އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއަށް ތާއީދު ކުރެއްވުމަށް މިނިސްޓަރު އައިމިނަތު ޝައުނާ ނިންމެވުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރުޅިވެރިކަމާއެކު އެކަމަނާއަށް ރައްދު ދެއްވާ ފާޑުވިދާޅުވެއްޖެ އެވެ.
ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ޝައުނާ މިއަދު ވަނީ އޭނާގެ ތާއީދު ފައްޔާޒަށް އޮތްކަން ހާމަ ކުރައްވާފައެވެ. ޝައުނާގެ މެސެޖްގައި 2008 ވަނަ އަހަރު އިންތިހާބުވީ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ގެނެސްދިން ބަދަލުތަކާއި އަދި 2018 ގައި އުފެދި ހިނގަމުންދާ އެމްޑީީޕީގެ ސަރުކާރުން ކުރީގެ ސިޔާސަތުތައް ދަމަހައްޓަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އަދި އެމްޑީޕީ އުފެދިގެން އައި މަގުސަދުތަކާއި ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަ ދެއްކެވިއެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ޝައުނާގެ ނިންމެވުމަކީ އެކަމަނާގެ މިނިސްޓަރުކަން ދެމެހެއްޓުމަށް އަމިއްލަ އެދުމުގައި ދެއްކެވި ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާންކުރައްވަން ނޫޅުއްވުމަށް މިނިސްޓަރު ޝައުނާއަށް އިންޒާރު ކުރެއްވިއެވެ.
"އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަަރަށް ސާފުވާނެ،" ނުސީދާކޮށް އިމްތިޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން ނޫޅުއްވާ. އެމްޑީޕީގެ އާންމު މެންބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަަރަށް ސާފުވާނެމުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް
މިނިސްޓަރު ޝައުނާގެ މެސެޖްގައި ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީއެއް ކަމަށާ އަދި އެއީ ދިވެހީންގެ އާންމު ދިިރިއުޅުމުގެ ހާލަތު ބަދަލުކުރުމުގެ ސިޔާސަތުތަކެއް ތަންފީޒު ކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ. ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމާއި ބޯހިޔާވަހިކަމަކީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތަކަށް ހެދުން ފަދަ ކަންކަމަކީ އެމްޑީޕީން ވަކާލާތުކޮށް ތަންފީޒު ކުރަން ފެށި ކަންކަން ކަމަށް ވިދާޅުވިއެވެ.
އަދި މިހާރުވެސް 10،000 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ މިނިވަން ވޭޖް ތައާރަފުކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ.
ޝައުނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ދެމެހެއްޓުމަށް އަދިވެސް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށާ އެކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރަނގަޅު ބޭފުޅަކު ގެނައުން މުހިންމު ކަަމަށެވެ. އަދި އެފަދަ ބޭފުޅަކަށް ހުންނެވީ މިނިސްޓަރު ފައްޔާޒް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީން ވައުދުވެ ކުރަން ހުރި ކަންކަން އަދިވެސް ވަރަށް ގިނަ. އަދި ކުރަން ހުރި މަސައްކަތްތައް ކުރުމަށް މި ނިމިގެން އަންނަ ރިޔާސީ ދައުރުގައިވެސް މަސައްކަތް އެބަ ކުރަން ޖެހޭ. ޕާޓީއާ އެކީގައި މި މަސައްކަތްތައް ކުރަން ޖެހެނީ. 2023 ވަނަ އަހަރު އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރުމަށްވެސް ކުރަން ވަރަށް ގިނަ މަސައްކަތްތައް ކާމިޔާބުކުރާން އެބަހުރި. ޕާޓީއާއެކީގައި މި ދެންނެވި މަސައްކަތްތައްވެސް ކުރާން ޖެހޭނީ. އެހެންވީމަ ޖުމްލަކޮށް ބަލާއިރު މި ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޗެެއާޕާސަން ކަމަށް އިންތިހާބު ކުރުމަށް އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަޔާ،" ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވަނީ ފައްޔައަކީ ކިތަންމެ ދެބަސްވާން ޖެހުނަސް ކަންކަން ނިމައިދޭ ލީޑަރެއްގެ ކަމަށް ވިދާޅުވެ ފައްޔައަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
ފަޔާއާ އަޅުގަނޑާ އެކީގައި އެއްބަސްވާ ކަންތައްތައް ވަރަށް މަދުވާނެ. ގިނަ ވާނީ ދެބަސްވާ ކަންކަން. އެހެން ނަމަވެސް ދެބަސްވެ ޒުވާބުކޮށް ވާހަކަ ބަދަލުކޮށް ކަންތައް ނިމަދޭ މީހެއްގެ ގޮތުގައި ފަޔާ ފާހަގަކުރެެވެނީ. އަދި ކޮޅެއްގައި ޖައްސާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެނީ،" ޝައުނާ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ޕާޓީން ވައުދުވެ ކުރަން ހުރި ކަންކަން އަދިވެސް ވަރަށް ގިނަ. އަދި ކުރަން ހުރި މަސައްކަތްތައް ކުރުމަށް މި ނިމިގެން އަންނަ ރިޔާސީ ދައުރުގައިވެސް މަސައްކަތް އެބަ ކުރަން ޖެހޭ. ޕާޓީއާ އެކީގައި މި މަސައްކަތްތައް ކުރަން ޖެހެނީ. 2023 ވަނަ އަހަރު އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރުމަށްވެސް ކުރަން ވަރަށް ގިނަ މަސައްކަތްތައް ކާމިޔާބުކުރާން އެބަހުރި. ޕާޓީއާއެކީގައި މި ދެންނެވި މަސައްކަތްތައްވެސް ކުރާން ޖެހޭނީ. އެހެންވީމަ ޖުމްލަކޮށް ބަލާއިރު މި ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޗެެއާޕާސަން ކަމަށް އިންތިހާބު ކުރުމަށް އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފަޔާއައިމިނަތު ޝައުނާ | އެންވަޔަރަންމަންޓް މިނިސްޓަރު
ޝައުނާ ކުރީން ފާހަގަ ކުރެވުނީ ރައީސް ނަޝީދުގެ ވަރަށް އަރިސް އަދި އެމަނިކުފާނު ވަރަށް އިތުބާރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ނަޝީދުގެ އާއިލާގެ ބޭފުޅުންގެ ތާއީދު އޮތީ ފައްޔާޒާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަށެވެ. އިމްތިޔާޒަށް ތާއީދު ކުރައްވާކަން ސާފުކޮށް ވިދާޅުނުވި ނަމަވެސް ނަޝީދު ގެންދަވަނީ އެކި ގޮތްގޮތުން އިމްތިޔާޒަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރާއި ފައްޔާޒަށް ނިސްބަތްކޮށް އެކި ކަހަލަ ވާހަކަ ދައްކަވަމުންނެވެ.
އިންތިއަށް ތާއީދުކުރައްވާކަން ފާޅުގައި ހާމަކުރައްވަން ނަޝީދަށް ކެރިވަޑައިނުގަންނަވަނީ އެމަނިކުފާނު އެކަން ކުރައްވައިފިނަމަ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފައްޔާޒުގެ ދިފާއުގައި ނިކުންނަވާނެތީ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހާއި ސަރުކާރުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ފައްޔާޒަށް ތާއީދު ކުރެއެވެ.