ހަބަރު

މައުސޫމަށް މަޖިލީހުން ރުހުން ދީފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މައުސޫމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް މީގެ ކުރިން ވެސް ވަނީ ރުހުން ދީފަ އެވެ.

ނަމަވެސް، އެ މައްސަލަ މިދިއަ ހަފްތާގައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ބުނެ އެ މައްސަލަ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފަ އެވެ.

އެއާއެކު ކޮމިޓީން ނިންމާފައި ވަނީ މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

ކޮމިޓީގެ ލަފާގެ މަތިން މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ވަނީ އޭނާ އަލުން މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވައި އަލުން ހުވާ ކުރައްވައިފަ އެވެ.

މަޖިލީހުގެ ދައުރުގެ ފަހު ޖަލްސާ މިއަދު އޮތް ނަމަވެސް، މައުސޫމަށް ރުހުން ދިނުމަށް މަޖިލީހުގެ ހިނގާ ދައުރު ވަނީ މިއަދާ ހަމައަށް އިތުރުކޮށްފަ އެވެ.

އެއާއެކު މިއަދުގެ ޖަލްސާގައި މައުސޫމަށް ރުހުން ދިނުމަށް ކޮމިޓީން ނިންމިގޮތަށް މިއަދުގެ ވޯޓުގައި ބައިވެރިވި 69 މެންބަރުން އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.