ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ -- އެމްޑީޕީއަށް މާދަމާ އެއީ ބޮޑު ދުވަހެކެވެ. އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި މުހިއްމު މަގާމުތަކަކަށް ބޭފުޅުން އިންތިހާބު ކުރުން މާދަމާ ކުރިއަށްދާނެ އެެވެ. މި އިންތިހާބުގައި އެންމެ ބޮޑު ފޯރިއަކާއި ވާދަވެރިކަމެއް އޮތީ އެމްޑީޕީގެ ޗެއާޕަސަންގެ މަގާމަށް ބޭފުޅަކު ހޮވުމުގަ އެވެ. މި މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ) އެވެ.
ފަޔާ ގަބޫލުކުރައްވާ ގޮތުގައި މިދިޔަ ތިން ހަތަރު އަހަރު އެމްޑީޕީއެއް ނުހިނގަ އެވެ. ޕާޓީގެ ލީޑަޝިޕާ ސަރުކާރުގެ ގުޅުން އޮތީ ކެނޑިފަ އެވެ. ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ ލީޑަޝިޕާ ދެމެދު ބަދަހި ގުޅުމެއް ނެތެވެ. ފަޔާ ގަބޫލުކުރައްވާ ގޮތުގައި އެކަންކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އެވެ. އެމްޑީޕީގެ ހާލަތު ބަދަލުކޮށް ޕާޓީގެ ކުރީގެ ރޫހު އަނބުރާ ގެނައުމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފަޔާ ނިކުމެވަޑައިގެން ހުންނެވީ "ހިންގާލަން" ޝިއާރާ އެކު އެވެ. ކެމްޕޭން މިއަދު ނިމޭއިރު ޕާޓީގެ އާންމު މެންބަރުންގެ ހިތްތަކަށް ހިންގާލުމުގެ ރޫހު ވައްދަވައި ދެވިއްޖެ ކަމަށް ފަޔާ ގަބޫލުކުރައްވަ އެވެ. ޕާޓީގެ އާންމު މެންބަރުންނާ ގުޅިގެން ކުރިއަށް އޮތް ފަސް އަހަރު އެމްޑީޕީ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް 2023 އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަކީ ފަޔާގެ އެންމެ ބޮޑު އެއް އަމާޒެވެ.
ފަޔާ އަވަސް އަށް އަށް ދެއްވި އިންޓަވިއުގައި ވަނީ ޗެއާޕާސަން ކަމަށް ނިކުމެވަޑައިގެންނެވި ސަބަބުތަކާއި، ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގޮންޖެހުންތަކާއި، ސިޔާސީ ބޭފުޅުން އެމަނިކުފާނުގެ އަބުރު ނަގާލުމަށް ކުރެއްވި ކަންކަމާއި، އަމާޒުވި ފާޑުކިޔުންތަކާ ގުޅޭގޮތުން ތަފްސީލްކޮށް ވާހަކަދައްކަވާފަ އެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހާސިލްކުރައްވާނެ ކަންކަމާއި، ޕާޓީ އަލުން އާ ރޫހަކު ކުރިއަށް ގެންދަން ބޭނުންވާ ސަބަބުތައް ވެސް ފަޔާ ވަނީ ހިއްސާކުރައްވާފަ އެވެ.
މާދަމާ ބާއްވާ އެމްޑީޕީގެ އިންތިހާބާ ގުޅިގެން މިނިސްޓަރު ފަޔާ "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއު ވިދާޅުވުމަށް ފުރުސަތު އަރުވަމެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ވާދަކުރެއްވުމަކީ އަމިއްލަފުޅު ނިންމެވުމެއްތޯ؟ ނުވަތަ ވަކި ފަރާތަކުން އަންގަވައިގެން ނިންމެވި ނިންމެވުމެއްތޯ؟
އަޅުގަނޑު މި މަގާމަށް ކުރިމަތިލާން ނިންމީ ވަރަށް ގިނަ ބައެއްގެ މަޝްވަރާގެ މަތިން. އަޅުގަނޑަށް ވުރެ ކުރިން ބައެއް ބޭފުޅުން ތިއްބެވި މި މަގާމަށް ކުރިމަތިލައްވަން އިއުލާންކުރައްވައިގެން. އެހެންވެ އޭރު އަޅުގަނޑުމެންގެ ވިސްނުން ހުރީ މާބޮޑު މައްސަލަތަކެއް ނުނިކުންނަ ގޮތަށް އަޅުގަނޑުމެން ވެސް ކެންޑިޑޭޓަކަށް ތާއީދުކުރުމަށް. އެހެންނަމަވެސް އޭރު އިއުލާންކުރައްވާފައި ތިއްބެވި ބައެއް ބޭފުޅުންނަށް ތާއީދުކުރާކަށް އަޅުގަނޑުމެންގެ ޓީމުގެ ބައެއް ބޭފުޅުންނަކަށް އޭރު ތާއީދެއް ނުކުރެއްވޭ. ދެން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިން އޭރު ޗެއާޕާސަނަކަށް ހުންނެވި ބޭފުޅާގެ ދައުރު ދަންމާލަން ވެސް. އެކަމަށްވެސް މާބޮޑު ތާއީދެއް ނުލިބުނު. ދެން އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންނާއި ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނާއި ދެން ހުރިހާ ބޭފުޅުންގެ ވިސްނުމުގައި ވެސް ފެނުނީ އެމްޑީޕީއަށް 2023 އަށް ހުރި ގޮންޖެހުންތައް ފިލުވާލެވޭނީ ހަގީގަތުގައި ވެސް ޕާޓީގެ ހަރަކާތްތަކެއް ކުރިއަށް ގޮސް ޕާޓީއާއި ސަރުކާރު އެއްކޮށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްގެން ކަމަށް. އަދި ޕާޓީއާއި ޕާޓީގެ މެންބަރުންނާއި ސަރުކާރާ ގުޅުވާލުން. ހުރިހާ ބޭފުޅުންނަށްވެސް ގަބޫލުކުރެއްވުނު ޕާޓީއަށް މިވަގުތު އިފެކްޓިވް އެޑްމިނިސްޓްރޭޓަރެއް ބޭނުންވާ ކަމަށް. ހުރިހާ ބޭފުޅުންނަށް ވެސް އިއްތިފާގުވެވުނީ އަޅުގަނޑު ނިކުންނަން. އަޅުގަނޑުމެންގެ ޓީމަށް އަޅުގަނޑަށް މިކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް އޮތުމުން އަޅުގަނޑާ މަޝްވަރާ ކުރެވިގެން މިކަން ނިންމީ.
މަނިކުފާނަކީ ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި، ޒިންމާދާރު މަސައްކަތްތަކަކާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް. ސަރުކާރުގެ ވައުދުތައް ހަގީގަތަކަށް ހަދައިދިނުމަށް ވަރަށް މުހިއްމު މަސްއޫލިއްޔަތުތަކެއް އުފުއްލަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް. އެހާ ބުރަ ވަޒީފާއެއްގައި ހުންނެވިއިރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ވަގުތު ހޯއްދަވާނީ ކިހިނެއްތޯ؟
އަޅުގަނޑުމެންނަށް ވަގުތަކީ އޭގެ ޒާތުގައި ފުޅާކުރި ވަރަކަށް ލިބޭ އެއްޗެއް. އެމީހެއްގެ ކެޕޭސިޓީ ހުރި ވަރަކަށް އެކްސްޕޭންޑް ކުރެވޭނެ. އެކި މީހުންގެ މިހުންނަނީ އެކި ވަރަށް. ވަރަށް ގިނަ ބޭފުޅުންނާ ތަފާތުކޮށް އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމެއް އަސްލުގައ ނޯވޭ. އަޅުގަނޑުގެ އާއިލާ އާއި ދަރިންނާއި ހަގީގަތުގައި ދޭންޖެހޭ ވަރަށް މިވަގުތު ވަގުތެއް ނުދެވޭ. މިދިޔަ އަހަރު 10 އަހަރު ނުވަތަ އަށްވަރަކަށް އަހަރު މިހުރީ ގައުމީ މިމަސައްކަތުގައި ޝާމިލްވެ. އަޅުގަނޑު ބޭނުންވަނީ މި ގައުމަކީ އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ގައުމަކަށް ވުން. އެހެންވެ އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. ރޭގަނޑެއް ދުވާލެއް ޗުއްޓީއެއް މިހާރު ގެންގުޅޭ މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑަކީ ކަމެއް ހަވާލުކުރީމާ އެކަން ފަހިކޮށްދީ ވިސަން އެކުލަވާލާ މީހެއް. މިނިސްޓްރީތަކުގައި އެބަތި ވަރަށް ރަނގަޅު ޒުވާން ހިންގުންތެރި މުވައްޒަފުން. އަޅުގަނޑު ދެނީ އައިޑީ އަދި ހޯދައިދެނީ ވަސީލަތްތައް. މުވައްޒަފުން އެކަންކަން ކުރަނީ. ހަމަ އެގޮތަށް އެމްޑީޕީގެ ޗެއާޕާސަންކަން ލިބިވަޑައިގެންފިނަމަ އެމްޑީޕީގެ ތެރެއިން ވެސް ޕާޓީ ހިންގާލަން ވަރަށް ރަނގަޅު ޒުވާން ރިސޯސް ޕޫލެއް އަޅުގަނޑަށް އެބަފެނޭ. ޒުވާން ކުދިންނާއި އުމުރުން ދޮށީ ބޭފުޅުން ވެސް ބޭނުންވޭ އެމްޑީޕީއާ އެކު މި ގައުމު ބަދަލުކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވާން. އެހެންވީމާ އެމީހުން މެދުވެރިކޮށް އަޅުގަނޑު މި ޕާޓީ ހިންގާނީ. އަޅުގަނޑަކީ ކޯޑިނޭޓްކޮށް އޮގަނައިޒް ކުރާ މީހާ. އެހެންވީމާ އަޅުގަނޑަށް ވަރަށް ސާފުކޮށް ގަބޫލުކޮށް ކުރެވޭ މިއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ކަމަށް.
މަނިކުފާނު ފަދައިން ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒު ފަހްމީ އަކީ ވެސް އެމްޑީޕީއަށް ވަރަށް ވަފާތެރި އެމްޑީޕީއަށް ވަރަށް ހިދުމަތްތެރި ބޭފުޅެއް. މަނިކުފާނު ފަދައިން އިލްމީ ބޭފުޅެއް. ގާނޫނީ ވަކީލެއް. އިސްލާހީ ހަރަކާތްތަކުގައި މުހިއްމު ދައުރެއް އަދާކުރެއްވި އަދި އެމްޑީޕީގެ މެންބަރުންގެ ލޯބި ވެސް އޮތް ބޭފުޅެއް. އެހެންކަމުން އެމްޑީޕީގެ މެންބަރުން އިންތިގެ ބަދަލުގައި ފަޔާ ހޮވަންޖެހޭ ދެން އިތުރު ސަބަބެއް އެބައޮތްތޯ؟ ވާދަވެރި ކެންޑިޑޭޓްގެ ކިބައިގައި ނެތް ވަކި ކޮލިޓީއެއް ވަކި ސިފައެއް ވަކި ގާބިލް ކަމެއް މަނިކުފާނުގެ ކިބައިގައި ހުރި ނަމަ އެކަމަކީ ކޮބައިތޯ؟
މި ޕާޓީގައި އެބަތިބި ގާބިލް ލޯޔަލް ބައިވަރު މީހުން. އެއީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޕާޓީގެ މަސައްކަތުގައި އުޅޭ މީހުން. މީގެެތެރޭގައި މިއުޅެނީ ވަކި މީހަކު ކަމުގޮސްގެން ރީތި ވެގެން ލޯބި ވެގެން ނަގަންޖެހޭ ކަންކަމެއް ނޫން ސިޔާސީ ނިންމުންތަކަކީ. ސިޔާސީ ކަންކަން ނިންމަންޖެހޭނީ ގައުމާއި ޕާޓީގެ ކުރިމަގަށް ވިސްނައިގެން އެންމެ އިފެކްޓިވްކޮށް. ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ކޮން ބަޔަކަށްތޯ ބަލަންޖެހެނީ. ފެނުނީމާ އެންމެ އުފާވާ މީހާއެއް ނޫން ވެރިޔަކަށް ގެންނަން ޖެހޭނީ. އެކަން ކުރެވޭނެ ގާބިލް، ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ، މީހުން އެއްކުރެވޭނެ މީހަކު ބޭނުންވަނީ. ކޮންމެ ފަހަރަކު ވެސް އަޅުގަނޑު މިދަންނަވަނީ މިކަން ކުރަން ޕާޓީ ހިންގާލުމަށް އިފެކްޓިވް އެޑްމިނިސްޓްރޭޓަރެއްގެ ރޯލު އަދާކުރުމަށް އިންތިއަށް ވުރެ އަޅުގަނޑޭ ގާބިލްވާނީ. އެހެންވީމާ އެއީ އަޅުގަނޑު ހޮވަންޖެހޭ ސަބަބަކީ.
ދެން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހީއްސުރެ އަޅުގަނޑަކީ އިސްލާހީ ހަރަކާތުގައި މިއަދާ ހިސާބަށް މަސައްކަތް ކުރަމުން އަންނަ މީހެއް. އެ ދުވަހު މަގުމައްޗަށް ނިކުން ގޮތަށް ސިފައިންގެ އެ ދުވަހުގެ ކާފިއުއާ އެކު މަގުމައްޗަށް ނިކުން ގޮތަށް މިއަދާ ހަމައަށް ސިޔާސީ އެ މަސައްކަތުގައި އަޅުގަނޑު ވެސް މިހުރީ. އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ ކަމެއް ހާސިލްކުރަން. ފޮޓޯގަނޑެއް ނަގާކަށް ނޫން މިއުޅެނީ. އަޅުގަނޑު ނުދާ މުޒާހަރާއެއް ނުކުރާ ކެމްޕޭނެއް. ނުދާ ރަށެއް ލޯކަލް ކައުންސިލް އިންތިހާބާއި، މޭޑޭ މުޒާހަރާ އާއި، ރައީސް ނަޝީދުގެ 2018ގެ ޕްރައިމަރީގައި ވެސް އަޅުގަނޑުވެސް ހަމަ މަސައްކަތް ކޮށްފައި ހުންނާނެ އެނގޭތޯ. އަޅުގަނޑަކީ މަޝްހޫރު މީހެއް ނޫން.
ފަޔާގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންނާއި ބައެއް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އެންމެ އިސްވެރިން އެންމެ އިސް ސަފުގައި މަސައްކަތް ކުރައްވާ މަންޒަރު ފެނިގެން އެބަދޭ. މަނިކުފާނުގެ ކެމްޕޭންގައި ރައީސް ސޯލިހްގެ ދައުރަކީ ކޮބައިތޯ؟ އިންތިހާބުގެ އެއްވެސް މަރުހަލާއެއްގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެއްވެސް ހިޔާލެއް މަޝްވަރާއެއް ލިބިވަޑައިގެންނެވިތޯ؟ އިންތިހާބު ކާމިޔާބު ވާނެ ގޮތަށް އެއްވެސް ކަމެއް ފަހިކޮށްދެއްވިތޯ؟
ރައީސް ސޯލިހުގެ ރުހުުން އޮވެގެން އަޅުގަނޑު ކުރިމަތިލައިގެން މިހުރީ. ރައީސް ސޯލިހުގެ ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެއްވެސް ކަމެއް ނުކުރެވޭނެ ރައީސް ސޯލިހުގެ ރުހުން އޮވެގެން ނޫނީ. އޭގެ މާނައަކީ ރައީސް ސޯލިހް މި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރަން އަޅުގަނޑަށް ހުރަހެން ނާޅައޭ އަޅުގަނޑު ވަޒީރަކަށް ވީތީ. އެއީ އަޅުގަނޑު ދެކޭ ގޮތުގައި އޮތް ދައުރަކީ. ދެން އަޅުގަނޑަށް ޔަގީންކުރަން ރައީސް ސޯލިހް އަޅުގަނޑަށް 100 ޕަސަންޓް އިތުބާރު ކުރައްވާކަން. އިންތިހާބު ކާމިޔާބުކުރަން ވަކި ކަމެއް އަޅުގަނޑަށް [ރައީސް] ކޮށްދެއްވާފައެއް ނުވޭ.
ފަޔާ އާއި ރައީސް ނަޝީދާ ދެމެދު އުޅޭ މައްސަލަ އަކީ ކޮބައިތޯ؟ ރައީސް ނަޝީދު މަނިކުފާނާ މެދު ކަންކަން ކުރައްވާ ގޮތާ ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟
އަޅުގަނޑު ނެތް ރައީސް ނަޝީދާ ދޭތެރޭ އެއްވެސް މައްސަލައެއް. ރައީސް ނަޝީދު ފަހަރުގައި އަޅުގަނޑާ ދޭތެރޭ މައްސަލައެއް އޮތުމާ ނެތުމާ އެއެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް ރައީސް ނަޝީދަކީ. އެހެންނަމަވެސް ބައެއް ވިސްނުމާއި ކަންކަން ކުރަންޖެހޭ ގޮތުގައި ވިސްނުން ތަފާތު. ބައެއް ފަހަރު ރައީސް ނަޝީދު އަދި ބައެއް ބޭފުޅުން އަޅުގަނޑާ މެދު ހިތްހަމަނުޖެހެނީ އެހެންވެ ކަމަށް ވެދާނެ. އަޅުގަނޑަކީ ވެސް އަމިއްލަ މީހަކަށް ވާތީ އަޅުގަނޑު ދެކޭ ގޮތް އަބަދުވެސް ހާމަކުރާނަން. ބައެއް ފަހަރު ބައެއް ބޭފުޅުންނަށް ދަތިވޭ އެބޭފުޅެއްގެ ވިސްނުމާ ތަފާތު ހިޔާލެއް އައުމުން. އަޅުގަނޑު ވަކި މީހަކު ބުނެގެން ވަކި ކަމެއް ނުކުރާނަން. އަޅުގަނޑު ކުރާނީ އަޅުގަނޑަށް ފެންނަ ރަނގަޅު ކަންކަން. ނޫނީ މެޖޯރިޓީ އަށް އަޅުގަނޑު ކަންކަން ކުރާނީ. އާދެ، ރައީސް ނަޝީދގެ ސަބަބުން ޑެމޭޖް އެބަވޭ. ރައީސް ނަޝީދު އެބަ ގުޅުއްވާ ބައެއް ބޭފުޅުންނަށް އިންތި ކެމްޕޭންގައި. ރައީސް ނަޝީދު ބޭރުކުރަން އަޅުގަނޑު އުޅޭ ކަމަށް އެބަވިދާޅުވޭ ފޯން ކުރައްވާފައި. އެކަމަކު އެ ވާހަކަ އެ ދައްކަވަނީ ކެމްޕޭން އުކުޅަކަށް ހައްވައިގެން.
މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން މަނިކުފާނުގެ ކެމްޕޭންގައި އުޅުއްވި ނަމަވެސް އިންތިހާބުގައި ޕާޓީގެ އާންމު މެންބަރުން – ގުރާސްރޫޓްގެ ވޯޓު އެންމެ މުހިއްމީ. ގުރާސްރޫޓްގެ ތާއީދު މަނިކުފާނަށް އޮތް ކަމަށް ވަޒަންކުރައްވާ ނުވަތަ ބައްލަވާ ގޮތްތަކަކީ ކޮބައިތޯ؟
ގުރާސްރޫޓަކީ ކޮބައިތޯ އެއީ މިހާރު އުފެދޭ ސުވާލެއް. ގުރާސްރޫޓަކީ ޕާޓީގެ އާންމު މެންބަރުން ނޫންތޯ. ލީޑާޝިޕްގެ ނެތް މީހުން ނޫންތޯ ގުރާސްރޫޓްގައި މިއުޅެނީ. އަޅުގަނޑަށް ހީވަނީ ގުރާސްރޫޓޭ ބުނީމާ ބައެއް ބޭފުޅުންނަށް އޮޅުމެއް އަރާހެން. އާންމު މެންބަރުންގެ ބޮޑު އަގުލަބިއްޔަތެއް އަޅުގަނޑާ އެކު އެބަ މަސައްކަތް ކުރައްވާ. އެބޭފުޅުންގެ ބޮޑު ތާއީދެއް އަޅުގަނޑަށް އެބައޮތް. އަޅުގަނޑަށް ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށަށް މި ދެވުނީ. އެކަން ދެން އެނގިގެންދާނީ ނަތީޖާ އިން. ނަތީޖާ އައުމުގެ ކުރިން ދެން ވަކި އެއްޗެއް ބުނާކަށް ނޭނގޭ. ރަނގަޅު ފުރިހަމަ އަގުލަބިއްޔަތެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ދުވަހުން ދުވަހަށް އިދާރީ ގޮތުން ޕާޓީ ހިންގުމުގައި އެންމެ އިސް އެއް ފަރާތް. މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިދިޔަ ހަތަރު ފަސް އަހަރަކު އެމްޑީޕީއެއް ނުހިނގާ. އެހެންކަމުން ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ -- އެމްޑީޕީއަށް މުހިއްމު ބަދަލުތަކެއް ގެނެސް ޕާޓީ ވަރުގަދައަށް ހިންގާލަން ޖެހޭ ކަމަށް ވިދާޅުވަމުން ތިޔަ ގެންދަވަނީ. އަދާކުރައްވަން ޖެހިވަޑައިގެންފައިވާ ސަރުކާރުގެ ވަޒީފާގެ ގޮތުން އަދި އެމްޑީޕީ މިއަދު އޮތް ހާލަތަށް ބަލާއިރު ޗެއާޕާސަންގެ ފަސް އަހަރުގެ ތެރޭގައި ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ؟
ފަސް އަހަރު ތެރޭގައި ޕާޓީ ހިންގާލެވޭނެ ކަމާ ދޭތެރޭ އެކަމުގައި އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން. ޕާޓީގައި ހިޔާލު ތަފާތުވުން އެބަހުރި. ސަރުކާރާ ޕާޓީގެ ބައެއް ބޭފުޅުންނާ ދެމެދު ނުތަނަވަސްކަމެއް އެބައޮތް. އެކަމަކު ޕާޓީ ހިންގާލުމަށް އާންމު މެންބަރުންގެ ރައުޔު ހޯދުމާއި މަޝްވަރާކުރުމާއި ޕާޓީގެ ޖަގަހަތައް ހިންގާލުމުގައި އަދި ޕާޓީއަށް ތާއީދު ބޮޑުކުރަން ކުރާ މަސައްކަތުގައި އަޅުގަނޑާ ދެކޮޅު ހަދާނެ މީހަކު ޕާޓީގައި ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއަށް ވުރެ އަޅުގަނޑުމެންގެ ޕާޓީ ވަރުގަދަވާނެ އެނގޭތޯ. ޕާޓީ ރައީސް އާއި ޕާޓީގެ ގުނަންތަކުގައި އެމަސައްކަތުގައި އަޅުގަނޑަށް އެއްބާރުލުން ދޭނެ ކަމާ ދޭތެރޭ އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ލިބިވަޑައިގެންފިނަމަ ޕާޓީގެ އާންމު މެންބަރުންނަށް ކޮށްދެއްވާނެ ކަންތައްތަކެއް މަނިކުފާނު ހާމަކުރެއްވި. އެހެންނަމަވެސް މަނިކުފާނު އެންމެ އިސްކަން ދެއްވާނެ ދެތިން ކަމެއް އަދިވެސް އެއް ފަހަރު ވިދާޅުވެ ދެއްވާފާނަންތޯ؟ ޕާޓީއަށް އަދި އެކަންކަން އެހާ މުހިއްމު ވަނީ ކީއްވެގެންތޯ؟ އަދި އެކަންކަން ވައުދުވެވަޑައިގެންނެވި ގޮތަށް ޗެއާޕާސަންގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހާސިލްކުރައްވާނެ ކަމުގެ ޔަގީންކަމަކީ ކޮބައިތޯ؟
ފުރަތަމަ ކަމަކަށް ޕާޓީގެ ލީޑަޝިޕާ ރަށްރަށުގައި ތިބި މެންބަރުންނާ ގުޅުން ބަދަހިކުރަން އެބަޖެހޭ. ހާއްސަކޮށް ރަށްރަށުގައި ދާއިރާތަކުގެ އޮތް ހިންގާ ކޮމިޓީގެ ރޯލު ފުރިހަމަ އަށް އަދާކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ. މިހާރު ހަމައެކަނި ވޯޓަކުން ހޮވާފައި އޮންނަނީ. ކެމްޕޭން އައީމާ ޕޯސްޓަރު ކޮޅެއް ފޮނުވާލުން ކަމެއް މިހާރު މިއޮންނަނީ. އަޅުގަނޑުމެންގެ އަސާސީ ގަވައިދުގައި އެބައޮތް ހަމަ ވަރަށް ފުރިހަމަ އަށް ޕާޓީގެ މެންބަރުން ބައިވެރިކޮށްގެން ކަންކަން ކުރާނެ ގޮތް. އެކަމަކު އެކަން އޮތީ ހަމައެކަނި ކަރުދާހުގައި. އެއަށް އަމަލު ކުރެވޭ ތަނެއް ނުފެނޭ. މި ޕާޓީވެސް ކުރިއަރަން އެބަޖެހޭ. ކުރީގެ ހާލަތުން އެހެން ހާލަތަކަށް ދާން އެބަޖެހޭ. އެގޮތުން ދާއިރާގެ ހިންގާ ކޮމިޓީތަކާއި ރަށްރަށުގެ ގޮފިތައް ގަވައިދުން ބައްދަލުވެ ހަރަކާތްތައް ހިންގާ، ޗެއާޕާސަން އަދި ސެކްރެޓޭރިއޭޓް މި ބޭފުޅުންނާ ގަވައިދުން ބައްދަލުވާން ޖެހޭ. ރަށްރަށަށް ނުގޮސް އޮންލައިންކޮށް ވެސް އެބައްދަލުވުންތައް ބޭއްވޭނެ. ކަންބޮޑުވުންތައް ޝަކުވާތައް ބަލަންޖެހޭ. އަދި އަޅުގަނޑުމެންގެ ޕާޓީއާއި ސަރުކާރަށް ތާއީދު އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި އެކަންކަން ކުރަން އެބަޖެހޭ. އެއީ އަޅުގަނޑުމެންނަށް ގުރާސްރޫޓުން އަންނަންޖެހޭ މައުލޫމާތަކީ. އެ ކޮންވަޒޭޝަން ބަރާބަރަށް އޮންނަން އެބަޖެހޭ. އަޅުގަނޑުމެންގެ ސަރުކާރެއް އޮންނަނަމަ ސަރުކާރާ އެކު މަޝްވަރާކޮށްގެން ކަންކަން ނިންމަންޖެހޭ. އެއީ އެންމެ މުހިއްމު އެއް ކަންތައްތައް. ހުރިހާ އެންމެން ބައިވެރިކުރުން. ހަގީގަތުގައި ޕާޓީ ހިންގަން ޖެހޭނީ ތިރިން މައްޗަށް. މިހާރު މިހިނގަނީ މަތިން ތިރިއަށް. ދެވަނަ ކަމަކީ މިއަދު އަޅުގަނޑުމެންގެ ސަރުކާރެއް އެބައޮތް. ސަރުކާރާ އެކުު ޕާޓީން އެބަޖެހޭ މަސައްކަތް ކުރަން. ރަށްރަށުން ޕާޓީގެ އާންމު މެންބަރުން ފާހަގަކުރާ މައްސަލަތައް ސަރުކާރާ އެކު އިށީއިދެންގެން އެބަޖެހޭ އެކަންކަން ހައްލުކުރަން. ތިންވަނަ ކަމަކީ ޕާޓީ ހިންގާލުމަށްޓަކައި ޕާޓީގެ ޖަގަހަތަކަށް އޮފީސްތަކަށް ފައިސާ އާއި ރިސޯސް ދޭން އެބަޖެހޭ. އެކަންތައްތައް ކުރެވިއްޖެނަމަ މި ޕާޓީ ނުހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ. މި ޕާޓީ ގަދައަށް ހިންގާލެވޭނެ. އޭރުން އަމިއްލަ ޒާތުގައި ގޮސް އިލެކްޝަންތަކުން މޮޅުވުމުގެ ގާބިލްކަން ލިބޭނެ.
އިންތިހާބުގެ ކެމްޕޭންގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފަޔާ ތިވަނީ ވަޑައިގެންފައި. އެ ދަތުރުތަކުގައި ރަށްތަކުން މަނިކުފާނަށް ފެނިވަޑައިގަތީ ކޮން ކަމެއްތޯ؟ ޕާޓީގެ އާންމު މެންބަރުންގެ ޝަކުވާ އަކީ އަދި އެދިވަޑައިގެންނެވީ ކޮން ކަމަކަށްތޯ؟ ކެމްޕޭން ދަތުރުތައް ފެއްޓެވިއިރު ދެއްކެވި ވާހަކަތަކާއި ދަތުރުތައް ނިންމަވާލެއްވިއިރު ދެއްކެވި ކަންބޮޑުވުމުގެ ވާހަކަތައް ނުވަތަ އާންމު މެންބަރުންގެ ޝަކުވާތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ؟
އަޅުގަނޑަށް މި ކެމްޕޭންގައި އެންމެ ފުރަތަމަ ދުވަހު ފެނުނު މަންޒަރު އެންމެ ފަހުންވެސް ފެނުނީ. މިއަދާ ހަމައަށް އައީ ހަމަ އެއް ޝަކުވާތަކެއް. ހަގީގަތުގައިވެސް އަޅުގަނޑުގެ ސްލޯގަން "ހިންގާލަން"ވީ އެބޭފުޅުންގެ ހިތާ ސިކުނޑީގައި ޖެހުނު އެއްޗަކަށް. އެއީ އެބޭފުޅުންވެސް ދެކެމުން އައއި ގޮތް ކަމަށް އަޅުގަނޑަށް ފެންނަނީ. ޕާޓީ ނުހިނގައޭ. ޕާޓީގައި ތިބީ ކޮން ބައެއްހޭ، ތިމަންނަމެންނަކަށް ނޭނގޭ އެތައް ބަޔަކު ބުނި. އަޅުގަނޑުމެންނާ ގުޅުމެއް ނެތޭ ޑަބްލިއުޑީސީގެ ކިތަންމެ މެންބަރަކު ބުނި. ޕާޓީން ޕޯސްޓަރެއް އިންތިހާބުގައި ލިބުނަސް ހޮވުނީ އަޅުގަނޑުމެން އަމިއްލަ އަށޭ އެބޭފުޅުން ވިދާޅުވި. ހޮވުނީމާ މަރުހަބާ ކިޔާލަން ވެސް ޕާޓީން ނުގުޅާ ކަމަށް ވިދާޅުވި. ޕާޓީ ނުހިނގާ އޮތް އޮތުމުގެ ޒިންމާ ނަގަންޖެހޭނީ ޗެއާޕާސަން. ޕާޓީގެ ޗެއާޕާސަން ކުރަންޖެހޭ ކަމެއް އެއީ އިދާރީ ކަންކަން. އެކަން ޕާޓީގެ ޗެއާޕާސަނަށް ނުކުރެވި އޮތީމާ މިދިޔަ ތިން އަހަރު އަޅުގަނޑުމެންގެ ސަރުކާރެއް އޮވެމެ ޕާޓީގެ މެންބަރުންނާއި ސަރުކާރު ފެއަށް ޖެހިފައި މިއޮތީ. އިދިކޮޅުގައި ޕާޓީ އޮންނައިރު މިދެންނެވި ހުރިހާ ކަމެއް ނުވެދާނެ. އެކަމަކު އަޅުގަނޑުމެންނަށް ސަރުކާރު އޮވެ މިދެންނެވި ކަންކަން ނުވީ ސަރުކާރާއި ޗެއާޕާސަންއާ ގުޅުމެއް ނެތީމަ.
ފައްޔާޒުގެ ބޭބެ އިބްރާހީމް އިސްމާއީލް (އިބްރާ)އަކީ އެމްޑީޕީގެ ކުރީގެ ރައީސް. އިބްރާ ގެންދަވަނީ އެމްޑީޕީގެ މިހާރުގެ ސިޔާސަތުތަކަށް އަދި އެމްޑީޕީގެ މިހާރުގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން. އަދި ރައީސް ނަޝީދު ވެސް ގެންދަވަނީ މަނިކުފާނަށް ބައެއް ކަހަލަ ތުހުމަތުތައް ކުރައްވާ ސަރުކާރުގެ ތެރެއިން މަނިކުފާނު ބޭރުކުރެއްވުމަށް މަސައްކަތް ކުރައްވަމުން. އިބްރާގެ ސަބަބުން މަނިކުފާނުގެ ކެމްޕޭނަށް ލިބުނު ގެއްލުމެއް އެބައޮތްތޯ؟
އިބްރާ އަކީ އަޅުގަނޑު ބޭބެ. އަޅުގަނޑުމެން ސިޔާސީ މައިދާނަށް އޭރު ނިކުން އިރުގައި މާލޭގެ ގުރައުންޑް ލީޑް ކުރީ އިބްރާ. ވަރަށް އިފެކްޓްވިކޮށް ވިސްނުން ތޫނުކޮށް ކަންކަން ކުރެއްވީ. ރައީސް ނަޝީދާ ހިޔާލު ތަފާތުބެ އިބްރާ އެމްޑީޕީއާ ދުރަށް ގޮސް ސޯސަލް ލިބަރަލް ޕާޓީ އުފެއްދެވެވީ ވެސް އެހެން ގޮތަކަށް އިސްލާހީ ހަރަކާތް ހިންގަވަން ބޭނުންވެގެން. އިބްރާއާއި އަދި އަޅުގަނޑުމެން އާއިލާގެ އެންމެންނަކީ ވެސް މިނިވަންކޮށް މަސައްކަތް ކުރާ ބައެއް. ބައެއް ބޭފުޅުން ވިދާޅުވެ އެބޭފުޅެއްގެ އާއިލާގެ ހުރިހާ ވޯޓެއް ހޯދައިދޭނަމޭ. އެކަމަކު އަޅުގަނޑަކަށް އަޅުގަނޑުގެ އާއިލާގެ ހަމަ އެންމެ ވޯޓެއް ވެސް ނުހޯދޭނެ. އެހާވެސް އަޅުގަނޑުމެންނަކ މިނިވަންކޮށް އުޅޭ ބައެއް. އާއިލީ ބޭފުޅުންނަށް ކަންކަން ކޮންވިއުޒްކޮށްދީގެން އަޅުގަނޑުމެންނަށް އެއްޗެއް ހޯދޭނީ. އިބްރާ މިއަދު އެދަނީ އިބްރާ އެދޭ ގޮތަށް ކަންކަން ކުރަމުން. އަޅުގަނޑަށް މި އިންތިހާބުގައި އިބްރާ ވިދާޅުވާ އެއްޗެއްގެ ސަބަބުން ދަތިތަކެއް ގެއްލުންތަކެއް ވާތީ ދެ ފަހަރަށް އިބްރާއަށް ދެންނެވިން އަޅުގަނޑަށް ތިހެން ނުހަދަން. އެކަމަކު އިބްރާ ދެންނެވީ އިބްރާ ސިޔާސީ ކެރިއަރެއް ދެން ބިލްޑްކުރަން ބޭނުން ނުވާ ކަމަށް. ތިމަންނާ ހިއްސާކުރަން ބޭނުންވާ ކަމެއް ލިޔާން ބޭނުންވާ އެއްޗެއް ލިޔާނެ ކަމަށް. އަޅުގަނޑަށް އެކަމުގައި ގެއްލުމެއް ލިބޭނަމަ ފަޔާ އެކަންކަމާ ކުރިމަތިލުމަށް ޑީލްކުރަން އިބްރާ އަޅުގަނޑަށް ދެންނެވީ. އަޅުގަނޑަށް މި ކެމްޕޭން އިބްރާ އެ ކަންކަން ކުރައްވާ ގޮތުން ޑެމޭޖްވިޔަސް ދެން އެކަންކަން ނުކުރަން އަޅުގަނޑެއް އިބްރާ އަކަށް ނުދަންނަވާނަން. އިބްރާ ވިދާޅުވާ އެއްޗެއް ވާދަވެރިން މި ބޭނުންކުރަނީ އަޅުގަނޑާ ގުޅުވާފައި. އެކަމަކު އިބްރާ ފާޅުކުރާ ކޮންމެ ޝުއޫރަކ އަޅުގަނޑު އެއަށް އެއްބަސްވާނެ ކަމެއް ނޫން. އަދި ތާއީދުކުރާ ކަމެއް ނޫން.
އިމްތިޔާޒު ކެމްޕޭންގައި އުޅުއްވާ އިސް ބައެއް ބޭފުޅުން ގެންދަވަނީ ފަޔާއަށް ކޮރަޕްޝަންގެ ތުހުމަތު ތަކުރާރުކޮށް ކުރައްވަމުން. މަގާމު ބޭނުންކުރައްވައިގެން ނުފޫޒު ފޯރުއްވައިގެން ކަންކަން ކުރައްވާ ކަމަށް ތުހުމަތުކުރައްވަމުން. ވަޒީފާގެ ބިރު ދައްކަވާ ކަމަށް ތުހުމަތު ކުރައްވަމުން. އެމްޑީޕީގެ އެންމެ ގިނަ ބަޔަކު ލޯބިވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް މަނިކުފާނަށް ބައެއް ކަހަލަ ތުހުމަތުތައް ކުރައްވަ. ފަޔާ ތަކުރާރުކޮށް އެބަ ވިދާޅުވޭ ތުހުމަތުކުރައްވާ ޒާތުގެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް. މަނިކފާނު އެހާ އިނޮސެންޓް ނަމަ ދެން އެވަރުގެ ބޮޑެތި ބޮޑެތި ތުހުމަތުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީ ކީއްވެގެންތޯ؟
އަޅުގަނޑު މިހުރީ ދައުލަތުގެ އިކޮނޮމިކް މިނިސްޓަރަކަށް. ތި ވިދާޅުވާހެން ވަރަށް ގިނަ ކންކަމާ ގުޅުންހުރި ކަމެއް މިކަމަކީ. އަޅުގަނޑާ މެދު ބަޔަކު އެ ދައްކާ ވާހަކަތަކީ އަޅުގަނޑުގެ ތަސައްވުރު ދުއްވާލަން ބަޔަކު ކޮންޓިއުނަސްލީ ދައްކާ އެއްވެސް އަސްލެއް ނެތް ހަގީގަތެއް ވާހަކަތަކެއް. އެއީ ދޮގު ވާހަކަތަކެއް. ކޮންޓިއުނަސްލީ މިބުނަނީ ކޮރަޕްޝަނޭ. މިކަން ބަލަން ކޮންމެވެސް އެއްކަމެއް އޮންނަންވާނެ ނޫންތޯ. އެބޭފުޅުން އެވިދާޅުވާ ގޮތުންނަމަ އަޅުގަނޑުގެ އެކައުންޓުގައި މިހާރ ބިލިއަނުން ޑޮލަރު ހުންނަންވާނެ. ދެން މިބުނަނީ ވަޒީފާގެ ބިރު ދައްކާ ވާހަކަ. އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. ބައްލަވާ އަޅުގަނޑުގެ އޮފީހުގެ ސީނިއަ ދެ އެގްޒެކްޓިވް ޑިރެކްޓަރުން މިހާރުވެސް ހެސްކިޔާފައި އެ ގެންދަވަނީ އިންތިއަށް ކެމްޕޭން ކުރައްވަމުން. އަޅުގަނޑު އެބޭފުޅުން އެކަން ނުކުރަން ދުވަހަކު ވެސް ދެންނެވިތޯ އައްސަވާ. ނުބުނަން އެކައްޗެކޭވެސް. ދެން އިންތި ކައިރީގައި އެބައުޅުއްވާ މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުން. ފެނަަކައިގެ މުވައްޒަފުން ވެސް އެބައުޅޭ.
ދެން އަޅުގަނޑަށް ފާޑުވިދާޅުވާ ބޭފުޅުން އަޅުގަނޑު ބުނި ކަމަށް ހަދާފައި އެބަ ވިދާޅުވޭ އަޅުގަނޑަށް ވޯޓު ނުލައިފިނަމަ މިވެނި ރަށެއްގައި ހިންގަމުންދާ ޕްރޮޖެކްޓެއް ހުއްޓުވާ އެރަށެއް ފަޅުކުރާނެ ކަމަށް އަޅުގަނޑު ބުނި ކަމަށް. އެކަމަކު އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި ދައްކާ ވާހަކަތައް އެބަ ވީޑިއޯ ވެސް ކުރޭ. އަޅުގަނޑު އެފަދަ އެއްޗެއް ބުނި ތަނެއް އެފަދަ ވީޑިއޯ ވެސް ދައްކަންވީ ނޫންތޯ؟ އަޅުގަނޑު ޗެއާޕާސަން ކަމަށް ހޮވުނަސް ނުހޮވުނަސް ސަރުކާރުން ހިންގާ މަޝްރޫއެއް ހިންގާނެ. އަޅުގަނޑުމެން މި ޕާޓީއަށް 2023 ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަމެއް ސަރުކާރުގެ ތެރެއިން ކުރާނެ. އަޅުގަނޑާ މެދު މިދައްކާ ހަގީގަތެއް ނެތް ވާހަކަތައް މިގެންގޮސްފައިވާ ހިސާބަށް ބަލާއިރު އެބޭފުޅުންނަށް މިހާރު ލާޒިމު މަޖުބޫރު އަޅުގަނޑާ މެދު އެ ދައްކާ ވާހަކަތައް ސާބިތުކޮށްދިނުން.
ދެން ބައެއް މީހުންނަށް ހީވޭ އަޅުގަނޑު މިއީ މާބާރުގަދަ ވަޒީރެކޭ. އަޅުގަނޑު ވަރުގަދައީ އަޅުގަނޑުގެ ދާއިރާގައި. އިކޮނޮމިކް މިނިސްޓްރީއާ ގުޅުންހުރި ދާއިރާގައި އަޅުގަނޑުގެ ބަސް ގަދަ. އެހެންވަނީ އަޅުގަނޑަކީ ވަކާލާތުކޮށްގެން ކަންކަން ހާސިލްކުރާ މީހެއް. ދެން އަޅުގަނޑަކީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ކުރުމަށް އަޑުގަދަ މީހެއް. ކަންކަން ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތް ކުރާ މީހެއް. ހަގީގަތަކީ ރައީސް ސޯލިހަށް އުކުޅަހުގައި ޓިކެޓް ލިބެންދެން ވެސް އޭގެފަހުން ވެސް އެމްޑީޕީގެ ތެރެއިން ސަރުކާރަށް އައި ހުރިހާ އެޓޭކެއް ދިފާއުކުރަން ކުރިމައްޗަށް ނިކުމެ އެކްޓިވްކޮށް ހުރި މީހަކީ އަޅުގަނޑު. އެހެންވެ އަޅުގަނޑަށް ޓާގެޓް ވަނީ. ސަރުކާރު ކުޑަކަކުލަށް ތިރިކޮށްލަން އެތެރެއިން ކުރި އެތައް ކަމެއް ހުންނާނީ އަޅުގަނޑު އިސްވެ ހުއްޓުވާފައި. އެކަމުގެ ތެރެއިން ނުފޫޒު ބިރުގެ ވާހަކަ އެ ދައްކަނީ. މިއީ އެންމެން ނުދައްކާ އޮތް ބޮޑު ސިއްރެއްގެ ވާހަކަ.
ދެން އިމްތިޔާޒުގެ ފަޅިން ވެސް ނުފޫޒަށް ބާރުދޭ ގޮތަށް ކަންކަން ކޮށްފައި އެބަހުރި. އެކަމަކު އަޅުގަނޑު ނުދަންނަވަން އެއީ އިންތި ކުރާ ކަމެކޭ. އެބަހުރި އިންޒާރު ވެސް ދީީފައި. މިސާލަކަށް ފުވައްމުލަކު ވެމްކޯ، ފެނަކަ. އެ ތަންތަނުން އެބަ އިންޒާރުދޭ އަޅުގަނޑަށް ވޯޓު ލައިފިއްޔާ ފިޔަވަޅު އަޅަން. ދެން ވަޒީރަކަށް ވީތީ އޭގެ ޒާތުގައި ހުންނަ ނުފޫޒުތަކެއް އެބަހުރި. އެއީ އަޅުގަނޑަށް އޮތް އެޑްވާންޓޭޖަކަށް ވެސް ވެދާނެ. ހަމަ އެގޮތަށް އިންތިއަށް އޮތް އެޑްވާންޓޭޖެއް އެއީ ރައީސް ނަޝީދު ހުންނެވުން.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ދުވަހަކުވެސް އެމްޑީޕީ ބައިބައި ނުވާ ވަރަށް ޕާޓީ މިހާރު މިވަނީ ބައިބައިވެފައި. ޕާޓީއާއި ސަރުކާރުގެ ގުޅުން ވަރަށް ބޮޑަށް ކުޑަވެފައި މިވަނީ. ފަޔާއަށް ޗެއާޕާސަންގެ މަގާމު ލިބިވަޑައިގެންފިނަމަ އަލުން ކުރީގެ ރޫހާއި ބަދަހިކަން އެމްޑީޕީއަށް ގެނެވޭނެ ކަމުގެ އޮތް ޔަގީންކަމަކީ ކޮބައިތޯ؟ އެކަންތައް ދެން ކުރައްވާނީ ކިހިނެއްތޯ؟ މަނިކުފާނު ތިޔަ އުއްމީދު ކުރައްވާ ނަތީޖާ ނެރެވޭނެ ކަމަށް ޔަގީންކުރައްވާ ސަބަބުތަކަކީ ކޮބައިތޯ؟
އެމްޑީޕީއަކީ އޭގެ ޒާތުގައި ހަގީގަތުގައި ކޯލިޝަނެއް. އެކި ހިޔާލުގެ އެކި ފިކުރުގެ މީހުން އެއްވެގެން މި ޕާޓީގައި މިއުޅެނީ. މައިގަނޑު އަސާސްތަކެއް މި އެންމެން ގަބޫލުކުރަނީ. އެކަމަކު ހިޔާލުތަފާތުވުންތަކެއް އެބަހުރޭ. ބޮޑު ބާރެއް އޮންނަ ފަރާތްތަކަކުން ޕާޓީގެ ލީޑަޝިޕް ހިފަހައްޓަމުން މިގެންދަނީ. އެކަމަކު ޒަމާން ބަދަލުވެ ދެން ތިބި ބައެއްގެ ވޮއިސް ވެސް ގަދަވަމުން މިހާރު މިދަނީ. އެކި ފެކްޝަން ހުރޭ އަބަދުވެސް. ވަކި ފެކްޝަނަކުން އެމްޑީޕީ ކޮންޓްރޯލް ކުރަމުން އައި އައުން ނިމުމަކަށް އައިސްފައި މިވަނީ. ދެން ހިނގާ ރަނގަަޅަށް ފެކްޝަން ކިޔަން. ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ނުކުރާ ކަމަށްވާނަމަ އަމަލުކުރާ ގޮތް ވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަފޭނޭ. އަޅުގަނޑުމެން އެކަހަލަ ފިތުނައެއް ނުއުފައްދާނަން. ޒާތީ ނުވެ ކެމްޕޭން ކުރިއަށް މިގެންދަނީ ވަރަށް އެހެން ކަހަލަ ވާހަކަތަކެއް ވެސް އަޅުގަނޑުމެންނާ ދެކޮޅަށް ދައްކައިފި ނޫންތޯ. ދެން އެހެންވެސް ވެދާނެ ޕާޓީ ބަދަލުވަމުން މިދާ މަރުހަލާގައި. އެކަކުގެ އަތުގައި އޮތް ކޮންޓްރޯލް ކުޑަވަމުން މިދަނީ. ޑިމޮކްރެޓިކް ޕާޓީއެއް އޮންނަންޖެހޭނީ ވެސް އެގޮތަށް. އެންމެންގެ ފިކުރާއި މަޝްވަރާގެ މަތިން ކަންކަން ނިންމަންވާނީ. އެމްޑީޕީ މިދަނީ ޑިމޮކްރެޓިކް ޕާޓީ އަކާ ދިމާލަށް. އަޅުގަނޑުމެން މި ކެމްޕޭން ކުރިއަށް މި ގެންދިޔައީ އެބޭފުޅުންނާ އެކު ދެންވެސް މަސައްކަތް ކުރެވޭނެ ހާލަތެއްގައި ތިބެގެން. އޭގެ މާނައަކީ އަޅުގަނޑުމެން ޒާތީކޮށް އެއްޗެއް ނުކިޔަނޭ. ނުވެސް ކިޔާނަން. އަޅުގަނޑުމެންނާ ދިމާލަށް އަންނަ އެއްޗެތި އަޅުގަނޑުމެން ހަޖަމު ވެސް ކުރާނަން. ހިތްހަމަނުޖެހުނަސް ހިތްތިރިކޮށްލާނަން. ދެރަވިޔަސް ރުޅިއަޔަސް އަޅުގަނޑުމެން މިތިބީ އެކަން ދަނެގެން. ރައީސް ނަޝީދާ ދެކޮޅަށް އިންތިހާބެއްގައި ވާދަކޮށްލި މީހުންނާ މެދު މިޕާޓީގެ ތެރެއިން ކަންކަން ވެގެން ދިޔަ ގޮތް އެނގޭނެ. އަޅުގަނޑުމެން އެކަން އެނގިގެން މިކަމަށް ނިކުތީ. އަޅުގަނޑުމެން މޮޅުވިޔަސް ބަލިވިޔަސް އެކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން ހުންނާނެ. އަޅުގަނޑުމެން ޒާތީއެއް ނުވާނަން. އަޅުގަނޑުމެންނަށް އެއްކޮށް މަސައްކަތް ކުރެވޭނެ.
މާދަމާ އޮންނަ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިނަމަ އެ ނަތީޖާއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ގަބޫލުކުރައްވާ ގޮތުގައި ކީއްވެގެންތޯ؟
ފުރަތަމަ ކަމަކަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ރަނގަޅު އަގުލަބިއްޔަތަކުން އަޅުގަނޑަށް އިންތިހާބުގައި ކާމިޔާބު ކުރެވޭނެ. އެހެންނަމަވެސް އިލެކްޝަން ނިމުނީމާ އެނގޭނީ ދެއްތޯ. ނާކާމިޔާބުވެއްޖެ ކަމަށްވާނަމަ އޭގެ މާނައަކީ އަޅުގަނޑު ދެކޭ ގޮތުގައު މި ޕާޓީގެ ޑިމޮކްރެޓިކް ނިޒާމު އަދި އެންމެ ރަނގަޅެއް ނޫނޭ. މިދެންނެވީ ހަގީގަތަށް ވުރެ ބޮޑަށް ނަފްރަތުގެ އެއްޗިއްސޭ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އަދިވެސް މި ވިކެނީ. އަޅުގަނޑުމެން މިގެންދިޔައީ ވަރަށް ޕޮޒިޓިވް ކެމްޕޭން. އެހެންކަމަށްވާއިރު އަޅުގަނޑަށް މިކުރެވުނު މަސައްކަތާއި ފެނުނު ތަންތަނުގައި އަޅުގަނޑަށް ފެންނަނީ ޕޮޒިޓިވް ރަނގަޅު ކެމްޕޭނެއްގެ ތެރޭގައި އެމްޑީޕީގެ މެންބަރުން އެގޮތަށް ތިބި ތަން. ދައްވާ ތަނެއް ނުފެނޭ.
ނާކާމިޔާބީ ގަބޫލުކުރައްވާނަންތޯ؟
އަޅުގަނޑު ބަލި ގަބޫލުކުރާނަން. ޔަގީން.
އިންތިހާބުގެ ކުރިއަށް ޕާޓީގެ އާންމު މެންބަރުންނަށް ދެއްވަން އޮތް މެސެޖަކީ ކޮބައިތޯ؟
އަޅުގަނޑު ހަމަތަކުރާރުކޮށް މިދަންނަވަނީ މި އިންތިހާބަކީ އެމްޑީޕީ އާއި ރާއްޖޭގެ ކުރިމަގަށް ވަރަށް މުހިއްމު އިންތހާބެއް. މިއީ އަޅުގަނޑުމެންގެ ކުރީގެ އިންތިހާބުތަކާ ވަރަށް ތަފާތު އިންތިހާބެއް. މި ހާލަތާއި ދަނޑިވަޅުގެ ގޮތުން މިދަންނަވަނީ މިއީ ތަފާތު އިންތިހާބެކޭ. 2023 ގައި އެމްޑީޕީއަށް ނިސްބަތްވާ ވެރިކަމެއް ކުރިއަށް ގެންދަން ބޭނުންވާނަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިޕާޓީ އެބަޖެހޭ ހިންގާލަން. ޕާޓީއާ ސަރުކާރާ އެބަޖެހޭ ގުޅެންޖެހޭ. އެކަން ނުކޮށެއް 2023 އެއް ނުލިބޭނެ. އެހެންވީމާ 2023ގައި އެމްޑީޕގެ ސަރުކާރެއް އޮންނަން ބޭނުންވާނަމަ އެމްޑީޕީގެ މެންބަރުން މިއިންތިހާބުގައި ނިކުމެ ވޯޓުލާން އެބަޖެހޭ. މި ކެމްޕޭން ބެލި، ފޮލޯ ކުރި މީހުންނަށް އެނގޭނެ ސަރުކާރާ އެކު މަސައްކަތް ކުރެވޭނެ މިތަނުން ކޮން ކެންޑިޑޭޓަކަށް ކަން. ޕާޓީގެ މިނިވަންކަމާއި މެންބަރުންގެ ރޫހާއި މަސްލަހަތާ އެއްގޮތް ހިންގާލެވޭނީ ކާކަށް ކަން މިހާރު އެނގޭނެ. އަޅުގަނޑު ގަބޫލުކުރަނީ އެއީ އަޅުގަނޑު ކަމަށް. އަޅުގަނޑުގެ ވާދަވެރި ކެންޑިޑޭޓުގެ ފަރާތުން އަޅުގަނޑަށް ވުރެ ބޮޑަށް އައީ އަޅުގަނޑުމެންގެ ސަރުކާރަށް އައި އެޓޭކްތަކެއް. އެހެންކަމަށްވާނަމަ އަޅުގަނޑަކަށް ނުފެނޭ ވާދަވެރި ކެންޑިޑޭޓު ހޮވައިގެން ސަރުކާރާ އެކު މަސައްކަތް ކުރެވޭނެ ތަނެއް ނުފެނޭ. އެހެންކަމަށްވާނަމަ އަޅުގަނޑަކަށް ނުފެނޭ 2023 އެމްޑީޕީއަށް ލިބޭ ތަނެއް. އަނެއްކާވެސް އަނބުރާ 2018ގެ ކުރީގެ ހާލަތަށް އަނބުރާ މިގައުމުގެ ދިއުމުގެ ފުރުސަތު ބޮޑު. އެއީ ހަމަ ގައިމުވެސް އަޅުގަނޑު އެދޭ ކަމެއް ނޫން. މިއިންތިހާބުގައި ވަރަށް ފުންކޮށް ވިސްނުމަށްފަހު މި ގައުމާއި މި ޕާޓީއަށް އެންމެ ރަގަޅު ގޮތަށް ވޯޓުލުމަށް ނިކުތުމަށް އަޅުގަނޑު އެދެނީ.