމަށާއި ނަމަވެސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވީ ޕާޓިއަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އައްޑޫގެ މަރަދޫފޭދޫ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި 25 އަހަރު ހޭދަ ކުރެއްވި ކަމަށެވެ. އަދި މިހާރު ރިޔާސީ ދައުރެއް ނިމެނީ ކަމަށެވެ. އެހެންކަމުން މި ދައުރު ނިންމެވުމަށްފަހު ގޭގައި ހުންނަވަން ވަރަށް ފަސޭހަ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"އެހެންނަމަވެސް ޕާޓީއަށްޓަކައި، އަޅުގަނޑުމެންވީ ވައުދުތައް ފުއްދުމަށްޓަކައި މިކަން ކުރަން އެބަޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕްރައިމަރީން ގިނަ ބައެއްގެ ތާއީދު ލިބި މޮޅުވެގެން ކަމަށެވެ.

ވެރިކަމުގެ ދައުރެއް ނިމިގެން ދާއިރު އެމަނިކުފާނަށް ވެރިކަން ކުރެއްވޭނެކަން އެންމެނަށްވެސް މިހާރު އެނގޭކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އިތުރު ގޮތެއް ހޯދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެހެން ވެރިއެއް އިންތިހާބުވެއްޖެ ނަމަ ވާނެ ގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

މަރަދޫފޭދޫގެ އެމްޑީޕީ މެންބަރުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ އެރަށުން ފެންނަނީ އިންތިހާބަށް ރަށް ފައްކާވެފައި އޮތް މަންޒަރު ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވާނީ ހަމައެކަނި މެޖޯރިޓީއަކުން ނޫން ކަމަށާއި ހުރިހާ އެންމެން ނިކުމެ ގަނޑުކޮށް އެމަނިކުފާނަށް ވޯޓު އަޅައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން ރާއްޖޭން މި ހޯދާ މެޖޯރިޓީގައި، ބޮޑު ތާއީދުގައި މަރަދޫފޭދޫ ބޮޑު ހިއްސާ އޮންނާނެކަން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރިޔާސީ އިންތިހާބުވެސް ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.