ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ހަ ބިލިއަނަށްވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ރާއްޖެ އެތެރެވާ ކަމަށާއި އެހެންކަމުން ޑޮލަރު ލިބުމުގައި ދަތިވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ބޭނުންވާ މީހަކަށް ބޭނުންވާ ވަރަކަށް ރަނގަޅު އަގުގައި ޑޮލަރު ލިބޭނެ އުސޫލުތަކެއް އަޅުގަނޑުމެންނަށް ގާއިމުކުރެވެންޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އޭގެ އެއް ކަމަކީ ޑީ ޑޮލަރައިޒޭޝަން ކަމަށެވެ.
"ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތެއް، ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހަމަޖެއްސުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ޑޮލަރު މާރުކުރަންޖެހޭ ކަމަށާއި އެއާއެކު ރައްޔިތުން ބޭނުންވާ ވަރަށް ބޭންކްތަކުގައި ޑޮލަރު ހިފެހެއްޓޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ޓޫރިސްޓް އިންޑަސްޓްރީގެ ބޭފުޅުންނާ މަޝްވަރާ ކުރެވެމުންދާ ކަމަށާއި އެ ގޮތުން ރާއްޖެއަށް އެތެރެވާ ޑޮލަރުވެ ވަކި ޕަސަންޓެއް ވަކި މުއްދަތަކަށް ރާއްޖޭގައި ހިފެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ.
އެކަމަށް ވިޔަފާރިވެރިންގެ އިތުބާރާއި ޔަގީންކަން ގާނޫނީ ގޮތުން ހޯދައިދޭންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެގޮތުން ބަހައްޓާ ޑޮލަރު އަނބުރާ ގެންދަންޖެހޭ ވަގުތުގައި އެ ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ގާނޫނީ ގޮތުން ހޯދައިދޭން ޖެހޭ ކަމަށާއި އޭގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖެ ވަންނަ ޑޮލަރުގެ 30 ޕަސަންޓް ހިފެހެއްޓުނު ނަމަވެސް ޑޮލަރުގެ ރޭޓް 15 ރުފިޔާއަށްވުރެ ތިރިއަށް ގެންދެވޭނެކަމަކީ ޔަގީންކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރިޔާސީ ދެވަނަ ދައުރުގައި ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އެގޮތުން ކުރިއަށް އަހަރު ދުވަހުގެ ތެރޭގައި ކަންކަން ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލްއާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.