ހަބަރު

މައުސޫމަށް ރުހުން ދޭން އަނެއްކާވެސް ކޮމިޓީން ފާސްކޮށްފި

Aug 31, 2020

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ އަލުން ކުރައްވާފައިވާތީ، އޭނާއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ.

މައުސޫމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް މީގެ ކުރިންވެސް ވަނީ ރުހުން ދީފަ އެވެ.

ނަމަވެސް، އެ މައްސަލަ މިދިއަ ހަފްތާގައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ބުނެ އެ މައްސަލަ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފަ އެވެ.

އެއާއެކު ކޮމިޓީން ނިންމާފައި ވަނީ މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

ކޮމިޓީގެ ލަފާގެ މަތިން މައުސޫމް އިއްޔެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ވަނީ އޭނާ އަލުން މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވައި އަލުން ހުވާ ކުރައްވައިފަ އެވެ.

މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ރައީސް މަޖިލީހަށް އަލުން ފޮނުއްވުމުން އެ މައްސަލަ މިއަދު ރިޔާސަތުން ތަޅުމުގައި އިއުލާން ކުރައްވައި މައްސަލަ ވަނީ މިއަދު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.

އެގޮތުން، މިރޭ ވާޗުއަލްކޮށް ބޭއްވި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ ވޯޓުން ވަނީ މައުސޫމަށް ރުހުން ދޭން ފާސްކޮށްފަ އެވެ.

އެއާއެކު، އެ މައްސަލަ ރިޕޯޓެއްގެ ގޮތުގައި ދެން މަޖިލީހުގެ ޖަލްސާ އެއް އޮންނަ ދުވަހު ތަޅުމަށް ފޮނުއްވާނެކަމަށް ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހާރޫން ވަނީ މައުސޫމަށް ރުހުން ދިނުމަށްފަހު، ކޮމިޓީއަށް ހާޒިރުކޮށްގެން ޓޫރިޒަމާ ގުޅޭގޮތުން މިނިސްޓަރު ގެންގުޅުއްވާ ތަސައްވުރާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުމަށް ދިއްދޫ ދާއިރާގެ އަބްދުﷲ މުހައްމަދު ތާއީދު ކުރެއްވުމުން، އެ ހުށަހެޅުންވެސް ވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ދައުރުގެ ފަހު ޖަލްސާ މިއަދު އޮތް ނަމަވެސް، މައުސޫމަށް ރުހުން ދިނުމަށް އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް މަޖިލީހުގެ ދައުރު ވަނީ އިތުރުކޮށްފަ އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވަނީ، 11 ގަޑިއިރަށް ދިގު ދެމިގެންދިއަ މިއަދުގެ ޖަލްސާ ނިންމާ ނުލައްވައި ކަމަށާއި، ޖަލްސާ މެދުކަނޑާލެއްވީ ކަމަށެވެ.

ނަމަވެސް، ދެން ޖަލްސާއެއް އޮންނަ ދުވަހެއް އިއުލާނުކުރައްވާފައެއް ނުވެ އެވެ.