ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ދަފްތަރާ މެދު ނަޝީދުގެ ބޮޑެތި ކަންބޮޑުވުންތަކެއް

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ވޯޓުލާ މީހުންގެ ދަފްތަރާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމްޑީޕީގެ ވޯޓުލާ މީހުންގެ ދަފްތަރުން 40،000އާ ގާތްކުރާ އަދަދަކަށް މީހުން ވަކިކޮށްފައިވާ ކަމަށެވެ.

"އެ މެންބަރުންނަށް އެންގުމަކާ ނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ވަނީ ގަޑުބަޑުވެފަ އެވެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އެ ސަބަބު އެހެން އޮއްވާ މިނިވަން އަދި އިންސާފުވެރި ޕްރައިމަރީއެއް ބޭއްވިދާނެ ކަމާ މެދު ޝައްކު އުފައްދަވާފަ އެވެ.

އެމްޑީޕީއަށް ހިތުން ރުހުމުން ގުޅިފައިވާ 40،000 އަށް ވުރެ ގިނަ އަދަދެއްގެ މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައިފިނަމަ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިންތިހާއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެއީ އެމްޑީޕީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

"ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު މި ޕާޓީގެ ވޯޓުލާ ދަފުތަރުގެ ގޮތުގައި މިހާތަނަށް ބަލަމުންއައި ދަފުތަރުގައި ހިމެނޭ މެންބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދެއްވުން އެދެމެވެ." ރައީސް ނަޝީދު އެދިވަޑައިގެންފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ 28 ވަނަ ދުވަހު އެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުއާ އެކު ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.