އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދަށް 11 އިސްލާހެއް ހުށަހަޅާފައި ވަނިކޮށް ކޮންގްރެސްގެ ބަހުސްގައި ވެސް ބައެއް އިސްލާހުތައް ހުށަހަޅާފައިވެ އެވެ.
އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އެހީ ކޮންގްރެސްގެ މިއަދު ހަވީރުގެ ދަންފަޅީގަ އެވެ.
މިއަދު ވޯޓަށް އެހި އިސްލާހުތަކުގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް ސޯލިހް ހުށަހެޅުއްވި އިސްލާހު ވެސް ހިމެނެ އެވެ.
ރައީސް ނަޝީދު ހުށަހެޅުއްވީ އެމްޑީޕީގެ ތެރޭގައި ހަރަކާތްތެރިވާނެ ތިންކް ޓޭންކެއް އުފެއްދުމަށެވެ. މި އިސްލާހު ފާސްކުރުމަށް 915 ބޭފުޅުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން ބޭފުޅުންނެވެ.
ރައީސް ސޯލިހް ހުށަހެޅުއްވީ ކޮންގްރެސްގެ ގޮފިތައް އައްޔަން ކުރުމުގައި މިހާރު ވެސް އަމަލު ކުރާ އުސޫލު އެގޮތުގައި ބޭއްވުމަށެވެ. މިއިސްލާހު ފާސްކުރަން 901 މެމްބަރުން ވޯޓު ދިން އިރު ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މީގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސްގެ މަގާމާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުންނަކީ ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރާ ބަޔަކަށް ހެދުމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު ކޮންގްރެސްގައި ހިމަނަން ވެސް ހުށަހެޅި އެވެ. މިއިސްލާހުތައް ވެސް ވަނީ ކޮންގްރެސްގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތަކާ އެކު އެމްޑީޕީގެ އަސާސީ ގަވައިދު ފާސްކުރުމާ މެދު ކޮންގްރެސްގެ ބައިވެރިންނަށް ފެންނަ ގޮތަކަށް ވޯޓު ދޭން ހުޅުވާލުމުން އަސާސީ ގަވައިދު ފާސްވީ 857 މެމްބަރުންގެ ތާއީދާ އެކު އެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރު ފަހު ވަގުތު އަނބުރާ ގެންދެވުމާ ގުޅިގެން އެ ގަރާރަށް ކޮންގްރެސްގައި ވޯޓަށް އަހާފައެއް ނުވެ އެވެ.
އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އެހުމުގެ ކުރިން ފުރަތަމަ ވޯޓަށް އެހީ ވޯޓުލާނެ ގޮތަކާ މެދު އެވެ. އެގޮތުން ވޯޓުލީ މީހުންގެ އަގުލަބިއްޔަތުން ފާސްކުރީ ސިއްރު ވޯޓެއްގެ ބަދަލުގައި އާންމު ވޯޓެއް ލުމަށެވެ.
ވޯޓުލުން ކުރިއަށް ގެންދިޔައީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވާ ބޭފުޅުންނަށް ދޫކޮށްފައިވާ ފާހުގައި ޖަހާފައިވާ ބާކޯޑް ސްކޭނަރަކަށް ދިމާކޮށްލުމުން ބާކޯޑް ރީޑްކުރާ ގޮތަށެވެ. ބާކޯޑް ރީޑްކުރާ ވަރަކަށް ނަތީޖާ ވަގުތުން ފެންނަ ގޮތަށް ކޮންގްރެސް ހޯލްގައި ސްކްރީން ތަކެއް ބަހައްޓާފައި ހުއްޓެވެ.
އިސްލާހުތަކާ އެކު އެމްޑީޕީގެ އަސާސީ ގަވައިދު ފާސްކުރުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަދެއްކެވި އެވެ. އޭގެފަހުގައި އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ ނިމުނީ ކަމަށް ރަސްމީކޮށް އިއުލާންކޮށްފައިވެ އެވެ.