އެމްޑީޕީ

ނަޝީދު އަލުން ވިސްނެވުމަށް ފައްޔާޒް އެދިވަޑައިގެންފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ނިންމެވުމާމެދު އަލުން ވިސްނާވަޑައިގަތުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެދިވަޑައިގެންފި އެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިިޔާބު ހޯއްދަވާފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ޕާޓީގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕްރައިމަރީގައި ގިނަ މީހުން ވޯޓުލީ ރައީސް ސޯލިހަށް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް ނަޝީދު ހުށަހެޅުއްވީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހެދުމަށެވެ. އަދި ޕާޓީން ކަނޑާލި ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ 39،000 އަށްވުރެ ގިނަ މީހުން އަލުން ޕާޓީއާ ގުޅި އެ މީހުންނާއެކު ފެންނަ ގޮތް ނިންމުމަށް ހުށަހެޅުއްވި އެވެ.

ރައްދުގައި ފައްޔާޒު ވަނީ އަލުން ވިސްނާލެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުކޮށް ތި ގޮތަށް ކަންކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ." ފައްޔާޒު ވިދާޅުވި އެވެ.

ވަޓްސްއެޕް ގްރޫޕްގައި ރަޢީސް ނަޝީދު މިއަދު ވިދާޅުވީ "ފިކުރެއްގެ ދިރުން"ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓަކީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅާ ކަމަށެވެ.

އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް ސޯލިހް އެވެ.

ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.