ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އައްޑޫގެ ޒައާމަތަކަށް ތާރީހީ ނިންމުމެއް ނިންމާނެ: ރައީސް

އައްޑޫ ސިޓީ ހިމެނޭ ޒައާމަތެއް ގެނައުމަށް އައްޑޫ އިން ތާރީހީ ނިންމުމެއް ނިންމާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ޖަލްސާގައި މިރޭ އައްޑޫ ސިޓީގެ ހިތަދޫގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އައްޑޫ ރައްޔިތުން އަންނަ ހޮނިހިރު ދުވަހު ސީލްކޮށް ތައްގަނޑު ޖަހާނީ އައްޑޫ ބައިވެރިވާ ޒައާމަތެއް އެއްބުރުން އިންތިހާބު ކުރަން ކަމަށެވެ.

"މިއީ އައްޑޫއަށް ވަރަށް ތާރީހީ ނިންމުމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނުގެ ރަނިންމޭޓަކީ އައްޑޫއަށް އުފަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަަސްލަމް ކަމަށްވާތީ އެވެ.

އެތައް ސަތޭކަ ބަޔަކާ އެކު "އުފާވެރި އައްޑޫ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ރައީސް ވިދާޅުވީ އައްޑޫ ރައްޔިތުން ރިޔާސީ ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިހާބު ކޮށްދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އައްޑޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ އިސްލާހީ މަސައްކަތުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ބައެއް ކަމަށެވެ. އައްޑޫ ރައްޔިތުން ބޭނުންވި ކަންކަން މިއަދު ފެށި ނިމެމުންދާތީ އައްޑޫ ރައްޔިތުން އުފާވެރި އަމާން ރާއްޖެއަކަށް ގޮސް އެމަނިކުފާނުގެ ދެވަނަ ދައުރެއް "މޭވާ ބިންނާނެ" ކަމުގައިވެސް ވިދާޅުވި އެވެ.

އައްޑޫއަށް މިދައުރުގައި ކޮށްދެވުނު ބައެއް ކަންކަން ކާމިޔާބީގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އައްޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ބިން އިތުރުކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިންމާ ދެވިއްޖެ ކަމަށާއި ގަން އެއާޕޯޓް، ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ފަށައިދެވިއްޖެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމަށް ހަންކެޑަ ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފަށާނެ ކަމަށާއި ހައްލު ނުވެ ދިގުލާފައި އޮތް ޝަންގްރިއްލާ ރިސޯޓުގެ މައްސަލަ ވެސް މިހާރު ހައްލުކޮށްދެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އައްޑޫގައި މުޅިން އަލަށް ހިއްކައިގެން ތިން ރިސޯޓެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ފަސް އަހަރު ތެރޭ އަޅުގަނޑު މަސައްކަތް ކުރީ ހަވާލުކުރި މެނިފެސްޓޯ ތަންފީޒު ކުރަން. މިއަދު އޭގެ ރީތި މަންޒަރު އައްޑޫއިން ފެންނަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އައްޑޫގެ ވައުދުތައް

  • 1،000 ހައުސިން ޔުނިޓް އެޅުން
  • އައްޑޫ އަކީ ޒަމާނީ ވިޔަފާރި ހަބަކަށް ހެދުން
  • އައްޑޫގައި ހުރި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުން.
  • އިކުއިޓޯރިއަލް ހޮސްޕިޓަލް ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކުރުން
  • އަލަށް އިތުރު ކުރި ބިންތަކުގައި ފެނާއި ނަރުދަމާ ގާއިމުކޮށް މަގު ހެދުން
  • އިމާރާތްކުރުމަށް ބޭނުންވާ ލޯން ފަސޭހައިން ލިބޭނެ ގޮތް ހެދުން
  • ޕިކްނިކް އައިލެންޑެއް ހެދުން
  • މެރިން ސްޓަޑީޒްއަށް ހާއްސަ މަރުކަޒެއް ހެދުން
  • ދަނާލެއް އަޅައި މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުން
  • އިންޑަސްޓްރިއަލް ސަރަހައްދެއް ހެދުން
  • އައްޑޫ ހުރިހާ މަގެއްގައި ޒަމާނީ ފެންވަރުގައި ހެދުން
  • ރޭސިން ޓްރެކެއް ހަދައިދިނުން
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މެނޭޖްމެންޓް ސެންޓަރެއް ހެދުން
  • އެސްޓީއޯ އިން މާލޭގައި ހިލަ އާއި ވެލި ވިއްކާ އަގުގައި ގަންނަން ލިބުން
  • ތިމާވެށްޓާ ރައްޓެހި ޓޫރިޒަމް ތަރައްގީކުރުން
  • ކުޑަކުދިންގެ ޕާކް އަދި އައުޓްޑޯ ޖިމްތައް ހެދުން
  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުން

ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އެއް ދިމާލަކަށް ބަރޯސާވެފައި އޮތް އޮތުމަށް ނިމުން ގެނައުމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައި ކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ގަން އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ ޕްރޮޖެކްޓާއި ގދ. ތިނަދޫ އާއި ގއ. ވިލިނގިލި ފަޅުގައި ފެށުމަށް ތައްޔާރުވަމުންދާ ބޮޑެތި މަސައްކަތްތަކެވެ.

އައްޑޫ އަކީ އިގްތިސާދީ މައި ހަބަކަށް ހަދާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ކަންކަމުގައި ވައުދުވެ އެކަންކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވަނީ ތަސައްވުރެއް އޮވެގެން ކަމަށެވެ.