ހަބަރު

މައުސޫމު އަލުން ހުވާކުރަން ލަފާދޭން ފާސްކޮށްފި

Aug 26, 2020
2

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އޭނާ އަލުން މަގާމުގެ ހުވާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވާ ގޮތަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ފާސްކޮށްފި އެވެ.

މައުސޫމަށް ރުހުން ހޯދަން ރައީސް ސޯލިހު ފޮނުއްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ އިއްޔެ ކުރި ބަހުސްގައި ބައެއް މެންބަރުން ވަނީ އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ވަނީ ބުނެފަ އެވެ.

މައުސޫމް މިނިސްޓަރު ކަމަށް އައްޔަން ކުރުމަށް ވޯޓަށް އެހުމުގެ ކުރިން ބަހުސަށް ހުޅުވާލުމުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުން މިނިސްޓަރަކު ވިޔަފާރިއެއްގަ ބައިވެރި ވެގެން ނުވާނެ ކަމަށެވެ.

އެކަން ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް ސާފުކޮށް ދެއްވުމަށް ރިޔާސަތުން އެދުމުން ފަލާހް ވިދާޅުވީ، ކޮމިޓީން ރުހުން ދިނުމުގެ ކުރިން ކުންފުންޏެއްގެ އެމްޑީގެ މަގާމުން މައުސޫމް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވިއިރު، މައުސޫމު ހުންނެވީ ކުންފުންޏެއްގެ އެމްޑީގެ މަގާމުގައި ކަމަށް ފަލާހް ވިދާޅުވި އެވެ.

އެއާއެކު އެ މައްސަލަ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވުމަށް އިއްޔެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން މިއަދު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެގޮތުން، އެއް ބައި މެންބަރުން ވިދާޅުވީ، މާލީ މަންފާއެއްގެ ވާހަކަ ގާނޫނު އަސާސީގައި ބުނާތީ، އަލުން ހުވާ ނުކުރައްވައި، މައުސޫމަށް މަޖިލީހުން ރުހުން ދެވިދާނެ ކަމަށެވެ.

ނަމަވެސް، އަނެއް ބައި މެންބަރުން ވިދާޅުވީ، ހުވައާ މެދު ސުވާލު އުފެދިފައިވަނިކޮށް، މައުސޫމް މަގާމުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތްތަކާމެދު ސުވާލެއް އުފެއްދުމުގެ ފުރުސަތު ނުދީ، އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.

އެއާއެކު، ދިއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވީ، ހުވައާމެދު ސުވާލު އުފެދިފައިވާތީ، ވަޒީރު ކަމުގެ ހުވާ އަލުން ކުރެއްވުމަށްފަހު އަނބުރާ އެ މައްސަލަ މަޖިލީހަށް ފޮނުއްވުމަށް ރައީސަށް ކޮމިޓީން ރެކަމެންޑޭޝަނެއްގެ ގޮތުގައި ފޮނުވުމަށެވެ.

އެ ހުށަހެޅުމަށް ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން މުހައްމަދުދީދީ ތާއީދުކުރެއްވުމުން، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ އަގުލަބިއްޔަތުން އެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.