ފައްޔާޒް އިސްމާއީލް

މަސައްކަތް ކުރަނީ އައްޑޫއަށް ހައި ޖަންޕެއް ޖެހޭތޯ: ފައްޔާޒް

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އައްޑޫ ސިޓީ ތަރައްގީގެ ދުވެލީގައި "ހައި ޖަންޕެ" އް ޖަހަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ރޭ ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މާލެ ފިޔަވައި އެންމެ ބޮޑު ތަރައްގީވެފައި އޮތީ އައްޑޫ ކަމަަށާ އެހެންވެ ކުރު މުއްދަތެއްގައި އެންމެ ބޮޑު ބަދަލެއް ގެނެވޭނެ ސިޓީއަކީ ވެސް އައްޑޫ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ އައްޑޫއަށް ހައި ޖަންޕެއް ޖެހޭތޯ އިނގޭތޯ. އެއީ އަޅުގަނޑުމެންނަށް ފެނުނު ތަނުގައި މާލެ ނަގާފައި އެންމެ ބޮޑަށް ތަރައްގީވެފައި އޮތީ އައްޑޫ. އެހެންވީމަ އެންމެ ބޮޑު ބަދަލެއް ގެނެވޭނެ އެންމެ މުހިންމު މެޓީރިއަލް ބަދަލެއް ގެނެވޭނެ ތަނަކީ އައްޑޫ ކަމަށްވާތީ އަޅުގަނޑުމެން ވައުދުނާމާގެ ތެރެއިން އައްޑޫ ރައްޔިތުންގެ ފަރާތުން ހިޔާލުތަކާ އެއްގޮތަށް މަސައްކަތް ކުރަމުން މި ގެންދަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އައްޑޫއަށް ވަރަށް މުހިންމު ތިން މަޝްރޫއެއް އެބައޮތް ކަމަށާ އެއީ ގަން އެއާޕޯޓް ތަރައްގީ ކުރުމާއި ބިން ހިއްކުމާއި މަގުތައް ހެދުން ކަމަށެވެ. އެއީ 180 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ ފީސިބިލިޓީއެއް ހަދަން އިންޑިއާގެ ކޮންސަލްޓަންޓަކު މި މަހުގެ ފަހުކޮޅު އެ ސިޓީއަށް ދާނެ ކަމަށާ އުންމީދަކީ އެ ފީސިބިލީޓީގެ މަސައްކަތް ނިމި މި އަހަރުގެ ތިންވަނަ ކްއާޓަރުގައި ކޮންޓްރެކްޓަކާ ހަވާލު ކުރުން ކަމަަށެވެ. އެ މަސައްކަތް މުޅީން ނިމި އެއާޕޯޓް ތަރައްގީވުމާއެކު އައްޑޫގެ ޓޫރިޒަމް ފުޅާވެ އެނދުތައް އިތުރު ކުރެވިގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިން ހިއްކާއިރު އިތުރު ރިސޯޓްތައް ތަރައްގީ ކުރަން އިސްކަން ދެއްވާނެ ކަމަށާ އެކަމަށް ހާއްސަކޮށްގެން ވެސް ތަންތަން ހިއްކާނެ ކަމަށެވެ. މީގެ އިތުރުން އެ އަތޮޅުގެ ހަންކެޑެ އާއި ސަވާހިލި، ކޮންމެ ރަށެއްގައި 2،000 އެނދު ތަރައްގީ ކުރަން ޕްލޭން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފައްޔާޒުގެ ވާހަކަފުޅަށްފަހު އެމްޑީޕީގެ ރައީސް އަދި ބައްދަލުވުން މޮޑަރޭޓް ކުރައްވާ ރައީސް ނަޝީދު ވަނީ ފައްޔާޒުގެ ވާހަކަފުޅަށް ބާރު ދެއްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގައި މި ސަރުކާރަށް ޖަންޕެއް ޖެހޭނެ ކަމަށާ އެކަމުގެ ސިޔާސަތާއި ގާބިލުކަން އަދި އެ ވިސްނުން ސަރުކާރާއި ކެބިނެޓްގައި އެބަހުރި ކަމަށެވެ.

"ޖަންޕެއް ޖެހޭނެ ސިޔާސަތުތައް، ޖަންޕެއް ޖެހޭނެ ގާބިލްކަން، ޖަންޕެއް ޖެހޭނެ ވިސްނުން އަޅުގަނޑަށް ޔަގީން ކަށަވަރު މި ސަރުކާރާއި މި ކެބިނެޓްގައި އެބަހުރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.