އެމްޑީޕީ

ނަތީޖާ ލިބިއްޖެ، އެމްޑީޕީއަށް ދެން ވާނީ ކިހިނެތް؟

އިއްޔެ އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ވަކިން ހާއްސަކޮށް އެޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަކީ އެމްޑީޕީގެ 16 އަހަރުގެ ތާރީހުގައި ބޭއްވުނު އެންމެ ވާދަވެރި އިންތިހާބެވެ. އެންމެ ވަރުގަދަ ކެމްޕެއިނެއް ހިންގި އެތެރޭގެ އިންތިހާބެވެ. އެ އިންތިހާބަކާ ގުޅިގެން އެމްޑީޕީ އެންމެ ބޮޑަށް ބައިބައިވެ ފަޅިފަޅިވީ އިންތިހާބެވެ. މެންބަރުންގެ މެދުގައި އެންމެ ބޮޑަށް ބަހުގެ ހަމަލާ ބަދަލު ކުރެވުނު އިންތިހާބެވެ. ބައެއް ބޭފުޅުން ވަނީ ކެމްޕެއިން ފޯރީގައި ވާދަވެރި ބޭފުޅުންނަށް އެތައް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. ރާ ބައްލަވާ ކަމުގެ ތުހުމަތެވެ. ޒިނޭކޮށް ހަށިވިއްކާ ކަމުގެ ތުހުމަތަށް ދަންދެން ކުރެއްވި އެވެ. ކެމްޕެއިންގެ ވާދަވެރިކަމާއި ފޯރީގައި އެހާ ހިސާބަށްވެސް ވަޑައިގެންނެވި އެވެ. ދެ ކެންޑިޑޭޓުން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތް ވަރުގަދަ ކެމްޕެއިނެއް ހިންގެވިއެވެ. އެތެރޭގެ އިންތިހާބަކަށް މިހާތަނަށް ނުކުރާވަރުގެ ބޮޑު ހަރަދު ކުރެއްވި އެވެ.

މި ހުރިހާ ހޫނަކާއި އުދާހަކާއެކު އެމްޑީޕީގެ މެންބަރުން އިއްޔެ ނިކުމެ ގޮތް ނިންމައިފި އެވެ. 94،000 އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓް ދިނުމުގެ ހައްގު އޮތް އިންތިހާބުގައި 50،000 ގާތްކުރާ އަދަދަކަށް މެންބަރުން ވަނީ ވޯޓްލާފަ އެވެ. 28،000 އަށް ވުރެ ގިނަ ވޯޓް ހޯއްދެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. 20،000 އަށް ވުރެ ގިނަ ވޯޓް އިމްތިޔާޒް ފަހްމީއަށްވެސް ލިބިވަޑައިގަތެވެ. އެހެންކަމުން 58 ޕަސެންޓްގެ ތާއީދާއެކު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަޑައިގެންނެވީ އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ)ގެ ކޮއްކޮ ފައްޔާޒް އިސްމާއީލް (ފައްޔަ) އެވެ.

އިންތިހާބު ނިމުނު ނަމަވެސް އިއްޔެގެ އިންތިހާބަކީ ޝަކުވާތަކުން ފުރިފައިވި އިންތިހާބެކެވެ. ހާއްސަކޮށް އިމްތިޔާޒް ފަހްމީގެ ކެމްޕެއިން ޓީމުން ވަނީ ގިނަ ޝަކުވާތަކެއް ހުށައަޅާފައެވެ. ވޯޓްލުން ހުއްޓުވައި ދިނުމުގެ އަމުރުތަކަށްވެސް އެދުނެވެ. އަދި އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާފަދަ ކިތަންމެ ކަމެއް ހިނގާ ދިޔަކަމުގެ ޝަކުވާ ކުރިއެވެ. ނަތީޖާގެ ސައްހަ ކަމާމެދުވެސް ސުވާލު ކުރެއްވި އެވެ.

އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް

އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ރޭ ބުނި ގޮތުގައި އިންތިހާބުގެ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ވަރަށް ގިނަ ކަންކަން ފާހަގަކުރެވުމުން ހަތަރު ވޯޓް ފޮއްޓަކަށް ވޯޓްލުން ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެ ޓީމުން އެދުނެވެ. ނަމަވެސް އެކަމަށް އިންތިހާބާ ބެހޭ ކޮމެޓީން ގޮތްތަކެއް ނުނިންމި އެވެ.

ވޯޓްލުން ފެށި މާގިނަ އިރުތަކެއް ނުވަނީސް އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ވަނީ ވޯޓް ލުމުގެ ކުރީން ވޯޓް ކަރުދާސްކޮޅު ދައްކާ މައްސަލައެއް ފެންމަތިކޮށްފަ އެވެ. އަދި ވޯޓްކަރުދާސް ކޮޅު ފޮޓޯ ނަގާ ކަމަށެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުކުރިއެވެ. އޭގެ ފަހުން ޑަބަލް ވޯޓް ކަރުދާސް ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރިއެވެ. އިމްތިޔާޒުގެ ކެންޕެއިން ތަރުޖަމާން ވަހީދު ވިދާޅުވި ގޮތުގައި ވޯޓްލާން އައި މީހުންގެ އަދަދަށް ވުރެ މާ ގިނައިން ފޮއްޓަށް ކަރުދާސް އަޅާފައިވެ އެވެ. އެކަން ކުރަމުން ދިޔައީ އެހާމެ ފާޅުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެ ތުހުމަތުތައް ފައްޔާޒްގެ ކެމްޕެއިން ޓީމު ދޮގުކުރެ އެވެ. އެ ޓީމުގެ ތުހުމަތުގެ އިނގިލި ދިއްކުރީ އިންތިގެ ޓީމަށެވެ. އަދި އިމްތިޔާޒް ތަމްސީލު ކުރާ މަންދޫބު، ވޯޓްލާ މީހުންގެ ވޯޓްކަރުދާސް ދައްކަން އަންގާ ކަމަށާ ވޯޓް ކަރުދާސްކޮޅު ވީޑިއޯ ކުރަމުން ގެންދިޔަ ކަމަށް ތުހުމަތު ކުރިއެވެ. އެއީ ރާވައިގެން އިންތިހާބު ހަލާކުކޮށްލަން ކުރި ކަމެއް ކަމަށްވެސް ފައްޔާޒްގެ ކެމްޕެއިން ޓީމުން ދެކެ އެވެ.

އެންމެ ތަފާތު ނަތީޖާއެއް ރައީސްގެ ރަށުން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި ޅ. ހިންނަވަރުން ތަފާތު ބޮޑު މޮޅެއް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ހޯއްދަވާފަ އެވެ. މިއީ މުޅި އިންތިހާބުގެވެސް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

ހިންނަވަރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއަށް 600 ވޯޓް ލިބިވަޑައިގަތެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 9 ވޯޓެވެ. ބާތިލް ވޯޓްގެ ގޮތުގައި 8 ވޯޓް ގުނާފައިވެއެވެ. އިންތިހާބުގެ ކެމްޕެއިނަށް ފައްޔާޒާއި އިމްތިޔާޒްވެސް ވަނީ ހިންނަވަރަށް ވަޑައިގެންފަ އެވެ. ފައްޔާޒް ވަޑައިގެންނެވުމުން ރައީސް ސޯލިހްގެ އާއިލާ ބޭފުޅުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކެމްޕެއިނަށް އިމްތިޔާޒްގެ ޓީމު ވަޑައިގަތުމުން ހިންނަވަރުން ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. އިންތިއާއެކު މަޖިލީހުގެ ނާއިބު ރައީސް އަދި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވެސް ވަޑައިގެންނެވި އެވެ.

ހިންނަވަރަށް އީވާ ވަޑައިގަތުމުން "ބަވާލީ" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ރައީސް ސޯލިހަށް ވަރުގަދަ މެސެޖެއްވެސް ދެއްވާފަ އެވެ. އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެެވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ހިންނަވަރަށް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން "ބަވާ" ލާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަލޮޅަށް ވަޑައިގަތުމުން އެހެން ހައްދަވަންވީތޯ ސުވާލު ކުރެއްވިއެވެ.

ކާމިޔާބުން ދޭހަވީ ރައީސަށް އޮތް ތާއީދު

އިންތިހާބުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ފައްޔާޒް ވަނީ "ދަނޑިކޮށި ޖަގަހަ" އަށް ވަޑައިގެންފަ އެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިންތިހާބުގެ ނަތީޖާއިން ފެނުނީ ރައީސް ސޯލިހަށް އޮތް އިތުބާރު ކަމަށް ވިދާޅުވި އެވެ.

އިންތިހާބުގައި ފައްޔާޒާ ދެކޮޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައިވާތީ އެކަމާ ގުޅޭގޮތުން ވިދާޅުވީ އެއީ ސިޔާސީ ކަންކަން ހުންނަ ގޮތް ކަމަށެވެ. ސިޔާސީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ރައީސް ނަޝީދުވެސް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތީ އިންތިހާބު ނިމިފައި ކަމުން ދެން އެ ވާހަކަތައް ނުދައްކަވާނެެ ކަމަށެވެ.

ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވަން ފަސޭހަވާނެ ކަމަށާ އެއީ ވަރަށް ބޮޑަށް ކުރައްވަން ބޭނުންވާ ކަމެކޭވެސް ފައްޔާޒު ވިދާޅުވި އެވެ. އެމްޑީޕީ "ހިންގާލާނީ" ރައީސް ނަޝީދާއެކު ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވެވި އެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒާ އޭނާގެެ ޓީމާއެކު މަސައްކަތް ކުރައްވަންވެސް ހުންނެވީ ތައްޔާރަށެވެ.

"އަޅުގަނޑުގެ އަތް ވަނީ ހުޅުވިފައި އެބޭފުޅުން [އިންތިގެ ޓީމް]އާ އެކު މަސައްކަތް ކުރުމަށް،" ފައްޔާޒް ވިދާޅުވިއެވެ.

ދެ ރަައީސުންގެ ތާއީދު

ޗެެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވަނީ އެ މަގާމަށް ވަޑައިގަތުމަށް ވަރުގަދަ ކެމްޕެއިނެއް ކުރައްވާފަ އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި އެވެ. މާލެ އާއި ހުޅުމާލޭގައި ބޮޑެތި ޖަގަހަތައް ހުޅުވާ ކެމްޕެއިން ފޯރި ގަދަކުރެއްވި އެވެ.

މިއީ މި ފަހުން އެތެރޭގެ އިންތިހާބެއް މިހާ ފޯރިގަދަވި ފުރަތަމަ ފަހަރެވެ.

މި އިންތިހާބުގައި އެންމެ ގިނަ ބައެއްގެ މެދުގައި އޮތް ބަހުސަކީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓަކާ މެދު ގައެވެ. އިންތިހާބު ނިމުމާ ހަމައަށްވެސް ދެ ރައީސުން އެކަމުގައި ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ހާއްސަކޮށް ރައީސް ސޯލިހެވެ. އިންތިހާބާ ގުޅޭގޮތުން ސީދާކޮށް އަދި ނުސީދާކޮށްވެސް އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފައްޔާޒްގެ ކެމްޕެއިން ހިންގެވި ކަަމަށް އިމްތިޔާޒްގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރެއެވެ. ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު ބޭނުން ކުރެއްވި ކަމުގެ ތުހުމަތުވެސް ކުރައްވައެވެ. ނަމަވެސް އެ ތުހުމަތުތައް ފައްޔާޒްގެ ކެމްޕެއިން ޓީމުން ދޮގުކުރެއެވެ.

ޗެއާޕާސަން ކަމަށް ގެންނެވުމަށް ރައީސް ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓެއްވެސް އެމަނިކުފާނު ސާފުކޮށް ވިދާޅެއް ނުވެއެވެ. ނަމަވެސް އިންތިހާބުގައި ފައްޔާޒަށް ގެއްލުވާނެ ވަރަށް ގިނަ ވާހަކަތައް އެމަނިކުފާނު ދެއްކެވިއެވެ. އެމަނިކުފާނުގެ މުޅި އާއިލާ އޮތީ އިމްތިޔާޒް ފަހްމީއާ އެކުގައެވެ.

ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ މިނިސްޓަރު އައިމިނަތު ޝައުނާ ވީޑިއޯ މެސެޖެއް އާންމު ކުރެއްވުމުން އެކަމަށްވެސް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ނުރުހުންތެރިކަމާއެކު ރައްދު ދެއްވާފަ އެވެ. އެކަމަނާއަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވި އެވެ. މީގެ އިތުރުން ފައްޔާޒްގެ ކެމްޕެއިން ޓީމުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވަރަށް ސާފުކޮށް ކުރެއްވެވި އެވެ. ބައެއް ކުންފުނިތަކުގެ ވެރީންގެ ނަން ވިދާޅުވެ އެ ބޭފުޅުން ވަޒީފާގެ ބިރު ދައްކަވާ ކަަމަށް ވިދާޅުވި އެވެ.

އެކަމުގެ ސާފު ހެކި އެބަހުރި ކަމަށް ވިދާޅުވެ އެކަންކަން ނުހުއްޓުވައިފިނަމަ ފާޅުގައި ނިކުންނަވާނެ ކަމަށް އިންޒާރުވެސް ކުރެއްވި އެވެ.

ވޯޓް ނަގަނިކޮށް ނަޝީދުގެ ކުއްލި ފެނިލުމެއް

ވޯޓްލުން ކުރިއަށް ދަނިކޮށް ރައީސް މުހައްމަދު ނަޝީދު ވަނީ އަމިއްލަ ޓީވީ ޗެނަލެއް ކަމުގައިވާ ދިވެހި ޗެނަލްގެ ހާއްސަ ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ޕްރަގްރާމްގައި ރައީސް ނަޝީދު ވަނީ ސިޔާސީ ބޮޑެތި ވާހަކަތަކެއް ދައްކަވާފަ އެވެ. މިއީ ގަސްތުގައި ރާވައިގެން ކުރެއްވި ކަމެއް ކަމަށް ސަރުކާރުގެ ބައެއް ވެރީން ދެކެވަޑައިގަންނަވަ އެވެ. އެމަނިިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 2023ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވަ އެވެ. އަދި 2023ގެ ރިޔާސީ ރޭހަށް އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާނެ ކެންޑިޑޭޓަކު ނިންމާނީ އެމްޑީޕީގެ މެންބަރުން ކަމަށާ އެއީ ރިޔާސީ ޕްރައިމަރީއަކުން ކަމަަށްވެސް ވިދާޅުވި އެވެ. އެ ޕްރައިމަރީއަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ އިތުރުން އެހެން ބޭފުޅަކުވެސް ނިކުންނެވުން ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އޭގެ ފަހަށް ދެން ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ރައީސް ސޯލިހް ނިކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ. އަދި ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައި ނުވާކަން ފާހަގަ ކުރެއްވެވި އެވެ.

"އަޅުގަނޑު ލަފަޔެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު [ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް] ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަ ވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެބަ ބުނެވޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ރޭހަށް އެމަނިކުފާނު ނިކުންނަވާނެ ކަމަށެވެ. އެ ވާހަކަފުޅު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާނެ ކަމަށެވެ. އަދި ރައީސް ސޯލިހް ދެވަނަ ދައުރަކަަށް ކުރިމަތިލައްވާނެ ކަމަަށް ނުބައްލަވާ ކަމަަށެވެ.

ނަޝީދުގެ އެ ވާހަކަފުޅުތައް ސަރުކާރުން ވަގުތުން ދޮގުކުރި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަނުކުރައްވަން ނިންމަވާ އެކަން އެއްވެސް ބޭފުޅަކާ ހިއްސާ ކުރައްވާފައެއް ނުވެ އެވެ. ނަޝީދުގެ ނަން ވިދާޅުނުވެ ވިދާޅުވީ އެހެން ބޭފުޅަކު ވަކިގޮތަކަށް ވިދާޅުވާނަމަ އެ ހައްދަވަނީ ދޮގެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ފަހު އެކަން އެމަނިކުފާނު ހާމަ ކުރައްވާނެ ކަމަށެވެ.

އެހެން ކަމުން ޗެެއާޕާސަން އިންތިހާބު ނިމުނަސް އެމްޑީޕީތެރޭ އޮތް ހަގީގީ ހަނގުރާމަ އަދި މި ފެށުނީ ކަމަށް ބެލެވިދާނެ އެވެ. އިއްޔެގެ އިންތިހާބުގެ ކުރީން އުފެދުނު ހޫނާއި އިއްޔެ ކުއްލިއަކަށް މަންޒަރުގެ ތެރެއަށް އައި ކަންކަމަކީ އެ ހަނގުރާމަ ފެށުމުގެ އަލާމަތްތަކެވެ. ހަގީގީ ދެ ބަސްވުމާއި ހިޔާލު ތަފާތުވުން އޮތީ 2023ގެ ރިޔާސީ ޓިކެޓަށެވެ. ދެ ރައީސުންވެސް އެ ޓިކެޓް ބޭނުންފުޅުވެ އެވެ. ޕްރައިމަރީއަކަށް ގޮސް ކޮންމެ ނަތީޖާއެއް ނިކުތަސް އެމްޑީޕީ އެއްނުކުރެވޭނެ ވަރަށް ފަޅައިގެންދާނެ އެވެ. ރިޔާސީ އިންތިހާބު ގެއްލޭނެ އެވެ. އޭރުން ވެރިކަން ވެއްޓި އަނެއްކާ މަގުމަތީވި އެވެ.

މަޑުމަޑުން ތިބެ ހައްލެއް ހޯދޭތޯ މި ހުރިހާ ދުވަހު މަސައްކަތް ކުރީ އެ މަންޒަރު ދެކޭން ބޭނުންނުވާތީ އެވެ. ނަމަވެސް މިހާތަނަށް ކުރި މަަސައްކަތް ކާމިޔާބު ނުވެދިޔައީ އެވެ. ދެން އޮތީ އައު ޗެއާޕާސަންއާއެކު ރަނގަޅު ގޮތެއް ހޯދުމުގެ މަސައްކަތް ކުރުމެވެ. އެ މަސައްކަތް އެއްގޮތަކަށްވެސް ފަސޭހައެއް ނުވާނެ އެވެ. ޕްރައިމަރީ ނެތި ދެވަނަ ދައުރެއްގެ ޓިކެޓް ދީފިނަމަ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމު މަޑަކުން ނޯންނާނެ އެވެ. ޕްރައިމަރީއެއް ބާއްވައިފިނަމަ މިފަހަރު އުފެދުނު ހޫނާ އުދާސް ދެގުނަވެ ޕާޓީ ފަޅިފަޅިވެ ކުދިކުދިވާނެ އެވެ. އެހެންވީމަ ދެން ވާނެ ގޮތެއް ބަލާން ތިބެމާ ހިނގާށެވެ.