އިމްތިޔާޒު ފަހުމީ

އިންތިގެ ކެމްޕެއިން ހަރަކާތެއް ނަޝީދުގެ އޮފީހުގައި

Apr 20, 2022
5

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިން ހަރަކާތެއް އައްޑޫ ސިޓީގައި ހުންނަ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގައި ކުރިއަށް ގެންގޮސްފި އެވެ.

ޗެއާޕާސަންގެ ރޭހުގައި ވާދަކުރައްވަނީ އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ. ސަރުކާރުގެ ވެރީންނާއި ކުންފުނިތަކުގެ ވެރީން އަދި ރައްޔިތުންްގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ.

އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ.

ނަމަވެސް ރައީސް ނަޝީދުވެސް އަދި ރައީސް ސޯލިހްވެސް ތާއީދު ކުރައްވަނީ ކޮން ކެންޑިޑޭޓަކަށް ކަމެއް ސާފުކޮށް ވިދާޅެއްނުވެއެވެ.

އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ބުނީ "ތިލަފަތުގެ ރަމްޒް" އިމްތިޔާޒް ފަހުމީގެ އައްޑޫ ސިޓީ ހިތަދޫ ކެމްޕެއިން އިން އިންތިޒާމްކުރި ހާއްސަ ތަރާވީހެއް މިއަދު އެ ރަށުގައި ބާއްވާފައިވާ ކަމަށެވެ. އެ ތަރާވީސް އޮތީ އައްޑޫ ސިޓީގައި ހުންނަ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގައެވެ. ގިނަ ބަޔަކު ބައިވެރިވި މި ހަރަކާތުގައި ނަޝީދުގެ އޮފީސް ކުރިމަތީ ކެމްޕެއިން ޓީމުގެ އިސް ބޭފުޅުން ވާހަކަ ދެއްކެވުން އޮތެވެ.

އަދި އޭގެ ފަހުން އޮފީސްތެރޭގައި ތަރާވީހެއް ކުރިއަށް ގެންދިޔައެވެ.

އިންތިގެ ކެމްޕެއިން ހަރަކާތެއް އައްޑޫ ސިޓީގައި ހުންނަ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގައި ކުރިއަށް ގެންގޮސްފައިވާއިރު ރައީސް އޮފީސްތެރޭގައި ފައްޔަގެ ކެމްޕެއިން ހިންގާ ކަމަށް އިންތިގެ ޓީމުން ތުހުމަތު ކުރެއެވެ. އަދި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށްވެސް ތުހުމަތު ކުރެއެވެ.

އެފަދަ ތުހުމަތުތަކެއް ރައީސް ނަޝީދުވެސް ވަނީ ކުރައްވާފައެވެ. އަދި ވަޒީފާގެ ބިރު ދައްކާނަމަ "ފާޅުގައި" ނިކުންނަވާނެ ކަމަށްވެސް އިންޒާރު ކުރައްވާފައިވެއެވެ.

ނަމަވެސް ފައްޔަގެ ކެމްޕެއިން ޓީމުން އެކަން ދޮގު ކުރެއެވެ.