އެމްޑީޕީގެ ޗެއާޕާސަން ކަަމަށް އެންމެ ރަނގަޅީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިސްމާއީލް ކަމަށާ އެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް އެމްޑީޕީ ނުހިންގޭނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
ޗެެއާޕާސަން ކަމަށް ފައްޔާޒް ގެންނަން ތާއީދު ކުރައްވާކަން ހާމަކުރައްވާ ހުސައިން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އެމްޑީޕީ ހިންގިފައި ނުވާ ކަމަށާ އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.
އެ ސަބަބާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ގެންނަން ޖެހޭނީ ހިންގުންތެރި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. މި މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އިމްތިޔާޒް ފަހްމީއަކީ އެފަދަ ހިންގުންތެރި ކަމެއް ހުރި ބޭފުޅެއް ނޫން ކަމަށާ އެއީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ހުރިހާ މެންބަރުން ގޮވައިގެން ވަޑައިގެންނެވޭނެ ބޭފުޅެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ.
"ހިންގުންތެރި ބޭފުޅަކު ޗެއާޕާސަން ކަމަށް އަންނަން ޖެހޭ. މިހާރު ކުރިމަތިލައްވާފައި ހުރި ދެ ކެންޑިޑޭޓުންގެ ތެރެއިން އިމްތިޔާޒް ފަހްމީއަކީ އެ ހިންގުންތެރިކަމާއި އެ ގާބިލްކަން، މީހުން ގޮވައިގެން އުޅުމުގެ ހުނަރު ހުރި ބޭފުޅެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. ފައްޔާޒް އިސްމާއީލަކީ އެފަދަ ގާބިލް ހިންގުންތެރި ބޭފުޅެއް،"
ފައްޔާޒަށް ތައުރީފު ކުރައްވާ ހުސައިން ވިދާޅުވީ އެމްޑީޕީގެ އިސް މަގާމެއްގައި ނެތް ނަމަވެސް މިއަދާ ހަމައަށްވެސް ފައްޔާޒްގެ ކިބައިން ލީޑާޝިޕް ކޮލިޓީ ފެނިފައިވާ ކަމަށެވެ. އެކި ހައިސިއްޔަތުތަކުން އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގައި އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަން ސަރުކާރުގެ ތެރެއަށް ގެނެސް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއަށް ދައުލަތުން ދޭ ފައިސާގެ ތެރެއިން ބައެއް އަތޮޅުތެރޭގެ ގޮފިތައް ހިންގުމަށް ދިނުމަށް ފައްޔާޒްގެ މެނިފެސްޓޯގައި ހިމަނާފައިވާ ހިމެނުމަށް އިޝާރާތް ކުރައްވާ ހުސައިން ވިދާޅުވީ ދައުލަތުން ދޭ ފައިސާގެ ތެރެއިން ބައެއް ރަށްރަށުގައި މެންބަރުން ތިބި އަދަދަށް ބަލާ ދޭން ޖެހޭ ކަމަށެވެ. މެންބަރުންގެ ކޮފީ ބަޖެޓާއި ހަރުގެ މަރާމާތު ކުރުން ފަދަ ކަންކަމަށް ފައިސާ ދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.