ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނާކާމިޔާބުވީ ތިން ގޯހެއްގެ ސަބަބުން، އެކަންކަން ރަނގަޅުކޮށް ކާމިޔާބު ހޯދާނަން: ރައީސް

ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުނުވީ މައިގަނޑު ތިން ގޯހެއްގެ ސަބަބުން ކަމަށާއި އެކަންކަން ރަނގަޅު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ކެމްޕޭންގައި މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި އެކަންކަން ހިއްސާކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ފަހު ދުވަހަށް އެމްޑީޕީއަށް ތައްޔާރުނުވެވުނު ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ބަޔަކު ވަކިވުމާއި އިދިކޮޅުން ފަތުރާ ދޮގު ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެވިފައިނުވާ ކަމަށެވެ.

ރާއްޖޭގައި މިފަހުން ބޭއްވި އިންތިހާބުތަކުގެ ތެރެއިން ޓާންއައުޓް އެންމެ ދަށްވި އިންތިހާބަކީ މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ވޯޓުދޭން ތިބި ގިނަ ބަޔަކު އެ އިންތިހާބުގައި ވޯޓުލާން ނުނިކުންނަ ކަމަށެވެ.

"ކޮންމެ ފޮއްޓެއް ވަކިން އަޅުގަނޑުމެން ބަލާ ނިންމައިފިން ކަންވެފަ ހުރި ގޮތް. އަޅުގަނޑުމެންނަށް ރީޗްވާންވީ ވަރަށް ރައްޔިތުންނަށް ރީޗްވެވިފައެއް ނުވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ މީހުން ތިބިކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރަށްރަށާއި ސިޓީތަކުގެ މެޖޯރިޓީ ގެއްލުނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމުގައި ބަޔަކު އެމްޑީޕީއާ ދުރަށް ޖެހުމެވެ.

"ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން ދެބައި މީހުން އެއްކޮށްލީމަ މި އުޅެނީ 50 ޕަސަންޓް ކްރޮސްކޮށްފަ. ޕީޕީއެމްއަކަށް އަޅުގަނޑުމެންނާ ހިސާބަކަށް ނާދެވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވި މީހުން އަނބުރާ ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދޮގު ވާހަކަތައް ފެތުރުމުން އެ ވާހަކަތައް ބަޔަކު ގަބޫލުކުރި ކަމަށެވެ.

"އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ދޮގާއި ފިތުނަ ތަކުރާރުކޮށް ފަތުރާ، އެ ގަބޫލުކޮށްގެން ތިބި ބަޔަކު ރާއްޖޭގައި އެބަތިބި. ކިތަންމެ ރަނގަޅު ކަމެއް ކޮށްފަ އޮތަސް އެއީ ގޯހެއް ކަމަށް ދައްކަން ތަކުރާރުކޮށް ވާހަކަ ދައްކާނަމަ އެ ގަބޫލުކުރާ ބަޔަކު ތިބޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްދުގައި އެކަމުގެ ހަގީގަތް ހާމަނުކޮށް ތިބޭނަމަ އެ ވާހަކަތައް ފެތުރޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އިދިކޮޅުން ފަތުރާ ދޮގު ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުވެސް އެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އިންޑިއާއާ ގުޅޭ ގޮތުން މި ދައްކާ ވާހަކަ އާއި ކަނޑު ވިއްކާލިއޭ ކިޔައިގެން މި ދައްކާ ވާހަކަ އަދި މިނޫން އެތައް ވާހަކައެއް ހަގީގަތާ ދުރުން އެތައް ދޮގެއް ފަތުރަމުން އެބަދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.