ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ދީފައިވާ ބާރުތައް ލާމަރުކަޒުކޮށް ރަށްރަށަށް ދޫކޮށްލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ މީދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިޓީ ކައުންސިލްތަކުން ރަށްރަށުގެ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.
ލާމަރުކަޒު ކުރުމަށް ސަރުކާރުން ބޮޑު އަހަމިއްޔަތު ކަމެއް ދެއްވާ ކަމަށާއި ލާމަރުކަޒީ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ސިޓީ ކައުންސިލްތަކުން ވެސް މަރުކަޒީ ބާރުތައް ދޫކޮށްލަން ޖެހޭ. ހާއްސަކޮށް އައްޑޫ ސިޓީގައި ވަކިން އޮތް ދެ ރަށް މިއަށް ވުރެ ލާމަރުކަޒީ ކުރަން ޖެހޭ" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވަކި ރަށެއް ތަފާތު ކުރުމެއް ނެތި ހިދުމަތް ދިނުމަށް ލާމަރުކަޒީ ނިޒާމު ވަރަށް މުހިންމު ކަމަށާއި އެކަން މަގުފަހި ކުރުމަށް ސިޓީ ކައުންސިލްތަކުން ރަށްރަށަށް ބާރުތައް ދޫކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ގިނަ ރަށްތައް އެކުވެގެން އުފައްދާފައިވާ ސިޓީތަކުން މިކަން ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށާއި އެ ބަދަލާއެކު ލާމަރުކަޒީ ނިޒާމް ފުރިހަމަކޮށް މީދޫ އާއި ހުޅުދުއަށް އުފާވެރި ދުވަސްތަކެއް ގެނެސްދެއްވާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އައްޑޫ ސިޓީ މީދޫއިން ރައީސް ސޯލިހަށް ބޮޑު އަގުލަބިއްޔަތެއް ލިބުނުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގައި އެ ނަތީޖާ ތަކުރާރު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާ މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ރިޔާސީ ދެވަނަ ދައުރުގެ އައްޑޫ ސިޓީގެ ތަސައްވުރު އެ ޖަލްސާގައި ހާމަކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.