ރައީސް މުހައްމަދު ނަޝީދު

ވޯޓުގެ ސައްހަކަން ކަށަވަރުކުރަން 20 ކަމެއްކުރަން ނަޝީދު ހުށަހަޅުއްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން 20 ކަމެއް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ފައްޔާޒަށް ފޮނުއްވި ސިޓީގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ފުރިހަމަ ވާން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ކަންކަން އެބަހުރި ކަމަށް ވިދާޅުވެ އެ ކަންކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ކެމްޕޭނުން ފޮނުވި ސިޓީގައި ފުރަތަމަ ފާހަގަކޮށްފައިވަނީ ކޮންމެ ވޯޓްލާ މަރުކަޒެއްގައި ހާމައަށް ފެންނާނެހެން ދެ ކެންޑިޑޭޓުން ސޮއިކޮށްފައިވާ، އެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުންގެ ލިސްޓެއް ބަހައްޓަން ޖެހޭ ކަމަށެވެ.

ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި އެ ފޮއްޓަކަށް ލިބުނު ވޯޓު ކަރުދާސްތައް ގުނާ ޖުމުލަ އަދަދު ހާމަކުރުމެވެ.

ވޯޓުލާންދާ މީހާގެ ވަނަވަރު ކަށަވަރުކުރުމަށްފަހު އެ މައުލޫމާތު ބާރަށް އިއުލާން ކުރުމާއި ވޯޓުލާ މަރުކަޒު ތެރެއަށް ފޯނު ނުވެއްދުމާއި ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ނިޝާނަކީ ނުފޮހެވޭ ދެއްޔަކުން ޖަހާ ނިޝާނަކަށް ހެދުމަށްވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ވޯޓުލުމުގެ ކުރިންވެސް އަދި ފަހުންވެސް ވޯޓު ކަރުދާހުގެ ފޮޓޯ ނެގުން މަނާކުރުމާއި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކުން މަނާ ކުރުމާއި ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރުން ކުރަހާފައި ނުވަތަ ލިޔެފައިވާނަމަ ވޯޓު ބާތިލު ކުރުންވެސް އެދިވަޑައިގެންފައިވެ އެވެ.

ސިޓީގައި އެންމެ ފުރަތަމަ ފާހަގަކޮށްފައިވާ މި އަށް ކަމަކީ ގައުމީ އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަނުންވެސް އަމަލުކުރަމުން އަންނަ އާންމު އުސޫލުކަމަށް ބުނެފައިވެ އެވެ. މިއީ ވޯޓު ގަނެ ވިއްކުމުގެ އުކުޅުތަކަށް ފުރުސަތު ނުދިނުމަށް ހިފަހައްޓާ ހަމަތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.

ސިޓީގައި ފާހަގަކޮށްފައިވާ އެހެން ކަންކަން

  • ކެންޑިޑޭޓުގެ ހަ މަންދޫބަކަށް ކޮންމެ ވޯޓު ފޮއްޓަކުން ފާސް ދޫކުރުމާއި މަދުވެގެން ދެ މަންދޫބަކަށް ވޯޓު ފޮށި ދޮށުގައި އަބަދުވެސް ތިބެވުން
  • ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓު ފޮށި ދޮށުގައި ފޯނު ބޭނުން ކުރުމުގެ ހުއްދަ އޮތުން
  • ވޯޓު ގުނާ ވަގުތު އޮބްޒާވަރުންނާއި މަންދޫބުންގެ އިތުރުން ވޯޓު ހައްގުވާ އާންމު މެންބަރުންނަށްވެސް ވޯޓު ގުނާ ތަން ބަލަން ތިބުމުގެ ފުރުސަތު އޮތުން
  • ވޯޓުގެ ނަތީޖާ ޝީޓް ތައްޔާރުކޮށް ކެންޑިޑޭޓުންގެ މަންދޫބުން އޭގައި ސޮއި ކުރުމަށްފަހު އާންމުކޮށް ފެންނާނެހެން ވޯޓް މަރުކަޒުގައި ހަރުކުރުން
  • ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓް ކަރުދާހާއި ބާކީ ހުރި ވޯޓް ކަރުދާސް ސިޓީ އުރައެެއްގައި ބަންދުކޮށް ސީލް ޖަހާ އެ ސީލުގައި ސޮއިކޮށްފައި އޮތުން
  • ވޯޓުގެ ނަތީޖާ ޝީޓު ވަކި ސިޓީ އުރައެއްގައި ބަންދުކޮށް ސީލް ޖަހާ އެ ސީލުގައި ސޮއިކޮށްފައި އޮތުން
  • ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓް ކަރުދާހާއި ބާކީ ހުރި ވޯޓް ކަރުދާސްތައް ލާފައިވާ ސިޓީ އުރަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި މެނުވީ ނުކެނޑުން
  • ލިޔުމުންނާއި އީމެއިލުންނާއި ފޯމުންނާއި ގޫގުލް ފޯމު މެދުވެރިކޮށް އިންތިހާބާއި ބެހޭ ޝަކުވާތައް އިންތިހާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު އޮތުން
  • ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލިސްޓް ޖެނުއަރީ 26 ވަނަ ދުވަހު ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ހަމަޖެއްސުން
  • ވޯޓްލާންދާ މީހާގެ އައިޑީ ކާޑާއި މެދު ޝައްކުވެއްޖެ ނަމަ އޮބްޒާވަރުންނަށް އައިޑީ ކާޑު ދެއްކުން
  • ވޯޓް ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެވަގުތެއްގައި ވޯޓުލީ މީހުންގެ އަދަދު ވޯޓުލާ މަރުކަޒުގައި އިއުލާން ކުރުން
  • ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ އަދަދު އިއުލާން ކުރުން

ސިޓީގައި ފާހަގަކޮށްފައި ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ދުރާލާ އާންމުކޮށް އަންގާ އިއުލާންކޮށްފައި އޮންނަން ވާނެ ކަމަށް ފެންނަކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ދުވަސް ކައިރިވެފައިވާ އިރު ދެ ކެންޑިޑޭޓުންގެ ކެމްޕޭނުވެސް ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. ދެ ކެންޑިޑޭޓުންގެވެސް ފަހު ޖަލްސާ އޮންނާނީ މިރެ އެވެ.

ރައީސް ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ނިންމާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗުގަ އެވެ. އަދި އެމަނިކުފާނުގެ އެންމެ ފަހުގެ ކެމްޕޭން ހަރަކާތް އޮންނާނީ މާދަމާ ހަވީރު 16:30 ގައެވެ. އެއީ މާލޭގައި ބާއްވާ ހިނގާލުމެކެވެ.