އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ މަަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސާ އެ ސިޓީގައި 8،000 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ރޭ ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ޝަންގްރިލާ އާއި ހޭތެރެ ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ ގޮތްތަކެއް ހޯދަން ޓޫރިޒަމުން މަސައްކަތް ކުރަމުން އަންނަ ކަމަަށެވެ. އަދި އަލުން އެ ރިސޯޓްތައް އޮޕަރޭޝަނަށް އަންނައިރު އެ ދެ ރިސޯޓް ބަންދު ކުރުމުން ވަޒީފާ ގެއްލުނު މީހުނަށް އިސްކަން ދޭނެ ގޮތްތަކެއް ހަމަޖެއްސޭތޯ ވެސް ބައްލަވާ ކަމަށެވެ.
މާލެއާ ދުރު ހިސާބުތަކުގައި ހިންގާ ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުލި މިހާރު ކުޑަވެފައިވުމަކީ ވެސް ޓޫރިޒަމް ފުޅާވުމަށް އޮތް ރަނގަޅު ފުރުސަތެއް ކަމަަށް ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ސަރުކާރުން ވައުދުވީ އައްޑޫގައި 8،000 އެނދު ތަރައްގީ ކުރަން ކަމަށާ އޭގެ ތެރެއިން 4،000 އެނދު ތަރައްގީ ކުރުމަށް 62 ބިމެއް މިހާރު ވެސް ބިޑަށް ލާފައިވާ ކަމަށެވެ. ތަރައްގީ ކުރަން މިހާރު ބައެއް ބިން ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރޭގެ އެ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ކެންޑިޑޭޓުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ އެ ސިޓީގައި ޓޫރިޒަމް ފުޅާ ކުރެއްވުމަށް އިތުރު މަސައްކަތްތައް ކޮށްދެއްވުމަށެވެ.
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އައްޑޫގައި ބިން ހިއްކާއިރު އިތުރު ރިސޯޓްތައް ތަރައްގީ ކުރަން އިސްކަން ދެއްވާނެ ކަމަށާ އެކަމަށް ހާއްސަ ކޮށްގެން ތަންތަން ވެސް ހިއްކާނެ ކަމަށެވެ. މީގެ އިތުރުން ހަންކެޑެ އާއި ސަވާހިލި، ކޮންމެ ރަށެއްގައި 2،000 އެނދު ތަރައްގީ ކުރަން ޕްލޭންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި މިހާރު އޮތް ދޫގަސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި މެދުވެރިކޮށް ތަރައްގީ ކުރަން މަސައްކަތް ކުރާ ކަމަަށާ އެ ކުންފުންޏާއި އެމްޕީއެލްއާ ދެމެދު ސެޓްލްމަންޓް އެއްބަސްވުމެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަަށެވެ.
ދޫގަސްއާ ގުޅިގެން އެމްޕީއެލްއިން ދައްކަން ޖެހޭ ލޯނެއް އެބައޮތްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ފައިސާ ދައުލަތުން ދީގެން އެކަން ނިންމަން މަސައްކަތް ކުރަމުންދާ ކަމަަށެވެ.