އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) އަށް މަރުހަބާ ވިދާޅުވެ އެމްޑީޕީއާއެކު ދެމި ހުންނަވާނެ ކަމަށް އެ މަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ވިދާޅުވުމުން އެކަމަށް ފައްޔާޒް މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިމްތިޔާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ މިނިސްޓަރު ފައްޔާޒަށް މަރުހަބާ ވިދާޅުވެފައެވެ.
އަދި ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެކުގައި މަަސައްކަތް ކުރެއްވި އަދި ވޯޓް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އިމްތިޔާޒް ވިދާޅުވީ މި ހުރިހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާއި އަސާސްތަކުގައި އެމްޑީޕީއާއެކު ދެ ގޮތެއް ނުވެ އަބަދުވެސް ދެމި ހުންނަވާނެ ކަމަށެވެ. އިންތިގެ ޓްވީޓްގައި ވަނީ ވިހުރެމުންދިޔަ އެމްޑީޕީގެ ދިދަ ތަކެއް ފެންނަ ފޮޓޯއެއް ހިއްސާކުރައްވާފައެވެ.
"މިނިސްޓަރު ފައްޔާޒަށް މަރުހަބާ. ނިމިދިޔަ އިންތިހާބުގައި އަޅުގަނޑާއެކު މަސައްކަތް ކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ. އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާއެކު ދެގޮތެއްނުވެ އަބަދުވެސް ދެމިހުންނާނަން،" ރީންދޫ ކުލައިގެ ހިތެއް ބޭނުން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވިއެވެ.
އެ ޓްވީޓަށް ޖަވާބު ދެއްވާ ފައްޔާޒް ވަނީ ވާދަވެރި މި ސިޔާސީ ހަރަކާތުން އެނގޭ އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ދާނީ އެކީ އެކަށް ކުރިއަށް ކަމަށެވެ.
"ޝުކުރިއްޔާ އިންތި. ވާދަވެރި މި ސިޔާސީ ހަރަކާތުން އެނގޭ އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު. އަޅުގަނޑުގެ ވާދަވެރި ކެނޑިޑޭޓު ކަމުގައި ވިޔަސް ކުރިންވެެސް ދެންނެވި ފަދައިން އަޅުގަނޑުމެން އިންތިހާބަށް ފަހުގައި ތިބޭނީ އެއްކޮށް. މިޕާޓީ ދާނީ އެކީ އެކަށް ކުރިއަށް،" އިންތިގެ ޓްވީޓަށް ޖަވާބު ދެއްވާ ފައްޔާޒް ވިދާޅުވިއެވެ.
އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ ފައްޔާޒް އިސްމާއީލް އެވެ. ބައިލައްކައެއްހާ މީހުން ވޯޓްދިން އިންތިހާބުގައި ފައްޔާޒް ވަނީ ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ހޯއްދަވާފައެވެ.