އެމްޑީޕީ

ރައީސް ސޯލިހް ހޮވަން ގަދައަށް މަސައްކަތްކުރާނަން: ފައްޔާޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިއްޒުއްދީން ސްކޫލުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ ފަހަތަށް ޖެހުމެއް އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެއްވެސް ގޮތަކަށް ފަހަތަށް ޖެހުމެއް ނެތް. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނަނީ ހަމަ ފަސޭހަކަމާ އެކު އަޅުގަނޑުމެންނަށް މިކަން ވާތަން،" ފައްޔާޒު ވިދާޅުވި އެވެ.

ޑިމޮކްރެޓިކް އުސޫލުން ކަންކަން ނިމޭއިރު ހިޔާލު ތަފާތުވުންތައް ހުރުމުން ހިތާމަ ކުރައްވާކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައިގެން ނުވަތަ އެމްޑީޕީ އެކަނި ކުރިމަތިލައިގެން ވިޔަސް އިންތިހާބު ކާމިޔާބުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް ރައީސް ސޯލިހް ބޭނުންފުޅުވާނަމަ އެކަމުގައި ގޮތެއް ނިންމެވުމުގެ ބާރު އެމަނިކުފާނަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި 170 މެންބަރުން ހިމެނުނު ނަމަވެސް އިއްޒުއްދީން ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވީ 60 އެއްހާ މެންބަރުންނެވެ. މެންބަރުންގެ އަދަދު މަދުވީ ގައުމީ މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ މެންބަރުން މިބައްދަލުވުމަށް ވަޑައިނުގަތުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ ބައްދަލުވުން ބޮއިކޮޓްކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހާ ރަސްމީކޮށް ހަވާލުކުރުމަށް މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އެމްޑީޕީން މިހާރު ވަނީ ނިންމާފަ އެވެ.

ރައީސް ސޯލިހަށް ޕާޓީގެ ޓިކެޓް އަރުވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ރައީސް ނަޝީދުގެ އަރިސް ބޭފުޅަކު ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.