ސަރުކާރު ޖަވާބުދާރީކުރުވުމަށް އެމްޑީޕީގެ މެންބަރުން ކުރާ މަސައްކަތް ހުއްޓުވާލައި، ފަހަތަށް ނުޖެއްސޭނެ ކަމުގައި އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޖަވާބުދާރީކުރުވާ އަދި ހަމައަކަށް އަޅުވަންޖެހޭ އެތައް ކަމެއް މިހާރުވެސް އެބަހުރި ކަމަށެވެ. އެކަން ކުރެވޭނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމުގައިވެސް ވިދާޅުވި އެވެ.
"ސަރުކާރު ޖަވާބުދާރީކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ފަހަތައް ޖައްސައެއް ނުލެވޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި ބޮޑެތި އަދަދުތަކުން ލޯން ނަގާ، ގައުމު ދަރުވާލާފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ތަކުރާރުކޮށް ވާހަކަދައްކަވަމުން ގެންދަވާތީ ރައީސް ސޯލިހް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގީ އެމަނިކުފާނުގެ ސަރުކާރުގައި ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯންތަކަށް ކޮންމެ މަހަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ދައްކަމުން ކަމުގައިވެސް ވިދާޅުވި އެވެ.
"މިއަދު ރައީސް މުއިޒު ތިން މަސް ދުވަސް ތެރޭގައި 800 މިލިއަން ރުފިޔާ ދައްކައިގެން އެކަން ވިދާޅުވާއިރު އަޅުގަނޑުމެން ކޮންމެ ތިންމަސް ދުވަހަކުން އެއީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ދައްކައިގެން ކުރިއަށް ދިޔައީ. މިއީ އަޅުގަނޑުމެން ނެގި ލޯނެއް ނޫން. އެހެންނަމަވެސް ސަރުކާރުތަކަކީ ކޮންޓިނިޔުޓީ އަކަށްވާތީ ކުރީގައި ނަގާފައި ހުރި ލޯނުތައް ދައްކަންޖެހޭ. އެއީ އަޅުގަނޑު މިކުރި ކަމަކީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މާލެ ތޮއްޖެހި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އައްޑޫ ސިޓީގެ ތަރައްގީއަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށާއި ނަމަވެސް މިސަރުކާރު ހަވާލުވި ފަހުން އޭގެ ބައެއް މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.